މި އަހަރުގެ ލީގާ ޔުނައިޓެޑް ވިކްޓްރީން ކުރިމަތިލީ އިރު އެ ޓީމުގެ ކޯޗު މުހައްމަދު އާދަމްގެ ޓާގެޓެއް ކަމަށް ކަނޑައަޅާފައިވަނީ ލީގު ޗެމްޕިއަންކަން ހޯދުމެވެ. އެހެންނަމަވެސް ލީގުގައި ހަ މެޗު ކުޅުނު އިރު ޓޭބަލްގެ އެންމެ ފުލުގައި ޔޫވީ އޮތީ އެންމެ މެޗަކުން ވެސް މޮޅު ނުވެއެވެ. ތިން މެޗުން އެއްވަރު ވެގެން ލިބިފައިވަނީ އެންމެ ތިން ޕޮއިންޓެވެ.
ފުރަތަމަ ބުރުވެސް ނުނިމެނީސް މަގާމުން އިސްތިއުފާ ދިން، މިދިޔަ ސީޒަން ހަތްވަނަ ޔުނައިޓެޑް ވިކްޓްރީގެ ކޯޗު މުހައްމަދު އާދަމް، ސީޒަން ފެށުމުގެ ކުރިން ބުނެފައިވަނީ ޔޫވީން ނިކުންނަނީ ލީގު ކާމިޔާބު ކުރުމުގެ އަޒުމުގައި ކަމަށެވެ.
ދިވެހި ލީގު ކާމިޔާބުކުރަން ޓާގެޓް ކުރި މުހައްމަދު އާދަމް މަގާމުން އިސްތިއުފާ ދިން އިރު ޔުނައިޓެޑް ވިކްޓްރީ އޮތީ ޓޭބަލްގެ އެންމެ ފުލުގައެވެ. ހަ މެޗު ކުޅުނު އިރު އެންމެ މެޗަކުން ވެސް މޮޅު ނުވެއެވެ. އަދި ލީގުގައި މިހާތަނަށް އެންމެ މެޗަކުން ވެސް މޮޅު ނުވާ ހަމައެކަނި ޓީމަކީވެސް ޔުނައިޓެޑް ވިކްޓްރީއެވެ.
ދިވެހި ލީގުގެ މި އަހަރުގެ މުބާރާތުން ޔުނައިޓެޑް ވިކްޓްރީއަށް ފުރުސަތު ދީފައިވަނީ ޔުނައިޓެޑް ވިކްޓްރީއަށް ވުރެ މަތިން އެންމެ ފަހުން ލީގުގައި ވާދަކުރި ފޯކައިދޫ މުބާރާތުން ބާކީ ކުރަން އެފްއޭއެމްގެ އެކްސްކޯއިން ނިންމުމަށް ފަހުއެވެ. މިދިޔަ ލީގަށް ފަހު އެފްއޭއެމުން ނިންމީ އަތޮޅުތަކުން އައިސްފައިވާ ޓީމުތަކަށް ދިވެހި ލީގުން ފުރުސަތު ނުދޭށެވެ. މި ނިންމުމާއި އެކު ޔޫވީއަށް ވުރެ ރަނގަޅު ނަތީޖާ ހޯދާފައިވާ ފޯކައިދޫ ލީގުން ބާކީކުރިއެވެ.