ގައްސާން މިހެން ވިދާޅުވީ ރޭ އިދިކޮޅު ކޯލިޝަނުން މާލެ އާއި ތ. ގުރައިދޫގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.
އެގޮތުން ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ކޮންމެ 100 އަހަރަކުން އެއްފަހަރު ދުނިޔެއަށް ބަލިމަޑުކަމެއް ފެތުރިގެން ދާކަމަށް ގައްސާނު ވިދާޅުވިއެވެ. އަދި މި ދަނޑިވަޅުގައި ތަހައްމަލު ކުރަމުން އަންނަ ކޮވިޑް 19 ގެ ކަންކަމަކީ މިފަދަ ދުވަސްތަކެއް ކަމަށް ގައްސާން ވިދާޅުވިއެވެ.
ހަމަ މިފަދައިން އަހަރެމެންގެ އަމިއްލަ ތަޖުރިބާގައި، ރާއްޖެއަށް ބަލާލާއިރު، 2003 ވަނަ އަހަރުން ފެށިގެން ކޮންމެ ފަސް އަހަރަކުން ރާއްޖެ ބަލިމަޑުކަމެއް ތަހައްމަލު ކުރާ ކަމަށް ގައްސާން ވިދާޅުވިއެވެ. ގައްސާން ވިދާޅުވީ ދީނީ ގޮތުން ވީނަމަވެސް، އިޖުތިމާއި ގޮތުންވީ ނަމަވެސް، އިގުތިސާދީ ގޮތުން ވީނަމަވެސް މައުނަވީ ގޮތެއްގައި މުޅި ރާއްޖެއަށް ހީނަރު ކަމެއް އަންނަ ކަމަށެވެ.
ގައްސާން ވިދާޅުވީ ފެނިގެން ދަނީ ގައުމު ކުރިއަށް ދިއުމުގެ ބަދަލުގައި، ފަހަތަށް ދާ މަންޒަރު ކަމަށެވެ. ގައްސާން ވިދާޅުވީ އޭނާއަށް ފެންނަ ގޮތުގައި މިކަމެއް މި ދިމާވަނީ ވަކި ބަޔަކު ދައުލަތާއި ހަވާލުވާ ކޮންމެ ދަނޑިވަޅެއްގައި ކަމަށެވެ.
ކޮވިޑްގެ މިހާތަލުގައި އެންމެ ކުޑަކުއްޖާއަށް ވެސް މިކަމުން ރައްކާތެރިވުމަށް އަޅާ ފިޔަވަޅުތައް އިނގޭ ކަމަށް ގައްސާނު ވިދާޅުވިއެވެ. އަދި މި ފިޔަވަޅުތައް އަޅަނީ ފެތުރިފައިވާ މި ބަލިމަޑުކަމަށް ހައްލެއް ހޯދެންދެކަށް ކަމަށް ގައްސާން ވިދާޅުވިއެވެ. މިހާރުގެ ގޮތުން ބުނާނަމަ މަސައްކަތް ކުރަންވީ ބަލީގެ "ކާވް ފްލެޓަން" ކުރުމަށް ކަމަށް ގައްސާން ވިދާޅުވިއެވެ. އަދި މިކަމުން ސަލާމަތް ވެވޭނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައިގެން ކަމަށާއި، މިކަމަށް ހައްލެއް ފެންނަންދެން ސަލާމަތެއް ނެތް ކަމަށް ގައްސާން ވިދާޅުވިއެވެ.
ހަމަ މިފަދައިން މުޅި ރާއްޖެއަށް ހީނަރުކަން އަންނަ، އިޖުތިމާއީ ފޭރާން ގެއްލިގެންދާ، އިސްލާމް ދީނަށް ގޮންޖަހާ ވެރިކަން މިއޮތީ އައިސްފައި ކަމަށް ގައްސާން ވިދާޅުވިއެވެ. އަދި މި ސަރުކާރު ދެމި އޮންނަހާ ހިނދަކު ރައްޔިތުންނަށް ދިމާވާ ގިލަންވެރިކަމާއި، ހިތްދަތިކަމާ، ނިކަމެތިކަމުގެ "ކާވް ފްލެޓަން" ކުރެވޭނެ ގޮތެއް، ހައްލެއް ހޯދަން ޖެހޭކަމަށް ގައްސާން ވިދާޅުވިއެވެ.
ސަރުކާރުގެ ފަރާތުން ރައްޔިތުންނަށް ކުރާ ނޭދެވޭ އަސަރު އެންމެ ކުޑަވާނެ ކަމަށް ފެންނަނީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބު ޕީޕީއެމްއަށް ކާމިޔާބުކޮށްދީގެން ކަމަށް ގައްސާނު ވިދާޅުވިއެވެ.