ކުއްޖާ އުފަންވާއިރު ހައްދާ އައިޑީކާޑު އެ ކުއްޖާގެ އުމުރުން 10 އަހަރު ވާންދެން ބޭނުންކުރެވެ އެވެ. އޭގެ ފަހުން ކާޑުގެ ފޯމެޓަށް ވެސް ބަދަލުތަކެއް އާދެއެވެ. އަދި ކޮންމެ ފަސް އަހަރަކުން ކާޑު ބަދަލު ކުރަން ވެސް ޖެހެ އެވެ. ނަމަވެސް ބަދަލުވަނީ ކާޑުގައި އޮންނަ ތިން މައުލޫމާތެކެވެ. އެއީ މީހާގެ ފޮޓޯ އާއި، ކާޑުގެ މުއްދަތު ހަމަވާ ތާރީހާއި، ކާޑުގެ ފަހަތުގައި އިންނަ ސީރިއަލް ނަމްބަރެވެ. ނުވަތަ ފަހަތުގައި އިންނަ އިލެކްޓްރޯނިކް ޗިޕެވެ. ދަމާލާފައި ފެންނަން އިންނަ ކަޅު ކުލައިގެ ރޮނގެވެ.
އިސްވެ ބަޔާންކުރެވުނު ގޮތަށް އައިޑީ ކާޑަކީ ދިވެހި ކޮންމެ ރައްޔިތެއްގެ އަތުގައި އޮންނަން ޖެހޭ އެއްޗެކެވެ. ނެތިއްޖެ ނަމަ އެތައް ހިދުމަތަކުން މަހުރޫމުވާ އެއްޗެކެވެ. އާންމު އެތައް ހިދުމަތަކުންނެވެ. ނަމަވެސް މި ފާހަގަކުރި އާންމު ހިދުމަތްތައް ހޯދުމުގައި މި ދިވެހި މުޖުތަމައުގައި މުހިންމު ވަނީ އައިޑީ ކާޑުތޯ ނުވަތަ އެ ކާޑުގައި އޮންނަ ވަކި ނަމްބަރެއްތޯ މިއީ ކޮށްލަން ރަނގަޅު ސުވާލެކެވެ.
ދިވެއްސަކު އެންމެ ގިނައިން އައިޑީކާޑު ބޭނުންކުރަން ޖެހެނީ ބޭސްފަރުވާގެ ހިދުމަތް ހޯދުމުގަ އެވެ. ހިލޭ ބޭސްފަރުވާ ހޯދުމުގެ ނިޒާމު ނުވަތަ އާސަންދައިގެ ދަށުން އައިޑީކާޑު ލާޒިމްވާތީ އެވެ. ޑޮކްޓަރަށް ދެއްކުމަށް އެޕޮއިންޓްމެންޓެއް ނަގާއިރު ވެސް އާސަންދައިގެ ހިދުމަތް ބޭނުން ނަމަ އައިޑީކާޑުގެ ބޭނުން ޖެހެ އެވެ. ޑޮކްޓަރުގެ ބޭނުމަކަށް ބައްޔާއި ގުޅޭ ތަހުލީލެއް ނުވަތަ ޓެސްޓެއް ހަދަން ޖެހިއްޖެ ނަމަވެސް އައިޑީކާޑު ބޭނުންވެ އެވެ. ނިމިގެން އައިސް ބޭސް ފިހާރައަށް ވަދެ ބޭސް ސިޓީ އާއި އެކުގައި ވެސް ދިއްކޮށްލަން ޖެހެނީ އައިޑީކާޑެވެ.
މި ފާހަގަކޮށްލީ ކުރު ގޮތަކަށް އާސަންދައިގެ ހިދުމަތް ހޯދުމުގައި އައިޑީކާޑު އޮތުން ލާޒިމް ކުރާ ކަންތައްތަކެވެ. ނަމަވެސް މިއަދު ހަގީގަތަށް ބަލާމާތޯ އެވެ. މިއިން ކޮންމެ މަރުހަލާއެއްގައި ވެސް އައިޑީކާޑު އަތުގައި ނެތި ވިޔަސް ހިދުމަތް ލިބެ އެވެ. ހަމަ އާސަންދައިގެ ދަށުންނެވެ. އެއީ މި ބުނާ ކާޑުގައި އިންނަ އައިޑީކާޑު ނަމްބަރު ކިޔާލައިގެންނެވެ. ނުވަތަ އެ ކާޑުގެ ފޮޓޯއެއް ދައްކާލައިގެންނެވެ. އެހެންކަމަށް ވާނަމަ އެ ކާޑު އަތުގައި އޮތުން ލާޒިމްވާނީ ކިހިނެއްތޯ އެވެ. ކާޑު އޮތުން ލާޒިމްވާނީ އެއްކަލަ ކަޅު ރޮނގުބުރީގެ ބޭނުން ޖެހޭނަމަތާ އެވެ. ނުވަތަ އިލެކްޓްރޯނިކް ކާޑުގެ އިލެކްޓްރޯނިކް ބޭނުން ސިއްހީ ހިދުމަތް ދޭ ތައްތަނުން ވެސް ބޭނުންކުރާ ނަމަތާ އެވެ.
އައިޑިކާޑުގެ ބޭނުން ޖެހޭ އިތުރު ބައެއް ކަންކަމަށް ވެސް ބަލާލަމާތޯ އެވެ. ކުޑަ މިސާލަކަށް ބައްލަވާލައްވާށެވެ. އެއްގަމު އުޅަނދެއް ދުއްވާ މީހާއަށް ވަކި ލައިސަންސެއް ބޭނުންވެ އެވެ. ނަމަވެސް ފުލުހުން އެމީހަކު ހުއްޓުވައި ޗެކް ކުރާއިރު ލައިސެންސް ކާޑު ނެތްނަމަ ދެން އަހާނީ އައިޑީކާޑު އޮތްތޯ އެވެ. ނެތްނަމަ ދެން އަހާނީ އެ ކާޑުގެ ފޮޓޯއެއް ވެސް ނެތްތޯ އެވެ. ފޮޓޯއެއް ދައްކާލުމުން އެކަން ނިމުނީ އެވެ. ސީރިއަލް ނަމްބަރެއް ނުވަތަ އޭގައި އިންނަ އެއްކަލަ ކަޅު ރޮނގުބުރީގެ ބޭނުމެއް ނުޖެހެ އެވެ.
ދެން އޮތީ މި ދުވަސްވަރ ވެސް ގުޅުން ހުރި ކަމެކެވެ. ކޮވިޑް-19 އަށް ޓެސްޓުކުރާ އިރު ވެސް އައިޑީކާޑު ބޭނުންވެ އެވެ. ނަގާ ދިއްކޮލުމުން އެބޭފުޅުންގެ އަތުގައި އޮންނަ ފޯމުގައި ލިޔާނީ މީހާގެ ނަމާއި އެޑްރެހާއި އައިޑީކާޑު ނަމްބަރެވެ. ކާޑުގެ ފޮޓޯއެއް އޮތަސް އެކަން ވާނެ އެވެ. ނަމަވެސް އަޅުގަނޑު ހިތުން ކާޑުގައި އިންނަ އިލެކްޓްރޯނިކް ޗިޕްގެ ބޭނުން ހިފާނަމަ މާ ރައްކާތެރި ވެސް ވާނެ އެވެ.
ހަމައެކަނި މިކަމުގައެއް ނޫނެވެ. އާންމު ހިދުމަތްތައް ދިނުމުގައި ވެސް ކޮންމެ ރައްޔިތެއްގެ އަތުގައި އޮންނަ އައިޑީކާޑު އިލެކްޓްރޯނިކް ވާ ގޮތަށް އޭގެ އިލެކްޓްރޯނިކް ބޭނުން ހިފޭ ތަނެއް ހަގީގަތުގައި ނުފެނެ އެވެ. އެކަން އެގޮތަށް ނުވާނަމަ ކޮންމެ ފަސް އަހަރަކުން ފަސް އަހަރަކުން އައިޑީކާޑު އާ ކުރުމުގެ މާ ބޮޑު ބޭނުމެއް ވެސް ނެތެވެ. އެހެންކަމަށް ވާނަމަ އައިޑީކާޑުގެ ބޭނުމަކީ ކޮބައިތޯ އެވެ.