ads
އަދާލަތު ޕާޓީގެ ފްރެސްއެއްގެ ތެރެއިން--
އަދާލަތު ޕާޓީގެ އިންތިހާބަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފި
އަދާލަތު ޕާޓީގެ އެތެރޭގެ އިންތިހާބަށް ކުރިމަތިލުމުގެ މުއްދަތު އަނެއްކާވެސް އެ ޕާޓީއިން އިތުރުކޮށްފި އެވެ.

އެ ޕާޓީއިން ވަނީ މީގެ ކުރިން ވެސް ދެ ފަހަރެއްގެ މަތިން އިންތިހާބަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފަ އެވެ. 

އަދާލަތު ޕާޓީން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ އިންތިހާބަށް ކުރިމަތިލުމުގެ މުއްދަތު މާދަމާ ހަވީރު ހަތަރަކަށް އިތުރުކޮށްފައިވާ ކަމަށެވެ. އަދާލަތު ޕާޓީގެ އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އޮންލައިންކޮށް، މިމަހުގެ 30 ވަނަ ދުވަހު އެވެ.

އެ އިންތިހާބުގައި އެ ޕާޓީގެ ރައީސް އާއި ނައިބު ރައީސް ހޮވާނެ އެވެ.

އަދާލަތު ޕާޓީގެ ރައީސް ކަމަށް މިހާތަނަށް އައި އިރު ކުރިމަތިލެއްވީ މިހާރު ވެސް އެ މަގާމުގައި ހުންނެވި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އެކަންޏެވެ. 

އިމްރާން އިއްޔެ ވިދާޅުވީ ކުރިއަށް އޮތް ފަސް އަހަރުގެ މުއްދަތަށް އަދާލަތު ޕާޓީގެ ރައީސްގެ މަގާމަށް ވާދަ ކުރެއްވުމަށް ނިންމަވާފައިވާ ކަމަށާއި މިގޮތަށް ނިންމެވީ ގައުމުގެ ހާލަތު ހުރި ގޮތުން އަދާލަތު ޕާޓީ އިތުރަށް ހަރުދަނާކޮށް ކުރިއަށް ގެންދިއުމުގައި އޭނާގެ ދައުރު މުހިންމު ކަމަށް ޕާޓީގެ ގިނަ މެމްބަރުން ފާހަގަކުރާތީ ކަމަށެވެ.

އެ ޕާޓީގެ ރައީސްކަމަށް އަންހެން މެމްބަރުންނަށް ވެސް ކުރިމަތިލެވޭ ގޮތަށް މިހާރު ވަނީ އިސްލާހުކޮށްފަ އެވެ.

ސަރުކާރު ކޯލިޝަންގެ ހަތަރުވަނަ އަށް އެންމެ ބޮޑު ޕާޓީ، އަދާލަތު ޕާޓީ ރަސްމީ ގޮތުން ރަޖިސްޓްރީކޮށްފައިވަނީ އޯގަސްޓް 18، 2005 ގައެވެ. އެ ޕާޓީގައި މިވަގުތު 6،000 އަށް ވުރެ ގިނަ މެމްބަރުން އެބަ ތިއްބެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް