ޓޫރިޒަމް ދާއިރާއަށް، ހާއްސަކޮށް އެންވަޔަރްމެންޓް މިނިސްޓްރީން މާ ކުރިން ހަދާފައިވާ ގަވާއިދަކަށް ބަލައި ރިސޯޓުތަކުން އުފެދޭ ކުނި ކަނޑަށް އަޅަމުން އަންނައިރު އެކަމަށް ހައްލެއް ހޯދަން ރައްޔިތުންގެ މަޖިލީހުގެ އެންވަޔަރްމެންޓް ކޮމިޓީން މިއަދު ވަނީ މަޓީއާއެކު މަޝްވަރާކޮށްފަ އެވެ.
އެ ބައްދަލުވުމުގައި މަޓީން ވަނީ ކަނޑަށް ކުނި އެޅުން ކުއްލިއަކަށް ހުއްޓާލަން ޖެހިއްޖެ ނަމަ ވަރަށް އުނދަގޫ ވާނެ ކަމަށް ބުނެފަ އެވެ. ރިސޯޓްތަކުން ކަނޑަށް އަޅަނީ ކާބޯތަކެތިން އުފެދޭ، ފަސޭހައިން ހަލާކުވާ ކުނިކަން ފާހަގަކުރައްވަމުން މަޓީން ވަނީ އެކަން ކުއްލިއަކަށް ހުއްޓުވައިފިނަމަ ބޮޑެތި މައްސަލަތަކެއް ވެސް އުފެދޭނެ ކަމަށް ބުނެފަ އެވެ.
އެކަމަށް ދެއްވި ރައްދެއްގައި ބޮންޑޭ ވިދާޅުވީ ފަޅު ރަށްތަކުގައި ރިސޯޓު ހަދަން ދޫކުރީ ކުއްލިއަަކަށް ނޫން ކަމަށާއި ކުނި މެނޭޖް ކުރުމާއި ކުނި ނައްތާލާނެ ދުނިޔޭގައި ލެއްވިހާ ވަސީލަތެއް ބޭނުން ކުރާނެ ކަމަށް ރިސޯޓު ހޯދުމަށް ބިޑްކުރާ ލިޔެކިޔުންތަކުގައި މިނިސްޓްރީގައި ހުންނާނެ ކަމަށެވެ.
އެގޮތަށް ވިދާޅުވެ ބޮންޑޭ ވަނީ ޖޫރިމަނާ ކުރެވޭނެ ކަމަށާއި އެ ތަންތަން ބަންދު ވެސް ކުރެވޭނެ ކަމަށް ވިދާޅުވެފަ އެވެ.
މަޓީގެ ކަންބޮޑުވުމަކަށްވީ ކުއްލިއަކަށް ގަވާއިދު ބަދަލުކޮށް ސަފާރީތައް ޖޫރިމަނާކުރަން ފަށައިފިނަމަ އެތަންތަން ބަނގުރޫޓުވުމުގެ ފުރުސަތު ބޮޑުވުމެވެ. އެހެންކަމުން، ކުނި އުކާލެވޭނެ އިންތިޒާމެއް ހަމަޖައްސައި އަދި މުއްދަތެއް ދިނުމަށް ފަހު ޖޫރިމަނާކުރަން މައްސަލައެއް ނެތް ކަމަށް މަޓީން ބުނެ އެވެ.
ދޭތެރެ ދޭތެރެއިން ރިސޯޓުތަކުން ކަނޑަށް ކުނި އަޅާ ވީޑިއޯތައް ސޯޝަލް މީޑިއާގައި ދައުރުވެ ގިނަ ބައެއްގެ ފާޑުކިޔުމާއި ކުރިމަތިލާން ޖެެހެ އެވެ.