ads
ދަނޑުވެރިން ދިއްލީއަށް ދަތުރު ކުރަނީ-- ފޮޓޯ: ރޮއިޓާޒް
ރުޅިގަދަވެފައި ތިބި ދަނޑުވެރިން ޖުމްހޫރީ ދުވަހާ ދިމާކޮށް ދިއްލީއަށް ޖަމާވަނީ!
ދަނޑުވެރިކަމަށް ގެންނަމުންދާ ބަދަލުތަކާ މެދު ރުޅިގަދަވެފައި ތިބި ދަނޑުވެރިން، އެމީހުންގެ މަސައްކަތުގައި ބޭނުން ކުރާ ޓްރެކްޓަރު ފަދަ އުޅަނދުތަކުގައި އިންޑިއާގެ ވެރިރަށް ނިއު ދިއްލީއަށް ޖަމާވާން ފަށައިފި އެވެ.

އެމީހުން ދިއްލީއަށް ދަނީ މާދަމާ ފާހަގަކުރާ އިންޑިއާގެ ޖުމްހޫރީ ދުވަހާ ދިމާކޮށެވެ. އެ ދުވަހުގެ އުފަލުގައި ދިއްލީގައި އަސްކަރީ ޕެރޭޑެއް މާދަމާ އޮންނާނެ އެވެ. 

ދަނޑުވެރިކަމުގެ ސިނާއަތަށް ގެންނަމުންދާ ބަދަލުތަކާ މެދު ހިތްހަމަނުޖެހިފައި ތިބި ދަނޑުވެރިން ޓްރެކްޓަރުތަކުގައި ދިއްލީއަށް އެއްވަމުން ދާއިރު، އެމީހުން ހިންގާނީ ސުލްހަވެރި ހަރަކާތެއް ކަމަށް ވަނީ ބުނެފަ އެވެ.

ޓްރެކްޓަރުތަކުގެ ސަބަބުން ދިއްލީއަށް ދާން އޮންނަ ބޮޑެތި ހައިވޭތައް މިއަދު ތޮއްޖެހިފައި ވާއިރު، އެ އުޅަނދުތަކުގައި ހުރީ ސަރުކާރާ ދެކޮޅު ލަވަ ޖަހާފަ އެވެ. 

އެ އިހްތިޖާޖުގައި ބައިވެރިވާ މީހުންނަށް ކެއިން ބުއިމުގެ ކަންކަން ވެސް ވަނީ އެކި ފަރާތްތަކުން އިންތިޒާމުކޮށްފައި ކަމަށް ރޮއިޓާޒް އިން ރިޕޯޓުކުރެ އެވެ. 

ޕަންޖާބާއި ހަރްޔާނާ ފަދަ ސްޓޭޓުތަކުގެ ދަނޑުވެރިން މުޒާހަރާ ކުރަމުންދާތާ މިހާރު ދެ މަސް ވެއްޖެ އެވެ. އެމީހުން ހިތްހަމަނުޖެހުނީ ދަނޑުވެރިކަމާ ގުޅޭ ގާނޫނުތަކަށް ގެނައި ބަދަލުގެ ސަބަބުން އެމީހުންގެ އާމްދަނީއަށް އަސަރު ކުރާނެތީ އެވެ.

ދަނޑުވެރިންގެ ޔޫނިއަންތަކުން ބާރު އަޅަމުން ދަނީ ގާނޫނަށް ގެނައި ބަދަލުތައް އުވާލުމަށެވެ. ބޮޑު ވަޒީރު ނަރެންދްރަ މޯދީގެ ސަރުކާރާއެކު އެތައް ފަހަރެއްގެ މަތިން މަޝްވަރާ ކުރި ނަމަވެސް މިހާތަނަށް މި މައްސަލައަށް ހައްލެއް ފެނިފައެއް ނުވެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް