އެހެންނަމަވެސް ސްކޫލްތައް ހުޅުވާލާ މިއަހަރުގެ ކިޔެވުން ފެށިގެން ދެތިން ދުވަސްވެސް ނުވަނީސް މުޅި މަންޒަރު ބަދަލުވެ، ބެލެނެވެރިން އެންމެ ބިރުގަތް ދުވަސްވެސް ދެކެން ޖެހުނީއެވެ.
ސްކޫލުތައް ހުޅުވުނުތާ ހަފްތާއެއް ވެސް ނުވަނީސް އަމީނިއްޔާ ސްކޫލުގެ ގްރޭޑް ތިނަކަށް ކިޔަވައިދެމުން އައި ޓީޗަރެއް ޕޮޒިޓިވްވެގެން ދިޔުންވީ ސްކޫލްގެ މާހައުލު ރައްކާތެރިކަމަށް ދެކިގެން ސްކޫލްތަކަށް ދެލޯފަދަ ދަރިން ފޮނުވަމުންދަޔަ ބެލެނިވެރިންނަށް ދެކެެން އުދަގޫ މަންޒަރެކެވެ. ބެލެނެވެރިންނާއި އާއްމުންގެ އެތައް ކަންބޮޑުވުންތަކަކަށްފަހު ވެސް އެޑިޔުކޭޝަން މިނިސްޓްރީން ބުނަމުންދިޔައީ ސްކޫލްތަކުން އެ ޓީޗަރާއި އެއްވެސް ކުއްޖަކު ބައްދަލުވެފައި ނުވާ ކަމަށާއި ސްކޫލްތައް އަދިވެސް ހަމަ ރައްކާތެރިކަމަށެވެ. ނުވިތާކަށް ސްކޫލްތަކުގެ ކިޔެވުންވެސް ބަންދުނުކުރާނެ ކަމަށް މިނިސްޓްރީން ބުނެ އިއްވައިފިއެވެ.
ކޮވިޑަށް ޕޮޒިޓިވްވި ސްކޫލްގެ ޓީޗަރު އެއްވެސް ކުއްޖަކާއި ބައްދަލު ނުވާކަމަށް ބުނެ އެއްވެސް ދަރިވަރަކު ޓެސްޓް ކޮށްފައެއްވެސް ނުވެއެވެ. އަނެއްކޮޅުން އޭގެ ފަހުން ޖެހިގެން އާ ދުވަހު ގއ. ވިލިނގިލީގައި ހުންނަ އަތޮޅު ތައުލީމީ މަރުކަޒުގައި ގްރޭޑް 12 އަށް ކިޔަވަމުން އަންނަ ދަރިވަރަކު ޕޮޒިޓިވްވެ، އެ ސްކޫލު ބަންދުކުރަން އޮތީ ޖެހިފައެވެ. ފަހުން ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތަށް އެ ރަށަށް ވެސް އަރާއި ފޭބުން މަނާކުރެވިގެންދިޔައީއެވެ. އެޔަށްފަހު އަނެއްކާވެސް ހަމަ ޖެހިގެން އާ ދުވަހު ބިލަބޮންގް އިންޓަނޭޝަނަލް ހައި ސްކޫލުގައި ކިޔަވަމުން އަންނަ ހަތަރު ދަރިވަރަކަށް ކޮވިޑް ޖެހުނުކަން އެ ސްކޫލުން އިއުލާންކުރިއެވެ. އެއް އާއިލާއެއްގެ ހަތަރު ކުއްޖަކަށް ކޮވިޑް ޖެހުނުއިރު ބިލަބޮންގް ސްކޫލްގައި ވެސް ކިޔަވައިދެމުން އަންނަނީ އެޗްޕީއޭގެ ގައިޑްލައިންގައިވާ ގޮތަށް ކޮވިޑުން ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުތަކާއެކުގަ އެވެ. އެކަމާއި ގުޅިގެން ވެސް ކުދިން ޓެސްޓްކުރުުމުގެ ބަދަަލުގައި އެޗްޕީއޭ އިން ބުނީ ކޮންޓެކްޓް ޓްރޭސިން މުއްދަތުގެ ތެރޭގައި ހަތަރު ދަރިވަރުން ވެސް ސްކޫލަށް ހާޒިރުވެފައި ނުވާ ކަމަށާއި މިހެންކަމުން ސްކޫލުން ޓީޗަރަކު އަދި ދަރިވަރަކު ވެސް ކަރަންޓީނަށްދާން ނުޖެހޭ ކަމަށެވެ.
ދައްކަން މިއުޅޭ ވާހަކައަކީ މިއީއެވެ. ސްކޫލްތައް ހުޅުވިތާ ހަފްތާއެއްވެސް ނުވަނީސް ފުލުފުލުން ކޮވިޑް-19 ގެ އެންމެ ހައިރިސްކް އެއްތަނުގެ ގޮތުގައި ފާހަގަކޮށްފައިވާ ސްކޫލުތަކުން ކޮވިޑްގެ ކޭސްތައް ފެންނަނަމުންދިޔުމަކީ ކަންބޮޑުވާންޖެހޭ އަޅާނުލާ ދޫކޮށްލެވިއްޖެނަމަ ހީވެސް ނުކުރާފަދަ ހިތި ނަތީޖާއެއް ނިކުމެދާނެ ކަމަަކަށް ވާއިރުވެސް، އެޗްޕީއޭއިން ދަނީ ސްކޫލްތަކުން ފެންނަ ކޭސްތަކުގައި ކުދިން ޓެސްޓުކުރުމަށް ދެކޮޅު ހަދަމުންނޭ ދެންނެވެމަކުން އަޅުގަނޑު ހިތުން މިހާލަތުގައި ދޮގަކަށް ނުވާނެއެވެ.
ދަރިވަރުން ޓެސްޓް ނުކުރާ ސަބަބެއްގެ ގޮތުގައި ފާހަގަކުރަނީ އެ ކުދިންނާއި ކޮންޓެކްޓް ނުވާކަމަށް ބުނެއެވެ. އެހެންނަމަވެސް ބުއްދީގެ ނަޒަރަކުން މިކަމާއި ވިސްނާލުމުން އަޅުގަނޑުގެ މި ސިކުޑިވެސް އެކަމާއި އެބަ ދެކޮޅުހަދައެވެ. ސްކޫލްތަކަށް ދަރިވަރުން ކިޔަވާދިނުމަށް ނެރުނީ ޓިޗަރުންނާއިވެސް އެކު އެއްކްލާސް ރޫމަކުން ކަމަށްވާއިރު، ކްލާސް ރޫމެއްގެ ތެރެއިން ނުވަތަ ސްކޫލްގެ މާހައުލުންވިޔަސް ޓީޗަރަކާއި ދަރިވަރަކު ބައްދަލު ނުވާނެ ގޮތެއް ހަމަ ނުވިސްނުނެވެ. ދުވާލެއްގެ ދެބައިކުޅަ އެއްބައި ކުދިން މުދައްރިއްސުންނާއިއެކު ހޭދަކުރާއިރު ދަރިވަރުންނަށް ވަކިވަކި މާއްދާތަކުން ޓީޗަރަކު ނުހުންނާނޭ ބުނަނީތޯ ވެސް ބައެއް ފަހަރު ހިތައް އަރައެވެ. އެހެންކަމުން ޓީޗަރަކު ޕޮޒިޓިވްވެ ދަރިވަރަކާއި ކޮންޓެކްްޓް ނުވާކަމަށް ބުނުމާއި، އަދި ވިޔަސް ނުވިޔަސް ކޮވިޑަށް ދަރިވަރުން ޓެސްޓް ނުކުރާން އުޅޭ ސަބަަބާއި މެދު ކަންބޮޑުވެއެވެ.
އެޗްޕީއޭގެ އުސޫލްގައިވާގޮތުން ޕޮޒިޓިވް ކޭސްއަކާއިއެކު ޓެސްޓް ކުރަނީ ކޮންޓެކްޓް ޓްރޭސިންގެ ދަށުން ކޮންޓެކްޓްވީ ފަރާތާއި ނަމަވެސް ޓިޗަރަކު ޕޮޒިޓިވްވެ، އިތުރު އެހެން ޓީޗަރުންވެސް އައިސޮލޭޝަނަށް ދާ ހިސާބުން ދަރިވަރުންގެ ރައްކާތެރިކަމާއި މެދު އެބަ ސުވާލު އުފެދެއެވެ. އެންމެ ޓީޗަރަކު ދަރިވަރަކާއި ކޮންޓެކްޓް ނުވެ ހުރެދާނެ ކަމަށް ގަބޫލު ކުރެވުނަސް އެ ޓީޗަރާއި އިތުރު އެހެން ޓީޗަރުން ބައްދަލުވެފައި ހުރުމުން މިއީ ދަރިވަރުން ޓެސްޓު ކުރެވެންްވީ ސަބަބައެއްގެ ގޮތުގައި އެޗްޕީއޭއަށް ނުފެނުމުން އަޅުގަަނޑު ހަމަ ހައިރާންވެއެވެ. އެ ޓީޗަރުންވެސް ހަމަ އެއްވެސް ކުއްޖަކާއި ކޮންޓެކްޓް ނުވަނީތޯއެވެ؟
އަހަރެންގެ ނަޒަރުގައި ސްކުލޫގެ މާހައުލުން ފުލުފުލުން ކޮވިޑް ކޭސްތައް ފެންނަމުން މިދާ ދަނޑިވަޅަކީ ސްކޫލްތަކުންނާއި މިނިސްޓްރީ އަދި އެޗްޕީއޭއިންވެސް މިކަމަށް ފުންކޮށް ވިސްނަން ޖެހޭ ކަމެކެވެ. އެޗްޕީއޭގެ އުސޫލް ބުނާގޮތައް ކޮންޓެކްޓް ޓްރޭސިންގެ ދަށުން ކޮންޓެކްްޓް ނުވާނަމަ ޓެސްްޓް ނުކުރާ އުސޫލަށް ބަލައި ދަރިވަރުން ޓެސްޓް ނުކޮށް ދޫކޮށްލުމަކީ ކޮވިޑްގެ ކްލަސްޓާތަކަށް ސްކޫލްތަކުގެ ދޮރާއަށިން އަޅާލަދެވޭ ފާލަމަކަށްވުން ހަމަ ވަރަށް ގާތެވެ.
އެހްންކަމުން އަހަރެންގެ ނަޒަރުގައި "ސަންސެޓް ގާނޫންު ފަދަ ގާނޫނުތަކުން އެޗްޕީއޭގެ ގައިޑްލައިންތަކަށް އިސްލާހް ގެނެވޭކަމުގައި ވާނަމަ ކޮވިޑްގެ އެންމެ ރިސްކް ބޮޑު ދަރިވަރުންނަށްޓަަކައި އެޗްޕީއޭގެ " ކޮންޓެކްޓް ނުވާނަމަ ޓެސްޓް ނުކުރާ އުސޫލް" އަށް ވެސް އިސްލާހް ގެންނަންޖެހެއެވެ. އިސްލާހް ނުގެނޭވޭ ކަމުގައި ވާނަމަ ކުދިންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ނަމަވެސް ކުދިންނަށް ސްކޫލްތަކަށް ގޮސްގެން ނޫންގޮތަކަށް ކިޔަވައިދެވޭނެ ގޮތްތަކެއް ހޯދަންޖެހެއެވެ. 2020 ވަނަ އަހަރުގެ ތައުލީމީ ދަައުރު ހުއްޓާލައިގެން އެކުދިންގެ ތައުލީމީ ދައުރު ފުޑުފުޑުވެގެން ނުދެއެވެ. އެހެންނަމަވެސް ސްކޫލް މާހައުލަކީ ބައިބޯ ކޮވިޑް ރިސްކް ބޮޑު މާހައުލަކަށް ވާއިރު އެފަދަ ތަނަކަށް ކުދިން އަޅާނުލާ ދޫކޮށްލެވިއްޖެނަމަ އެކަމުން އެކުދިންގެ ތައުލީމީ ދައުރު ފުޑުފުޑުވުން ނުވެސް ހުއްޓުވޭނެއެވެ.