ads
ފޮޓޯ: ޕީއެސްއެމް ނިއުސް
ގުޅީފަޅު ޕޯޓް: އިގްތިސާދީ އެޖެންޑާ ތަންފީޒުކުރަން މުހިއްމު މަޝްރޫއެއް
ގުޅީފަޅު ޕޯޓް ޕްރޮޖެކްޓްގެ ހިއްކުމުގެ މަސައްކަތް މިއަހަރު ފެށޭނެ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެ އެވެ.
Advertisement
ގުޅީފަޅު ޕޯޓް ޕްރޮޖެކްޓަކީ މިސަރުކާރުގެ އިގްތިސާދީ އެޖެންޑާ ތަންފީޒުކުރުމަށް ވަރަށް މުހިއްމު މަޝްރޫއެއް ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެ އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ބަޖެޓް ބަހުސްގައި ވާހަކަ ދައްކަވަމުން ފިނޭންސް މިނިސްޓަރު އަމީރު ވިދާޅުވީ ގުޅީފަޅު ޕޯޓް ޕްރޮޖެކްޓްގެ ބިން ހިއްކުމުގެ މަސައްކަތް މިއަހަރު ފަށާނެ ކަމަށެވެ.

މިނިސްޓަރު އަމީރު ވިދާޅުވީ ގުޅީފަޅު ޕޯޓް ޕްރޮޖެކްޓްގެ މަޝްރޫއަކީ މުޅި ސަރުކާރުގެ އިގްތިސާދީ އެޖެންޑާ ހިންގުމަށްޓަކައި އެންމެ މުހިއްމު އެއް ޕްރޮޖެކްޓް ކަމަށެވެ. އެގޮތުން ގުޅީފަޅު ޕޯޓް ޕްރޮޖެކްޓްގެ ބިން ހިއްކުމުގެ މަސައްކަތް މިއަހަރު ފެށުމަށްފަހު ޕޯޓް ހެދުމުގެ އަމަލީ މަސައްކަތް އަންނަ އަހަރުގެ ތެރޭގައި ފެށޭނެ ކަމަށްވެސް ވިދާޅުވި އެވެ.

މިނިސްޓަރު އަމީރު ވިދާޅުވީ މާލޭގެ ވިޔަފާރީގެ ބަނދަރު ގުޅީފަޅަށް ބަދަލުކުރުމާ އެކު ވިޔަފާރީގެ ބަނދަރަށް މިހާރު ދިމާވެފައިވާ ގިނަ މައްސަލަތަކަށް ހައްލު ހޯދޭނެ ކަމަށެވެ. މާލޭ ބަނދަރަށް މިހާރު އިމްޕޯޓް މުދާ ބާލަންޖެހެނީ ފީޑާ ވެސެލްސް ބޭނުން ކޮށްގެން ކަމަށާއި މިކަމުގެ ސަބަބުން އިމްޕޯޓް މުދަލުގެ އަގު އިތުރުވާ ކަމުގައިވެސް ވިދާޅުވި އެވެ. ނަމަވެސް ގުޅީފަޅު ޕޯޓް ޕްރޮޖެކްޓްގެ މަސައްކަތް ނިމުމުން އެތަނަށް ސީދާ އާގުބޯޓު ފަހަރަށް ކައިރިކޮށްގެން މުދާ ބޭލޭނެ އިންތިޒާމު ހަމަޖެހުމާ އެކު މުދަލުގެ އަގުވެސް ދަށްކުރެވޭނެ ކަމުގައި ވިދާޅުވި އެވެ.

އަންނަ އަހަރުގެ ދައުލަތުގެ ބަޖެޓް މިމަހުގެ ހަތަރުވަނަ ދުވަހު މަޖިލީހަށް ހުށަހަޅުއްވަމުން މިނިސްޓަރު އަމީރު ވިދާޅުވީ އަންނަ އަހަރުގެ ބަޖެޓުގައި ހިމަނާފައިވާ ގުޅީފަޅު ޕޯޓް މަޝްރޫއަކީ ރާއްޖެއަށް މުދާ އިމްޕޯޓްކޮށް، ގުދަންކޮށް ގެންގުޅުމުގެ ވައްޓަފާޅިއަށް އިންގިލާބީ ބަދަލެއް ގެންނާނެ މަޝްރޫއެއް ކަމަށެވެ. ގުޅީފަޅުގައި ތަރައްގީ ކުރެވޭ ބަނދަރު ވެގެންދާނީ ބައިނަލްއަގްވާމީ ބޮޑެތި އާގުބޯޓު ފަހަރުތަކަށް ވެސް ބޭނުންކުރެވޭ ވަރުގެ ބަނދަރަކަށް ކަމުގައިވެސް ވިދާޅުވި އެވެ. މީގެ އިތުރުން ރާއްޖެއަށް މުދާ ގެންނަން މެދުވެރިއެއްގެ ދައުރު އަދާކުރާ ފީޑަ ބޯޓުފަހަރަށް ބަރޯސާވުން ނިމުމަކަށް އައިސް، ރާއްޖެއަށް މުދާ ގެންނަން ކުރަންޖެހޭ ޚަރަދު ވަރަށް ބޮޑުތަން ކުޑަވެގެންދާނެ ކަމުގައިވެސް މިނިސްޓަރު އަމީން ވަނީ ވިދާޅުވެފަ އެވެ.

ގުޅިފަޅުގައި ބައިނަލްއަގުވާމީ ފެންވަރުގެ ވިޔަފާރި ބަނދަރެއް ހެދުމަށް ބޭނުންވާ ބިން ހިއްކުމަށް ބިޑަކާ ނުލައި ނެދަލޭންޑްސްގެ ބޮސްކާލިސް ކުންފުންޏަށް ސަރުކާރުން ވަނީ ހަވާލުކޮށްފަ އެވެ. މިމައްސަލަ ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީންނާއި އޭސީސީން ގެންދަނީ ބަލަމުންނެވެ.

ގުޅިފަޅުން ހަ މިލިއަން ކިއުބިކް މީޓަރުގެ ބިން ހިއްކުމަށް ބޮސްކާލިސްއަށް ހަވާލުކޮށްފައިވަނީ 53 މިލިއަން ޑޮލަރަށެވެ. މިމަސައްކަތް ހަވާލުކޮށްފައިވަނީ 180 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމަންޖެހޭ ގޮތަށެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް