ads
އިދިކޮޅުގެ ކުއްލި ކައުންސިލް ބައްދަލުވުމުގެ ތެރެއިން--
ޔާމީންގެ ހުކުމް ބަލައިނުގަނެ، އިދިކޮޅުން ހަރަކާތަށް ނިކުންނަނީ
އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ކްރިމިނަލް ކޯޓުން އިއްވާފައިވާ ފަސް އަހަރުގެ ޖަލު ހުކުމް ދެމެހެއްޓުމަށް ތާއީދުކޮށް ހައިކޯޓުން ހުކުމް ކުރުމާއި ގުޅިގެން އެކަން ބަލައިނުގަނެ ސީދާ ހަރަކާތަށް ނިކުތުމަށް އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ނިންމައިފި އެވެ.

މިއަދު ޕީޕީއެމް އޮފީހުގައި ޕްރޮގްރެސިވް ކޯލިޝަނުން ބޭއްވި ކުއްލި ކައުންސިލް ބައްދަލުވުމުގައި ކައުންސިލަށް ގަރާރެއް ހުށަހެޅުއްވީ ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އެވެ. 

އެގޮތުން މިއަދު ހެނދުނު 10:30 ގައި ކައުންސިލް ބައްދަލުވުން ބާއްވާފައިވާ އިރު އެ ބައްދަލުވުން ވަނީ ދޮޅުގަޑިއިރަށް ދެމިގެން ގޮސްފަ އެވެ. އެ ކައުންސިލް ބައްދަލުވުމުގައި ބައިވެރިވި ކައުންސިލް މެމްބަރުންގެ ފުރިހަމަ އަގްލަބިއްޔަތުން ސީދާ ހަރަކާތަށް ނިކުތުމަށް ހުށަހެޅި ގަރާރު ވަނީ ފާސްކޮށްފަ އެވެ.

އިދިކޮޅުގެ ގަރާރަށް ބަލާއިރު އޭގައި ވަނީ ރައީސް ޔާމީންގެ މައްޗަށް ދައުވާ ސާބިތުވާ ކަމަށް ކަނޑައަޅައި ކުރެއްވި ހުކުމަކީ ޝަރުއީ އަދި ގާނޫނީ ހަމަތަކާ ހިލާފަށް ސިޔާސީ ގޮތުން ކޮށްފައިވާ ހުކުމެއް ކަމަށެވެ. އެގޮތުން ރައީސް ޔާމީންގެ ފަރާތްޕުޅުން ރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކުރެއްވުމުން އެ މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ ތެރެއިން ދެ ފަނޑިޔާރުންގެ އަގުލަބިއްޔަތުން އެ މައްސަލަ ނިންމަވާފައިވަނީ ވެސް ޝަރްއީ އަދި ގާނޫނީ ހަމަތަކާ ހިލާފަށް ސިޔާސީ ބޭނުމަކަށްޓަކައި ކަން އެނގޭ ކަމަށެވެ.

އެ މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ ތެރެއިން ފަނޑިޔާރު އަލްއުސްތާޒް ޙުސައިން ޝަހީދުގެ ރައުޔަށް ބަލާއިރު، ޔާމީންގެ މައްޗަށް ދައުލަތުގެ ފަރާތުން އުފުލާފައިވާ ދައުވާއަކީ އެ ދައުވާ އުފުލުނު ހިނދުން ފެށިގެން ވެސް ބާތިލް ދައުވާއެއް ކަމަށާއި، ދައުވާ ސާބިތު ކުރުމަށްޓަކައި ދައުލަތުގެ ފަރާތުން ކްރިމިނަލް ކޯޓަށް ހުށަހެޅި އެންމެހައި ހެކިތަކާއި ގަރީނާތަކަކީ އޭގެ ޒާތުގައި ވެސް ބާތިލް އެއްޗެއް ކަމަށް ވެސް އޭގައި ބުނެ އެވެ. 

އެހެންކަމުން ކްރިމިނަލް ކޯޓުން ރައީސް ޔާމީންގެ މައްޗަށް ކޮށްފައިވާ ދައުވާ ސާބިތުވާ ކަމަށް އެ ކޯޓުން ކަނޑައަޅުއްވާފައިވާ ހުކުމް ބާތިލް ކުރަންޖެހޭ ކަމަށް ގަބޫލުކުރާ ކަމަށް ބުނެ އެވެ. 

އޭގެ އިތުރުން ދައުލަތުގެ ފަރާތުން ޝަފަހީ ހެކިންގެ ގޮތުގައި ހުށަހަޅާފައިވާ އަހުމަދު އަދީބާއި އަބްދުﷲ ޒިޔަތުގެ ހެކިބަހަކީ ފާސިގު ހެކިބަހެއް ކަމަށް ރާއްޖޭގެ ހައިކޯޓުން އެ މައްސަލަ ބެއްލެވި ދެ ފަނޑިޔާރުން އިއްތިފާގުވާ ކަމާއި، ހެކީގެ ގޮތުގައި ހުށަހެޅުނު މުއައްވިޒް ރަޝީދުގެ ހެކިބަސް ގަބޫލު ނުކުރަނީ ޝަރީއަތުގައި އޭނާ ހެކިބަސް ދިނުމުގައި ދޮގު ހަދާފައިވާ ކަމަށް ޝަރީއަތަށް ސާބިތުވާތީ ކަމަށް ވެސް ގަރާރުގައި ބުނެ އެވެ. 

އެ ހުކުމް ބާތިލުކުރަން ޖެހޭ ކަމަށް ފަނޑިޔާރު ހުސައިން ޝަހީދު އަށް ފާހަގަކުރެއްވުނު މައިގަނޑު އެއް ސަބަބަކީ ތަހުގީގުގައި އެއްވެސް ވަރަކަށް އެ ކުށަކާ ގުޅޭ ގޮތުން ރައީސް ޔާމީންއާ ސުވާލުކޮށްފައި ނުވާ ކުށެއްގެ މައްޗަށް އުފުލާފައިވާ ދައުވާއެއް ޖިނާއީ އިޖުރާއަތުގެ ގާނޫނާ ހިލާފަށް ޝަރީއަތަށް ބަލައިގަނެ އެ މައްސަލަ ކުރިއަށް ގެންގޮސް ޝަރްއީ އަދި ގާނޫނީ އުސޫލުތާކާ ހިލާފަށް އެ މައްސަލަ ހިންގައި އެ މައްސަލާގައި ކުށް ސާބިތުވާ ކަމަށް ކަނޑައަޅުއްވާފައި ވާތީ ކަމަށް ވެސް ބުނެފައިވެ އެވެ.

އަދި އެ މައްސަލަ ހައިކޯޓުން ނިންމުމުގައި ދިގުލާ ގޮސްފައިވަނީ ޖުޑީޝަލް ސާވިސް ކޮމިޝަނާއި ސަރުކާރުގެ ނުފޫޒު އެ މައްސަލައިގެ ތެރެއަށް ވަދެފައިވާ ކަމަށް ގަބޫލުކުރެވޭތީ އާއި ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި މައްސަލަތައް ނިންމުމަށް ކަނޑައަޅާފައިވާ މުއްދަތު ފަހަނައަޅާ ގޮސްފައި ވާތީ އެ ގާނޫނާ ވެސް ހިލާފަށް ކަމަށް ކޯލިޝަނުން ދެކޭ ކަމަށް ބުނެ އެވެ.

އޭގެ އިތުރުން ރައީސް ޔާމީނަށް އެ ހުކުމް ކުރީ ސިޔާސީ މަގުސަދުތަކެއް ހާސިލްކުރުމަށްޓަކައި ކަމަށް ކޯލިޝަނުން ދެކޭތީ އެ ހުކުމަކީ އެ ކޯލިޝަނުން ބަލައިގަންނަ ހުކުމެއް ނޫންކަމާއި، އަދި ރައީސް ޔާމީން މިނިވަން ކުރުމަށް ގޮވާލާ ސިދާ ހަރަކާތަށް ނިކުތުމަށް ވަނީ ނިންމާފަ އެވެ. 

މަނީ ލޯންޑާ ކުރި ކަމަށް ރައީސް ޔާމީންގެ މައްޗަށް ކުރި ދައުވާ މައްޗަށް ސާބިތުވެ، އެމަނިކުފާނު ފަސް މިލިއަން ޑޮލަރުން ޖޫރިމަނާކޮށް، ފަސް އަހަރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފައިވަނީ 2019 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 29 ގައެވެ.

ކްރިމިނަލް ކޯޓުގައި މަނީ ލޯންޑްރިންގެ ދައުވާ ރައީސް ޔާމީންގެ މައްޗަށް ސާބިތުވާ ކަމަށް ހުކުމްކޮށްފައި ވަނީ އެ މައްސަލަ ބެއްލެވި ފަސް ފަނޑިޔާރުންގެ އިއްތިފާގުންނެވެ. 

25%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
25%
ވަރަށް ސަލާމް
ކޮމެންޓްސް