ads
މާފުށީގެ ކުނި އަޅާ ސަރަހައްދު-- ފޮޓޯ: ސައްލީ/ ޓްވިޓާ
ނުރައްކާތެރި ކުނި ނައްތާލާނެ ފަރާތެއް ހޯދަނީ
ނުރައްކާތެރި ކުންޏާއި ކެމިކަލް މެނޭޖުކުރާ ސިސްޓަމެއް ތަރައްގީކުރުމުގެ ފީސިބިލިޓީ ސްޓަޑީއެއް ހެދުމުގެ މަސައްކަތް ކުރުމަށް ފަރާތެއް ހޯދުމުގެ މަސައްކަތް މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އިން ފަށައިފިއެވެ.

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އިން މިއަދު ގެޒެޓް ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ އެ މުއައްސަސާއިން ކުރިއަށްގެންދާ "އެލިމިނޭޓިން ޕާސިސްޓަންޓް އޯގަނިކް ޕޮލިއުޓަންޓްސް ތްރޫ ސައުންޑް މެނޭޖްމަންޓް އޮފް ކެމިކަލްސް" ޕްރޮޖެކްޓްގެ ދަށުން ކުރަން ރާވާފައިވާ މަސައްކަތްތަކުގެ ތެރެއިން ނުރައްކާތެރި ކުންޏާއި ކެމިކަލް މެނޭޖުކުރާ ސިސްޓަމެއް ތަރައްގީކުރުމުގެ ފީސިބިލިޓީ ސްޓަޑީއެއް ހެދުމުގެ މަސައްކަތް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ދައުވަތު އަރުވާ ކަމަށެވެ. 

އަދި އެކަމަށް ޝައުގުވެރިވާ ފަރާތްތައް، މަސައްކަތް ކުރުމުގެ ގާބިލްކަން ސާބިތުކޮށް ދިނުމަށް ކުރިން ކޮށްފައިވާ މަސައްކަތްތަކުގެ ތަފްސީލް، މިފަދަ ހާލަތްތަކުގައި މަސައްކަތް ކުރުމުގެ ތަޖުރިބާ، ކުންފުނީގެ ފަރާތުން ޕްރޮޖެކްޓްގައި ބައިވެރިވާ ފަރާތްތަކުގެ އަދަދާއި ލިބިފައިވާ ތައުލީމީ ފެންވަރު އަދި އެހެނިހެން މައުލޫމާތު ހުށަހަޅަންވާނެ ކަމަށް ބުނެފައި ވެއެވެ.

އެ މަސައްކަތުގެ "ރިކުއެސްޓް ފޯ ޕްރޮޕޯސަލްސް" އެ މިނިސްޓްރީގެ ވެބްސައިޓް އިން ޑައުންލޯޑް ކުރެވެންވެސް ހުންނާނެއެވެ.

ބީލަން ހުށަހެޅުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން އެންވާރަމަންޓް މިނިސްޓަރީގައި ރެޖިސްޓަރީ ކުރަންވާނެ ކަމަށާއި ރެޖިސްޓްރޭޝަން ކުރިއަށް ދާނީ މިއަދުން ފެށިގެން 07 ފެބުރުވަރީ 2021 ވާ އާދިއްތަ ދުވަހުގެ 12:00 އާއި ދެމެދު މިނިސްޓްރީގެ އީ-މެއިލް އެޑްރެސް އަށް އީމެއިލް ކުރައްވައިގެންނެވެ.

މީގެ އިތުރުން އެ މަޝްރޫއުގެ ޕްރީބިޑް ބައްދަލުވުން އޮންނާނީ 14 ފެބްރުވަރީ 2021 ވާ އާދިއްތަ ދުވަހު 11:00 ގައި އޮންލައިން ވީޑިއޯ ކޮންފަރެންސްއެއް މެދުވެރިކޮށް ކަމަށާއި އެ ކޮންފަރެންސްގައި ބައިވެރިވުމަށް ބޭނުންވާ ލިންކް ފޮނުވޭނީ އީމެއިލް މެދުވެރިކޮށް ރެޖިސްޓާ ވާ ފަރާތްތަކުގެ މެއިލް އެޑުރެހަށް ކަމަށް އެ އިއުލާނުގައި ވެއެވެ.

އަދި ބީލަން ހުށަހަޅުމުގެ ތާރީހަކީ 28 ފެބުރުވަރީ 2021 ވާ އާދިއްތަ ދުވަހުގެ 11:00 ގެ ކުރިން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓުގެ ރިސެޕްޝަނަށްށެވެ. ގަޑިޖެހުމަށް ފަހު ހުށަހަޅާ ބީލަންތައް އަނބުރާ ރައްދު ކުރެވޭނެ ކަމަށް ވެސް އެ މިނިސްޓަރީއިން ބުނެފައިވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް