ads
މިނިސްޓަރު މާރިޔާ-- ފޮޓޯ:އެމްއެންޑީއެފް
ޓެރަރިޒަމަކީ ގައުމަކަށް އެކަނި ބަލިކުރެވޭނެ ވަބާއެއް ނޫން: މާރިޔާ
ޓެރަރިޒަމާއި ހަރުކަށި ފިކުރަކީ އެއް ގައުމަކުން އެކަނި ކުރިމަތިލައިގެން، ބަލިކުރެވޭނެ ވަބާއެއް ނޫން ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.

"މިނިސްޓަރުގެ ގަލަންކޮޅުން" މި ހަފްތާގައި މިނިސްޓަރު މާރިޔާ ވިދާޅުވެފައިވަނީ ޓެރަރިޒަމާއި ހަރުކަށި ފިކުރާ ދެކޮޅަށް ގުޅިގެން މަސައްކަތްކުރުމަށްޓަކައި ސައުދީ އަރަބިއްޔާއިން އުފައްދާފައިވާ "އިސްލާމިކް މިލިޓަރީ ކައުންޓާ ޓެރަރިޒަމް ކޯލިޝަން" (އައިއެމްސީޓީސީ)ގެ ކައުންޓާ ޓެރަރިޒަމް ސެންޓަރުގައި ހަރަކާތްތެރިވުމަށްޓަކައި އެގައުމަށް ވަޑައިގެންނެވި ސިފައިންގެ ހަތަރު ބޭކަލުންނާ، މިދިޔަ ހަފްތާގެ ތެރޭގައި، މިނިސްޓަރު ބައްދަލުކޮށް، ލިޔުން ހަވާލުކޮއްފައިވާ ކަމަށާއި އަދި އެ ޓީމުގެ މަސައްކަތުގައި ފުރިހަމަ ކާމިޔާބީއަށް މިނިސްޓަރު އެދޭ ކަމަށެވެ.

އަދި ޓެރަރިޒަމާއި ހަރުކަށި ފިކުރަކީ މުޅި ދުނިޔެއަށް ކުރިމަތިވެފައިވާ ބޮޑު ނުރައްކަލެއް ކަމަށާއި އެއީ އެއް ގައުމަކުން އެކަނި ކުރިމަތިލައިގެން، ބަލިކުރެވޭނެ ވަބާއެއް ނޫން ކަމަށް ވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ. އެހެންކަމުން، ދޭދޭ ގައުމުތަކުން ގުޅިގެން މަސައްކަތްކުރުމަކީ، ދުނިޔޭގެ ތާރީހަށް ބެލިއަސް، ބައިނަލްއަގްވާމީ މައްސަލަތައް ހައްލުކުރަން އޮތް އެންމެ އެކަށޭނަ އެއް މަގު ކަމަށް ވެސް މާރިޔާ ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ ކޮވިޑް-19 ބަލިމަޑުކަމުން އަރައިގަތުމަށް ދުނިޔޭގެ ގައުމުތަކުން ގުޅިގެން މަސައްކަތް ކުރަމުންދާ ދަނޑިވަޅެއްގައި، ޓެރަރިޒަމާއި ހަރުކަށި ފިކުރާ ދެކޮޅަށް، ދުނިޔޭގެ ފެންވަރުގައި، އަމަލީ ގޮތުން މަސައްކަތް ކުރުމަށް، ދިވެހި ސިފައިން އަމިއްލަ ގައުމު ދޫކޮށް، އެހެން ގައުމެއްގައި ހަރަކާތްތެރިވާން ދިޔުމަކީ، ސަރުކާރުން ޓެރަރިޒަމާއި ހަރުކަށި ފިކުރާ ދެކޮޅަށް ގެންގުޅުއްވާ "ޒީރޯ ޓޮލެރަންސް" ސިޔާސަތަށް ލިބުނު ކުރިއެރުމެއް ކަމަށެވެ.

މިކަމަށްޓަކައި، ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލަށާއި، ޖެނެރަލް އޮފިސަރުންނަށާއި، ހުރިހާ ރޭންކެއްގެ ސިފައިންނަށާއި ސިފައިންގެ އާއިލާތަކަށް، ރައީސްގެ ނަންފުޅުގަޔާއި މިނިސްޓަރުގެ ނަމުގައި ޝުކުރު އަދާ ކުރައްވާ ކަމަށް ވެސް މިނިސްޓަރު މާރިޔާ ވިދާޅުވިއެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް