އެ މީހުން ހައްޔަރު ކުރީ ތ. ތިމަރަފުށީގައި ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ކަމަށް މައުލޫމާތު ލިބެއެވެ.
ފުލުހުން މައުލޫމާތުދޭ ގޮތުގައި އެ ރަށުގައި ދީނުގެ ނަމުގައި ހަރުކަށި ފިކުރު ގަބޫލު ކުރާ ފަރާތްތަކުން އިސްވެ ތިބެ ޓެރަރިސްޓް ޖަމާއަތްތަކަށް ތާއީދުކޮށް ޓެރަރިޒަމަށް ހިތްވަރުދީ އެ ޖަމާއަތްތަކުގެ އަމަލުތަކަކީ ސަބަބުވެރި އަމަލުތަކެއް ކަމަށް ދައްކައި ޓެރަރިސްޓް ޖަމާއަތެއް ކަމަށްވާ އިސްލާމިކް ސްޓޭޓު ޖަމާއަތުގެ އިރުޝާދުގެ ދަށުން ރާއްޖޭގައި ޓެރަރިޒަމްގެ އަމަލުތައް ހިންގުމަށް ރާވަފައިވާ ކަމަށެވެ.
ތިމަރަފުށީގައި ހަރަކާތްތެރިވާ ހަރުކަށި ފިކުރުގެ އިސް ފަރާތްތަކުން އޮޕަރޭޓް ކުރާ "ނަސްހާ-3" ދޯނީގައި އިމްޕްރޮވައިސްޑް އެކްސްޕްލޯސިވް ޑިވައިސް (އައިއީޑީ) އެއް ތައްޔާރު ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުންނަށް މައުލޫމާތު ލިބިފައިވާ ކަމަށް ވެސް ބުނެފައި ވެއެވެ.
އެ މައްސަލައިގައި ނިމިދިޔަ ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހު ތިމަރަފުއްޓާއި މާލޭގެ އިތުރުން ކަނޑުމަތީގައި ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި ވަނީ ހަ މީހަކު ހައްޔަރުކޮށްފަ އެވެ. އަދި ހަމަ އެ މަހުގެ 27 ވަނަ ދުވަހު ވަނީ އިތުރު ދެ މީހަކު އެ މައްސަލައިގައި ހައްޔަރުކޮށްފަ އެވެ.
މި މައްސަލާގައި ހައްޔަރުކޮށްފައިވާ މީހުންގެ ތެރެއިން ތ.ތިމަރަފުށި/ އަސްރަފީވިލާ އަހްސަން މުހައްމަދަކީ ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގި ކަމަށް ތުހުމަތުކުރެވޭ މައްސަލައަކާ އަދި މީހަކަށް މަރުގެ އިންޒާރުދިން ކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި މީގެ ކުރިން ހައްޔަރު ކުރި މީހެއް ކަމަށް ފުލުހުން މައުލޫމާތުދެ އެވެ. އަދި އެ މައްސަލައިގައި ހައްޔަރު ކުރި ތ.ތިމަރަފުށީ/ ކެނެރީގެ، އަލީ މުނީޒަކީ މަސްތުވާތެކެތި ބޭނުން ކުރުމާއި އެ ތަކެތި ގެންގުޅޭ ކަމަށް ތުހުމަތު ކުރެވުނު މައްސަލައަކާ އަދި މުދަލަށް ގެއްލުންދިން ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހެއް ކަމަށް ވެސް ފުލުހުން ވަނީ ބުނެފަ އެވެ.
ފުލުހުން މައުލޫމާތުދޭ ގޮތުގައި އެ މައްސަލައިގައި ހައްޔަރުކޮށްފައިވާ މީހުން ވަނީ އިސްލާމިކް ސްޓޭޓްއަށް މާލީ ގޮތުން ވެސް އެހީތެރިކަން ފޯރުކޮށްދީފަ އެވެ. އަދި ރާއްޖެއިން ލިބެން ހުރި އެމޯނިއަމް ނައިޓްރޭޓް ވަކިކޮށް ހަމަލާއެއް ދިނުމުގެ ޝައުގުވެރިކަން ވެސް އެމީހުން ވަނީ ފާޅުކޮށްފަ އެވެ.