ލޮކްޑައުންގައި ތިބިއިރު ވެސް ގިނަ މީހުންތަކެއް އަލަށް ކޭ-ޑްރާމާގެ އެކި ސީރީޒްތައް ބަލާފައިވެ އެވެ. ކޮރެއަން ޑްރާމާގެ ދުނިޔޭގައި ފާއިތުވި 2020 ވެގެން ދިިޔައީ ވަރަށް ވެސް ކާމިޔާބު އަހަރަކަށެވެ. އެއާއެކު މިއަހަރު ވެސް ގިނަ ޑްރާމާތަކެއް ރިލީޒް ކުރުމަށް ވަނީ ޝެޑިއުލް ކުރެވިފަ އެވެ.
ތިރީގައި މި ވަނީ ފާއިތުވި އަހަރުގެ ފަހު ކޮޅު ފެށި އަދި ނުނިމޭ ކޭ-ޑްރާމާގެ އިތުރުން މި މަހުގެ ތެރޭ ފެށި ބަލާލަން ރަނގަޅު 10 ޑްރާމާއެކެވެ.
ޓްރޫ ބިއުޓީ
ވެބްޓޫންއަކަށް ބިނާކޮށް ގެނެސްދޭ މި ޑްރާމާ ސީރީޒްއަކީ ކޭ-ޑްރާމާގެ ގިނަ ފޭނުންތަކެއްގެ ދިގު އިންތިޒާރަކަށް އައި ނިމުމެކެވެ. މިދިޔަ ޑިސެމްބަރު މަހު ފެށި މި ޑްރާމާއަކީ ސިފަ ހުތުރު ކަމަށް ބުނެ ބުލީ ކުރާ އަންހެން ކުއްޖަކު މޭކަޕް ބޭނުންކޮށްގެން އޭނާގެ މުޅި ސިފަ ބަދަލުކޮށްލާތަން ދައްކާ ސީރީޒްއެކެވެ. އަދި މިއީ ތިނެސްކަން ލޯބީގެ ވާހަކައެކެވެ.
ޝީ ވުޑް ނެވާ ނޯ
ރޮމް-ކޮމް ޖޯންރާގެ މި ސީރީޒްއަކީ ކޮސްމެޓިކް ކޮމްޕެނީއެއްގައި ހިނގާ އެކި ކަންކަން ދައްކުވައިދޭ ސީރީޒްއެކެވެ. އެގޮތުން މި ސީރީޒްގެ ލީޑުންނަކީ އެ ކޮސްމެޓިކް ކޮމްޕެނީގެ ބްރޭންޑް މާކެޓަރުންނެވެ. މި ސީރީޒްގެ ފުރަތަމަ އެޕިސޯޑު ޖޭޓީބީސީން ދެއްކުމަށް ޝެޑިއުލް ކޮށްފައިވަނީ މިއަދަށެވެ.
މެރިއޭޖް ލިރިކްސް އެންޑް ޑިވޯސް މިއުޒިކް
މިއީ ތިން އަންހެނުންގެ ދިރިއުޅުން ދައްކުވައިދޭ ސީރީޒްއެކެވެ. އެގޮތުން މި ސީރީޒްއިން ފެނިގެން ދާނީ 30 ގެ އަހަރުތައް، 4 0ގެ އަހަރުތައް އަދި 50 ގެ އަހަރުތައް ގުނަމުންދާ ތިން އަންހެނުންނާއި، އެމީހުންގެ ފިރިންނާއި ދެމެދު ހިނގާ އެކި ހާދިސާތަކާއި، އެމީހުންގެ ދިރިއުޅުމުގައި ކުރިމަތިވާ އެކި ދަތިތަކެވެ. މި ސީރީޒް ޕްރިމިއާ ކުރަން ހަމަޖައްސާފއިވަނީ މިމަހު ޓީވީ ޗޮސުން އިންނެވެ.
ރޯޔަލް ސީކްރެޓް އެޖަންޓް
މިއީ ކޮރެއާގެ ޖޯސެން އެރާގައި މަސައްކަތް ކުރާ ސިއްރު ޝާހީ އިންސްޕެކްޓަރެއްގެ ވާހަކަ ދައްކުވައިދޭ ސީރީޒްއެކެވެ. އެގޮތުން މި ސީރީޒްގެ ލީޑު ރޯލުން ފެނިގެންދާނީ އޭނާގެ އަސްލު އައިޑެންޓިޓީ ފޮރުވައިގެން ރޭގަނޑު އާންމު މީހުންގެ ތެރޭގައި އުޅޭ ޝާހީ އިންސްޕެކްޓަރެއްގެ ގޮތުުގައެވެ. މީނާއަކީ އާންމުންނަށް ދިމާވާ ދަތިތައް ރަސްގެފާނަށް ރިޕޯޓުކުރުމުގެ މަސައްކަތާއި ހަވާލުވެ ހުންނަ މީހެކެވެ. މި ސީރީޒް މިހާރު ވަނީ ޕްރިމިއާ ކޮށްފައެވެ.
ރަން އޮން
މި ސީރީޒްއަކީ އެކްސިޑެންޓަކާއި ގުޅިގެން ރިޓަޔާ ކުރަން ޖެހިފައިވާ ގައުމީ ޓްރެކް އަދި ފީލްޑް އެތްލީޓެއް ބޭރުގެ ފިލްމް ތަރުމަޖާކުރާ މީހަކާ ދިމާވެ ހިނގާ ހާދިސާތަކެއްގެ މައްޗަށް ބިނާކޮށް ލިޔެފައިވާ ސްކްރިޕްޓަކަށް އުފައްދާފައިވާ ފިލްމެކެވެ. ލޯބީގެ މި ޑްރާމާއަކީ ގިނަ ބައެއްގެ ލޯބި ލިބިފައިވާ ކާސްޓެއް ހަރަކާތްތެރިވާ ސީރީޒްއެކެވެ. މިދިޔަ ޑިސެމްބަރު މަހު 16 ގައި ފެށި މި ސީރީޒްގެ އަދިވެސް ކުރިއަށް ދާއިރު، މި ސީރީޒް ނެޓްފިލްކްސްއިން ބެލޭނެއެވެ.
މިސްޓާ ކުއީން
މިއީ ތާރީހީ ސީރީޒްތަކަށް ލޯބި ކުރާ މީހުން، އަދި ކޮމެޑީ ސީރީޒްތަކަށް ލޯބި ކުރާ މީހުން ބަލާލުން ރަނގަޅު ސީރީޒްއެކެވެ. މި ސީރީޒްގައި ދައްކުވައިދެނީ މި ޒަމާނުގެ މީހެއް ޖޯސެން އެރާއަށް ދަތުރުކޮށް، އެ ޖޯސެން ޒަމާނުގެ ރާނީއެއްގެ ގަޔަށް އޭނާގެ ރޫހު ވަނުމުގެ ސަބަބުން ހިނގާ ހާދިސާތަކެއް ދައްކުވައިދޭ ސީރީޒްއެކެވެ. މި ސީރީޒް ވެސް މިހާރު ވަނީ ދައްކަން ފަށާފައެވެ.
ލިވް އޮން
މިއީ ހައިސްކޫލް ދިރިއުޅުން ދައްކުވައިދޭ ސީރީޒްއެކެވެ. އެގޮތުން މި ސީރީޒްއިން ފެނިގެންދާނީ ހައި ސްކޫލްގެ މަޝްހޫރު ދަރިވަރަކަށް އޭނާގެ ކުރީގެ ސިއްރެއް ހާމަކުރުމަށް މީހަކު އުޅޭކަން އެނގުމުން، ސްކޫލުގެ ބްރޯޑްކާސްޓިން ކްލަބަށް ވަދެ، އެ ކްލަބްގެ އިސްދަރިވަރުގެ އެހީގައި އެކަން ކުރަން އުޅޭ މީހާ ހޯދުމަށް ކުރާ މަސައްކަތެވެ.
ލަވް ސްޓްރަކް އިން ދަ ސިޓީ
މިއީ ރިއަލިސްޓިކް ރޮމޭންސް ސީރީޒްއެކެވެ. މި ސީރީޒްގައި ސިޓީއެއްގައި ދިރިއުޅެމުން އަންނަ އާކިޓެކްޓަކާއި ފްރީލާންސް މާކެޓާއެއްގެ ދިރިއުޅުން ދައްކުވައިދެއެވެ. މި ސީރީޒް މިހާރު ޕްރެމިއާ ކޮށްފައިވާއިރު، މި ސީރީޒް ނެޓްފްލިކްސްއިން ވެސް ބެލެއެވެ.
ޕްލީޒް ޑޯންޓް ޑޭޓް ހިމް
މި ސީރީޒްއަކީ އޭއައި ޕްރޮގްރާމާއެއް ލޯބި ހޯދުމަށް ކުރާ މަސައްކަތް ދައްކުވައިދޭ ސީރީޒްއެކެވެ. އެގޮތުން ނުރަނގަޅު މީހެއް ދެކެ ލޯބިވާން ބޭނުން ނުވުމުގެ ސަބަބުން ނުބައި މީހުން ދެނެގަނެވޭނެ އޭއައި ޕްރޮގްރާމެއް އޭނާ ތައްޔާރު ކުރެއެވެ. އޭގެ ފަހުން އޭނާގެ ޕްރޮގްރާމުން އެނަލައިޒް ނުކުރެވޭ ފަޔާފައިޓާއަކާއި ދިމާވެ، ހިނގާ ހާދިސާތައް މި ސީރީޒްއިން ފެންނާނެއެވެ. މިދިޔަ ޑިސެމްބަރު މަހު ފެށި މި ސީރީޒް ވަނީ މިމަހު 12 ގައި އެއްކޮށް ނިމިފައެވެ.
ހަޝް
މިއީ އޮފީސް ޑްރާމާތަކަށް ލޯބިކުރާ މީހުންނަށް ރަނގަޅު ސީރީޒްއެކެވެ. މި ސީރީޒްގައި ފެނިގެންދާނީ ނިއުސްޕޭޕާ އޭޖެންސީއެއްގެ ވެޓެރަން ރިޕޯޓަރަކާއި، އޭނާއާއެކު އުޅޭ އިންޓާން ރިޕޯޓަރަކާ ދެމެދު ހިނގާ ހާދިސާތަކެވެ. އެގޮތުން މަސައްކަތުގެ މާހައުލުން ކުރިމަތިވާ އެކި ދަތިތަކާއި މައްސަލަތައް ވެސް މި ސީރީޒްއިން ފެންނާނެއެވެ. މި ސީރީޒް އަކީ މިހާރު ޕްރިމިއާކޮށްފައިވާ ސީރީޒްއެކެވެ.