ads
މީހަކު މާސްކް އަޅާފައި-- ފޮޓޯ: ސީއެންއެމް
ވެކްސިން ޖެހިޔަސް މާސްކް ނަގައިގެން އުޅެވޭނެ ދުވަހެއް ނޭނގޭ: އެޗްޕީއޭ
ކޮވިޑް-19 އިން ރައްކާތެރިވުމަށް ވެކްސިން ޖެހި ނަމަވެސް މާސްކް އެޅުމާއި ގައިދުރުކަން ބެހެއްޓުން ފަދަ ކަންކަން ހުއްޓާލެވޭނެ ސީދާ މުއްދަތު އަދި ނޭނގޭ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.

ވެކްސިންއާ ގުޅިގެން އެޗްޕީއޭ އިން ނެރެފައިވާ ސުވާލާއި ޖަވާބުގައި މާސްކު އެޅުމާއި ގައިދުރުކަން ބެހެއްޓުން ހުއްޓާލެވޭނީ ވެކްސިން ޖަހާތާ ކިހާ މުއްދަތެއް ފާއިތުވުމުންތޯ ކުރެވުނު ސުވާލުގައި ވަނީ މާސްކު އެޅުމާއި ގައިދުރުކަން ބެހެއްޓުން ހުއްޓާލާނެ މުއްދަތެއް މިހާތަނަށް ހޯދިފައިވާ މައުލޫމާތުތަކަށް ބިނާކޮށް އަދި ކަނޑައެޅެން ނެތް ކަމަށެވެ. 

އެގޮތުން އެކަމަށް ގޮތެއް ނިންމުމަށްޓަކައި، ވެކްސިންގެ ސަބަބުން މިބަލިން މީހާ ރައްކާތެރިކޮށްދޭ މުއްދަތު ކަމާބެހޭ މާހިރުން ދެނެގަންނަންޖެހޭ ކަމަށާއި އަދި އެކަން ކަނޑައެޅުމަށް ކޮވިޑް-19 ވެކްސިން ޖަހާފައިވާ މީހުންގެ އަދަދާއި، މުޖުތަމައުގައި އެބަލި ފެތުރޭ މިންވަރަށް ބަލަންޖެހޭ ކަަމަށް ބުނެ އެވެ. 

އޭގެ އިތުރުން ވެކްސިން ޖަހާ މީހުން ކަރަންޓީނުވާން ޖެހޭކަން ވެސް އެނގޭނީ ޖަހާ ވެކްސިނެއްގެ ބާވަތުން ކަމަށް ބުނެ އެވެ. އެގޮތުން އެޗްޕީއޭ އިން ބުނީ ވެކްސިންގެ އަސަރުކުރާނީ ވެކްސިންގެ ހުރިހާ ޑޯޒެއް ފުރިހަމަކުރުމުން ކަމަށާއި އަދި ވެކްސިންގެ ސަބަބުން ބަލިން ދިފާއުކޮށްދޭ މުއްދަތު ބިނާވާނީ ވެކްސިންގެ ބާވަތަށް ކަމަށެވެ. 

އެހެންކަމުން ކަރަންޓީން ވާންޖެހޭނެކަން ނުވަތަ ނޫންކަން ކަނޑައެޅޭނީ ޖަހާ ވެކްސިންގެ ބާވަތަކުންކަން ފާހަގަކޮށް ބުނީ ތަފާތު ވައްތަރުތަކުގެ ވެކްސިނާއި ގުޅޭ އިތުރު މައުލޫމާތު ލިބުނުވަރަކުން ކަރަންޓީނުވުމުގެ އުސޫލުތައް ހިއްސާކުރެވޭނެ ކަމަށެވެ.

ކޮވިޑް-19 ވެކްސިން ހޯދުމަށްޓަކައި ރާއްޖެއިން ވަނީ ހަމަހަމަ ކަމާއެކު ރައްކާތެރި ވެކްސިން ގައުމުތަކަށް ފޯރުކޮށްދިނުމަށް އެކުލަވާލާފައިވާ ކޯވެކްސް ފެސިލިޓީގައި ބައިވެރިވެފައިވާއިރު އެ ފެސިލިޓީގެ ދަށުން ރާއްޖެއަށް ވެކްސިން ލިބޭނެކަމަށް ލަފާކުރެވެނީ 2021 ގެ ފުރަތަމަ 3 މަސް ދުވަހުގެ ތެރޭގަ އެވެ.

40%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
20%
ސަތޭކައަކުން ސުމެއް
40%
ވަރަށް ސަލާމް
ކޮމެންޓްސް