
ރައީސް ނަޝީދު މިއަދު ވިދާޅުވީ، އެންޑީއޭއަށް އިސްލާހު ގެންނަން ޖެހިފައިވާ ކަމަކީ ޝައްކު ހިނގާ ކަމެއް ނޫން ކަމަށެވެ.
މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ މީހުން ވަންނާނެ ގެދޮރެއް ނެތި މަގުމަތިވެފައިވާ މައްސަލަ ބޮޑުވެފައި ވަނިކޮށް ފުލުހުން ވަނީ މަސްތުވުމަށް ހާއްސަ އައްޑާތަކުގައި ހިންގި އޮޕަރޭޝަންތަކުގައި ނޫސްވެރިން ބައިވެރިކޮށްފަ އެވެ. މި ހުރިހާ ކަމެއް ހިނގާފައި މި ވަނީ "ޗޭންގް އެންޑީއޭ" ގެ ނަމުގައި ގިނަ ބަޔަކު ސޯޝަލް މީޑިއާގައި ކެމްޕޭނެއް ފަށާފައި ވަނިކޮށެވެ.
"ޗޭންޖެ އެންޑީއޭ" ނުވަތަ ނެޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) ބަދަލުކުރުމަށް ގޮވާލާ ހިންގި އޮންލައިން ކެމްޕޭން އެންމެ ފަހުން ވަނީ ރަސްމީ ހަރަކާތަކަށް ބަދަލުވެ މަގުމައްޗަށް ވެސް ނިކުމެފަ އެވެ.
އެ ހަރަކާތުގައި އުޅޭ ބައެއް މީހުން މިދިޔަ އަހަރުގެ ޑިސެންބަރު މަހުގެ ކުރީކޮޅު އެންޑީއޭ ދޮށަށް އެއްވެ، އެތަން އިސްލާހު ކުރުމަށް ގޮވާލާ އިހްތިޖާޖުކުރި އެވެ.
އިހްތިޖާޖުގައި އެންމެ އިސްކޮޅު އުޅުނީ މަޝްހޫރު ލަވަކިޔުންތެރިޔާ އީސާ އަބްދުﷲ އެވެ. އޭނާ އާއި އިތުރު ބައެއް މީހުން އެންޑީއޭ ކައިރިއަށް އެއްވެ އަޑު އުފުލާފައި ވަނީ މަސްތުގެ ވަބާގައި ޖެހިފައިވާ މީހުންނަށް ދޭ ފަރުވާގެ ނިޒާމު ހަރުދަނާ ކުރުމަށާއި އެންޑީއޭއަށް އިސްލާހީ ބަދަލު ގެނައުމަށެވެ.