ads
ވީޑިއޯ ރިޕޯޓް-
ކޮޅުފުށީ ކްލަސްޓާގެ ފެށުމަކީ ކޮބާ؟
ރާއްޖޭގައި އާ އަހަރާއެކު މިވަނީ ކޮވިޑް-19 ގެ ތިންވަނަ ރާޅު ބިންދާލާފައެވެ. ސްކޫލުތަކުންނާއި އަތޮޅު ތެރެއިންނެވެ. އަދި ރާއްޖޭގެ އިގްތިސާދުގެ މައި ތަނބު ކަމަށްވާ ރިސޯޓްތަކުންނެވެ.
Advertisement

މިއަހަރު ފެށުމާއެކު އެންމެ ފުރަތަމަ ކޮވިޑްގެ ކޭސްއެއް ފެނިފައިވަނީ ގއ. ދެއްވަދޫއިންނެވެ. އެއީ އެރަށަށް ޗުއްޓީއައް ދިޔަ ބަޔެއްގެ ތެރެއިން ތުއްތު ކުއްޖަކު ޕޮޒިޓިވްވުމާއި ގުޅިގެންނެވެ. އެ ކުއްޖާ ފުރަތަމަ ނެގެޓިވް ކަމަށް އަންގާ އާއިލާގެ ގިނަ ބަޔަކު އެ ކުއްޖާ އުރި ފަހުން ދެއްވަދޫ ސިއްހީ މަރުކަޒުން އެ ތުއްތު ކުއްޖާ ޕޮޒިޓިވް ކަމަށް އެންގިއެވެ. އެހާ ހިސާބުން އެރަށުގައި ކޮވިޑްގެ ބޮޑު ކުލަސްޓާއެއް އުފެދިގެން ގޮސް އެރަށުން 83 މީހުންނަށް ވުރެ ގިނަ ބަޔަކަށް ކޮވިޑް 19 ޖެހިގެން ދިޔައެވެ.

އަދި އެރަށް ކައިރީގައި އޮތް ދާއްދޫއިން ވެސް ކޮވިޑް ބަލި ފެނި އެދެރަށް މޮނިޓަރިންގެ ހާލަތަށް ލެވިގެން ދިޔައެވެ. މިހާލަތުގައި އެ ދެރަށުގެ ރަށްވެހިން މަހަށް ޖެހި ކައިރި ރަށްތަކުން އެއްބައިވަންތަކަމުގެ ރޫހުވެސް ވަނީ ދައްކުވައިދީފައެވެ.

ދެއްވަދޫއިން ފެނުނު ކްލަސްޓާގެ ހަގީގަތް ނޭންގޭ ކަމަށް އެޗްއީއޯސީން ވެސް ބުނެފައި ވާއިރު އެ ރަށުން ފެނުނު ބިރުވެރިކަން ދެން ވަކިހިތްޕާލީ ލ. އަތޮޅުގައެވެ. ލ. ގަން އަދި ފޮނަދޫ އިން ބަޔަކަށް ކޮވިޑް ޖެހިގެން ދިޔައެވެ. ދެއްވަދޫއިން ޕޮޒިޓިވްވި ބަޔަކާ ދިމާވުމުގެ ސަބަބުންނެވެ. 

ދެން ފެނުނީ ދެއްވަދޫ ކްލަސްޓާގެ ވަކިތައް އެ އަތޮޅު ވިލިނގިލީގައި ހިތްޕާލިތަނެވެ. އެ ރަށުގެ ސްކޫލު ގްރޭޑް 12 ގައި ކިޔަވަމުންދާ ދަރިވަރަކަށް ކޮވިޑް ޖެހި ވިލިނގިލި ވެސް މޮނިޓަރިންގެ ހާލަތަށް ގެނެވިގެން ދިޔައެވެ.

ރާއްޖޭގެ ދެކުނުން ވެސް ދެއްވަދޫ ކުލަސްޓާގެ ބިރުވެރިކަން ފެންމަތިވިއެވެ. އައްޑޫ ސިޓީގައި ދެއްވަދޫއިން ގިނަ ބަޔަކު ބޭސްފަރުވާ ހޯދުމަށް ގޮސް އުޅޭތީއެވެ. އެހާ ހިސާބުން އައްޑޫ ވެސް މޮނިޓަރިންގެ ހާލަތަށް ދިޔަ މަންޒަރު ފެނިގެން ދިޔައެވެ.

އައްޑޫ އަދި ލ. އަތޮޅުގެ ދެރަށުން މިހާރު މޮނިޓަރިންގެ ހާލަތު އުވާލައިފައިވާއިރު ދެން ފެންމަތިވީ މެދުރާއްޖޭތެރޭގެ ރަށެއްގައި ކޮވިޑްގެ ބޮޑު ކްލަސްޓާއެއް މިހާރު ކުރިއަށް ދާ މަންޒަރެވެ.

މުލަކު އަތޮޅު ކޮޅުފުށިން މިހާ ހިސާބަށް ވަނީ ޖުމްލަ ނުވަ މީހަކަށް ކޮވިޑް 19 ޖެހިފައެވެ. އޭގެ ތެރޭގައި ތުއްތު ކުއްޖެއްގެ އިތުރުން ހައިރިސްކު އުމުރުން ދުވަސްވީ ދެ މީހުންވެސް ހިމެނެއެވެ. 

އެރަށް މޮނިޓަރިންނަށް ލެވިގެން ދިޔައީ ކޮޅުފުށީގައި ޗުއްޓީ ހޭދަކޮށް މާލެ އަނބުރާ އައި  މީހަކު ހުންއައިސް އަދި ރޯގާގެ އަލާމާތްތައް ފެނުމާ ގުޅިގެން ޓެސްޓު ކުރުމާ ގުޅިގެންނެވެ.  އެއީ އެރަށުގައި ކޮވިޑް ފެތުރިގެން ދިޔަގޮތް ކަމަކަށް އެ ރަށުގެ ބައެއް ފަރާތްތަކުން ބުނަމުންދެއެވެ.

އެގޮތުން ނަން ހާމަކުރަން ބޭނުންނުވާ ފަރާތަކުން ސީއެންއެމްއަށް މައުލޫމާތު ދެމުން ބުނެފައިވަނީ އެރަށަށް ކޮވިޑް 19 ދަތުރު ކޮށްފައި ވަނީ ދެއްވަދޫ ކުލަސްޓާއިން ކަމަށެވެ. އެއީ ލ. އަތޮޅު ގަމަށް އެ ކްލަސްޓާގެ ބިރުވެރިކަން އޮތްއިރު އެ ރަށުގައި ތިބި ބައެއްގެ ފަރާތުން ކަމަށެވެ.

އޭނާ  ބުނި ގޮތުގައި ގަމުގައި ތިބި މީހުން އަނބުރާ ކޮޅުފުއްޓަށް އައިއިރު އެ މީހުންގެ ގައިން އަލާމާތްތައް ފެނިފައިވާ ކަމަށެވެ. އަދި އެމީހުން ދިރިއުޅޭ ގެއިން ގިނަ ބަޔަކު ބަލިވެގެން ދިޔަ ކަމަށް ވެސް މައުލޫމާތު ދިނެވެ. މާލެއަށް އަނބުރާ އައި ފަރާތާވެސް އެމީހުން ދިމާވެފައިވާ ކަމަށް ވެސް އޭނާ ބުންޏެވެ.

މިކަމާ ގުޅޭގޮތުން ކޮޅުފުށީ ކައުންސިލްގެ ރައީސް ހުސެން ޝާމިލް ސީއެންއެމްއަށް ވިދާޅުވީ އެ ރަށުގައި ކޮވިޑް ފެތުރެން ދިމާވި ސަބަބު އަދި ނޭންގޭ ކަމަށެެވެ. އަދި މިހާރު ރަށުގައި ބޮޑު ސްޕްރެޑްއެއް އޮތުން ވެސް އެކަށީގެން ވާކަމަށް ވެސް ޝާމިލް ވިދާޅުވިއެވެ.

މިހާރު ކޮޅުފުށިން އިތުރު ސާމްޕަލްތަކެއް ވަނި ޓެސްޓުކުރަން ފޮނުވާފައި ކަމަށާއި އޭގެ ނަތީޖާ ލިބުމާއެކު މިހާރު ރަށުގައި ކޮވިޑް ހުރި މިންވަރު އެނގިގެންދާނެ ކަމަށް ވެސް ޝާމިލް ވިދާޅުވިއެވެ.

ކޮޅުފުށިން ނުވަ މީހުން ޕޮޒިޓިވް ވެފައިވާއިރު ޖެނުއަރީ ފަހެއްގެ ފަހުން މ. ކޮޅުފުށިން އެހެން ރަށަކަށް ދަތުރުކުރި މީހުން ހޯދުމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ވެސް ވަނީ އިއުލާނުކޮށްފައެވެ.

33%
ކަމުގޮސްފި
33%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
33%
ވަރަށް ސަލާމް
ކޮމެންޓްސް