މިކަމާ ގުޅިގެން ފުލުހުން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި އިމާރާތުގައި ބޯހިޔާވަހިކަމަށް ބޭނުންޖެހިފައިވާ އަދި މަސްތުވާތަކެތި ބޭނުންކުރާ މީހުންގެ ތެރެއިން ފަރުވާ ބޭނުންވާ ބައެއް ދިރިއުޅޭ ކަމުގެ މައުލޫމާތު ލިބުމުން، ޖެންޑާ މިނިސްޓްރީގެ އެހީތެރިކަމާއެކު އެ އިމާރާތަށް ޒިޔާރާތް ކުރިކަމަށެވެ.
މިއަދު ހަވީރު އެ އިމާރާތަށް ޒިޔާރާތް ކުރުމަށްފަހު، ފަރުވާ ބޭނުންވާ ތިން މީހަކު ފަރުކޮޅުފުށީގައި ގާއިމުކުރެވިފައިވާ ވަގުތީ ޑިޓޮކްސިފިކޭޝަން ސެންޓަރަށް ބަދަލު ކުރީ ނޭޝަނަލް ޑްރަގް އޭޖެންސީގެ ހަވާލުގައި ކަމަށް ފުލުހުން ބުނިއެވެ.
ފުލުހުން ބުނީ މިހާރު އެ އިމާރާތް ސާފު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން މި މަސައްކަތުގައި ވެކްމޯގެ ފަރާތުން އެހީތެރިކަން ލިބޭ ކަމަށް ފުލުހުން ފާހަގަ ކުރިއެވެ.