މޫނު ބުރުގާ އެޅުން މަނާ ކުރުމާ މެދު އެގައުމުގެ އަންނަ މާޗް ހަތްވަނަ ދުވަހު ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ވަނީ ހަމަޖެހިފަ އެވެ.
އެ ހައްގު ހިފަހައްޓައިފި ނަމަ ފަތުރުވެރިކަމަށް އަސަރު ކުރާނެ ކަމަށް ސަރުކާރުން ގަބޫލުކުރެ އެވެ. އެހެންކަމުން ސަރުކާރުން ބާރު އަޅަނީ އެ ހައްގު ނުހިފެހެއްޓުމަށެވެ.
ސްވިޓްޒަލޭންޑުގައި އޮންނަނީ ޑައިރެކްޓު ޑިމޮކްރަސީގެ ނިޒާމުކަމުން ގާނޫނު އަސާސީ ބަދަލު ކުރަން ހުށަހަޅާ، އެ ހުށަހެޅުމަށް 100،000 އަށް ވުރެ ގިނަ ސޮއި ލިބިއްޖެ ނަމަ، ޖެހެނީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދާށެވެ.
މިފަދަ ހުށަހެޅުމެއްގެ ދަށުން 2009 ވަނަ އަހަރު އެގައުމުގެ ރައްޔިތުން ވަނީ މިސްކިތުގައި ގުއްބު ހެދުން މަނާކޮށްފަ އެވެ. މިހާރު ވެސް އެގައުމުގެ ބައެއް ސަރަހައްދުތަކުގައި މޫނު ބުރުގާ އެޅުން މަނަ އެވެ. އެކަމަކު މިއީ ގައުމީ ސިޔާސަތަކަށް ވެއްޖެ ނަމަ އޭގެ ނޭދެވޭ އަސަރު ކުރާނެ ކަމަށް ސަރުކާރުން ބުނެ އެވެ.
ސަރުކާރުން ނެރުނު ބަޔާނެއްގައި ބުނީ މިހާރު ވެސް އެގައުމުގައި މޫނު ބުރުގާ އަޅަނީ މަދު ބަޔަކު ކަމަށެވެ. އަދި އެކަން މަނާކޮށްފި ނަމަ ފަތުރުވެރިކަމަށް އަސަރުކޮށް، އަންހެނުންގެ ހައްގުތަކަށް އުނިކަން ލިބޭނެ ކަމަށް ބުނެފައި ވެއެވެ.
ގަލްފް އަރަބި ގައުމުތަކުގެ ފަތުރުވެރިން ވަރަށް ގިނައިން ސްވިޓްޒަލޭންޑަށް ދަތުރުކުރެ އެވެ. އެގައުމުގެ 8.6 މިލިއަން މީހުންގެ ތެރެއިން މުސްލިމުންނަކީ އެންމެ ފަހެއް އިންސައްތަ އެވެ.
މީގެ ކުރިން ފްރާންސާއި ޑެންމާކުގައި ވެސް މޫނު ބުރުގާ އެޅުން ވަނީ މަނާކޮށްފަ އެވެ.