ads
އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ މެންބަރުން ބަޖެޓު ދިރާސާ ކުރާ ކޮމެޓީގައި. އޭސީސީއަކީ ކޮރަޕްޝަން މައްސަލަތައް ބަލާ މިނިވަން މުއައްސަސާއެއް--
ކޮރަޕްޝަނާ ދެކޮޅަށް ފުރިހަމައަށް މަސައްކަތް ކުރުމަށް ވަނީ ނުކުޅެދިފައި: ޓްރާންސްޕޭރެންސީ
ކޮރަޕްޝަން ޕާސެޕްޝަން އިންޑެކްސް (ސީޕީއައި) ގައި ރާއްޖެއިން 2020 ވަނަ އަހަރު 55 ދަރަޖައިގެ ކުރިއެރުމެއް ހޯދި ނަމަވެސް، ކޮރަޕްޝަނާ ދެކޮޅަށް ފުރިހަމައަށް މަސައްކަތް ކުރުމަށް ރާއްޖެ ވަނީ ނުކުޅެދިފައި ކަމަށް ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން ބުނެފި އެވެ.

ޓްރާންސްޕޭރެންސީ އިންޓަނޭޝަނަލް އިން ނެރޭ ސީޕީއައިއަކީ ދުނިޔޭގެ 183 ގައުމުގައި ކޮރަޕްޝަން އަށަގަނެފައިވާ މިންވަރު ދެނެގަތުމަށް ހަދާފައިވާ ސާވޭ އާއި ފަންނީ މާހިރުންގެ ހޯދުންތަކުގެ މައްޗަށް ކޮންމެ އަހަރަކު ޝާއިއު ކުރާ ލިސްޓެކެވެ. 

އެގޮތުން 2020 ވަނަ އަހަރު 43 ޕޮއިންޓާއެކު ރާއްޖެ އޮތީ ސީޕީއައިގެ 75 ވަނައިގަ އެވެ. މިއީ 2019 ވަނަ އަހަރާ އަޅާ ބަލާއިރު 14 ޕޮއިންޓުގެ ކުރިއެރުމެކެވެ. 

އެހެންކަމުން ރާއްޖެއިން ވަނީ 2019 ވަނަ އަހަރާ އަޅާ ބަލާއިރު 55 ދަރަޖަ ކުރިއަށް ޖެހިފަ އެވެ. ހުރިހާ ގައުމެއްގެ ތެރެއިން 2020 ގައި އެންމެ ބޮޑު ކުރިއެރުމެއް ލިބުނީ ރާއްޖެ އަށެވެ. 

ނަމަވެސް ޓްރާންސްޕޭރެންސީ އިންޓަނޭޝަނަލްގެ ރާއްޖޭގެ އޮފީހުން ބުނެފައިވާ ގޮތުގައި އަދިވެސް ރާއްޖެ ހިމެނެނީ 50 އަށް ވުރެ ދަށުން ޕޮއިންޓް ލިބުނު ތިންބައިކުޅަ ދެބައި ގައުމުގެ ތެރޭގަ އެވެ.

"އަދި ވޭތުވެދިޔަ އަހަރުތަކުގައި ގާނޫނީ ނިޒާމު ހަރުދަނާ ކުރުން ފަދަ ދާއިރާތަކުން ރާއްޖެ ކުރި ހޯދާފައިވީ ނަމަވެސް ކޮރަޕްޝަނާ ދެކޮޅަށް ފުރިހަމަކަމާއެކު މަސައްކަތް ކުރުމަށް އަދިވެސް ނުކުޅެދިފައިވާކަން މި ސާވޭއިން ދައްކަ އެވެ،" ޓްރާންސްޕޭރެންސީ މޯލްޑިވްސްގެ ބަޔާނެއްގައި ވެއެވެ.

ކޮވިޑް-19 ބަލިމަޑުކަމުގެ ތެރޭގައި ރާއްޖެއިން ކަން ކުރަމުންދާ ގޮތަށް ބެލުން މުހިއްމު ކަމަށާއި މިއީ ސިއްހީ އަދި އިގްތިސާދީ ކާރިސާއެއްގެ އިތުރުން ކޮރަޕްޝަންގެ ކާރިސާއެއް ކަމަށް ވެސް އެ ބަޔާނުގައި ބުނެފައި ވެއެވެ.

ޓްރާންސްޕޭރެންސީ މޯލްޑިވްސްއިން ބުނީ ކޮރަޕްޝަނީ ކޮވިޑް-19 އާއި އެހެން ކާރިސާތަކާ ދެކޮޅަށް ވެސް މަސައްކަތް ކުރުމަށް އޮތް ހުރަހެއް ކަމަށެވެ. އެހެންކަމުން ކުއްލި ހާލަތްތަކުގައި ކޮރަޕްޝަނާ ދެކޮޅު ހާމަކަން ބޮޑު ސިޔާސަތެއް ގެންގުޅުން މުހިއްމު ކަމަށް ފާހަގަކޮށްފައި ވެއެވެ.

އެއާއެކު ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން ވަނީ ޓްރާންސްޕޭރެންސީ އިންޓަނޭޝަނަލުން ވެސް ފާހަގަކޮށްފައިވާ ހަތަރު ކަމެއް ރާއްޖޭގައި ރަނގަޅު ކުރުމަށް ސަރުކާރަށް ހުށަހަޅާފަ އެވެ. އެއީ މިނިވަން މުއައްސަސާތައް ހަރުދަނާ ކުރުން، ކޮންޓްރެކްޓިން ނިޒާމަކީ ހާމަކަން ބޮޑު ނިޒާމަށް ހެދުމާއި، ޑިމޮކްރަސީ ދިފާއުކޮށް ރައްޔިތުންގެ ބައިވެރިވުން އިތުރުކުރުން އަދި ކުއްލި ހާލަތްތަކުގައި ސަރުކާރުގެ ހަރަދުތަކުގެ ތަފްސީލް ރައްޔިތުންނަށް ފޯރުކޮށްދިނުމެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް