
އިންޑިއާގެ ގައުމީ އެއާލައިން އެއާ އިންޑިއާގެ ފްލައިޓެއްގައި މިއަދު މެންދުރު 14:00ގައި ކޮވިޑް ވެކްސިންގެ ފުރަތަމަ ޝިޕްމަންޓް ރާއްޖެއަށް ގެނެއުމާއި ގުޅިގެން ނައިބު ރައީސް ފައިސަލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އެ ވެކްސިނާއިއެކު ރާއްޖެއަށް އާ އުންމީދުތަކެއް ގެނެސްދީފި ކަމަށެވެ.
ރައްޔިތުންގެ ސިއްހީ ރައްކާތެރިކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އަބަދުވެސް އިސްކަން ދެއްވާކަން ފާހަގަކުރައްވާ ނައިބު ރައީސް ފައިސަލް ވަނީ އެކަމަށްޓަކައި ރައީސް ސޯލިހްއަށް ޝުކުރުވެސް އަދާކުރައްވާފައެވެ. އަދި ބައްރުގެ ސަލާމަތާއި ރައްކާތެރިކަމަށް އިންޑިއާއިން ދޭ އިސްކަމުގެ އިތުރުން އެސްޓްރަޒެނިކާ ކޮވިޝިލްޑް ވެކްސިންގެ ފުރަތަމަ ބެޗް ރާއްޖެއަށް ހަދިޔާކުރެއްވި ކަމަށްޓަަކައި އިންޑިއާގެ ސަރުކާރަށާޢި ނަރަންދުރަ މޯދީގެ އިތުރުން އިންޑިއާ ހައިކޮމިޝަނަށް ވެސް ވަނީ ޝުކުރު އަދާކުރައްވާފައެވެ.
އިންޑިއާއިން ރާއްޖެއަށް ހަދިޔާކުރީ އޮކްސްފޯޑް އެސްޓްރަޒެނެކާގެ އެއް ލައްކަ ޑޯޒެވެ. މިއީ އިންޑިއާ އާއި ރާއްޖެއާ ދެމެދު އޮންނަ ގާތް ގުޅުމުގެ ސަބަބުން ހަދިޔާކުރި ހިލޭ އެހީއެކެވެ. އިންޑިއާ އިން ވަނީ 2004 ވަނަ އަހަރު ކުރިމަތިވި ސުނާމީ ކާރިސާ އާއި މާލެއަށް ކުރިމަތިވި ފެން ކާރިސާގައި ވެސް ބޮޑު އެހީތެރިކަމެއް ފޯރުކޮށްދީފަ އެވެ.
އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ވަނީ ކޮވިޑާ ދެކޮޅަށް އުފައްދާ ވެކްސިން އަވަށްޓެރި ގައުމުތަކަށް ފޮނުވަން ފަށާނެކަން އިއްޔެ އިއުލާންކޮށްފަ އެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވަނީ ކޮވިޑް ވެކްސިން ޕްރޮގްރާމް ފެށުމަށް ވެކްސިނަށް ރަޖިސްޓްރީވުމަށް ހުޅުވާލާފަ އެވެ. އެގޮތުން ރާއްޖޭގައި ބޭނުންކުރާނީ ފުޑް އެންޑް ޑްރަގް އޮތޯރިޓީގެ ހުއްދަ ލިބިފައިވާ އަދި ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ މިންގަނޑުތަކަށް ވެސް ފެތޭ ވެކްސިންތަކެއް ކަމަށް އެޗްޕީއޭ އިން ބުނެ އެވެ.
ކޮވިޑް ވެކްސިން ޓާސްކް ފޯހުގެ ވެރިޔާ ޑރ. ނަޒްލާ، ދައުލަތުގެ މީޑިއާއަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި ވިދާޅުވެފައި ވަނީ ރާއްޖެއަށް މިއަދު ލިބުނު އެއް ލައްކަ ޑޯޒްގެ ވެކްސިނަކީ ކޮވެކްސް ފެސިލިޓީގެ ތެރެއިން ލިބުނު ވެކްސިން ނޫން ކަމަށެވެ. އެ ވެކްސިނަކީ އިންޑިއާ ސަރުކާރުގެ އެހީގައި ލިބުނު ވެކްސިންކަން ފާހަގަކުރައްވާ ޑރ. ނަޒްލާ ވިދާޅުވީ ހަތް ލައްކަ ޑޯޒްގެ ވެކްސިން ގަތުމަށް އެސްޓްރަޒެނެކާ ކުންފުންޏާއެކު މިހާރު ވަނީ އެއްބަސްވުމުގައި ސޮއިކޮށްފައި ކަމަށެވެ.
ޑރ. ނަޒްލާ ވިދާޅުވީ ރާއްޖެއިން ކޮވެކްސް ފެސިލިޓީގައި ވެސް ބައިވެރިވެފައިވާ ކަމަށާއި އެގޮތުން އެ ފެސިލިޓީގެ ދަށުން ވެސް ރާއްޖެއަށް ވެކްސިން ލިބޭނެ ކަމަށެވެ. އަދި އެކަމާއި ގުޅިގެން ކުރަން ޖެހޭ ކަންކަމަށް ތައްޔާރުވަމުން އަންނަ ކަމަށް ވެސް ވިދާޅުވި އެވެ.
މިއަދު ރާއްޖެއަށް ގެނައި އެސްޓްރަޒެނިކާ ވެކްސިނަކީ ސީރަމް އިންސްޓިޓިއުޓް އިން އުފައްދަމުން އަންނަ ވެކްސިނެކެވެ. އެ ވެކްސިނަކީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ ކޮވެކްސް ފެސިލިޓީގެ ދަށުން ވެސް ދޭން ނިންމާފައިވާ ވެކްސިންތަކުގެ ތެރޭގައި ހިމެނޭ ވެކްސިނެކެވެ. ރާއްޖޭގައި ވެކްސިން ޖަހަން ފަށާނީ ރާއްޖޭގެ ފުޑް އެންޑް ޑްރަގް އޮތޯރިޓީން ބަލައި މިންގަނޑުތައް ވެސް ކަށަވަރުކުރުމަށް ފަހުއެވެ.
އެހެންނަމަވެސް ޑރ. ނަޒްލާ ވިދާޅުވީ މި ވެކްސިން ޖަހަން ފެށޭނެ ސީދާ ތާރީހު ވިދާޅުވާން އަދި ނޭނގޭ ކަމަށެވެ. އަދި ވެކްސިން ޖެހުމަށްޓަކައި ވާންޖެހޭ ތައްޔާރީތައް މިހާރު ވެސް ވަމުންދާކަމަށް ވިދާޅުވި އެވެ.