ސީއެންއެމްއަށް މައުލޫމާތު ދެމުން އެ ސްކޫލުގެ ޕްރިންސިޕަލް އަލީ މުސްތަފާ ވިދާޅުވީ އެ ސްކުލޫން ދަރިވަރަކު ވަނީ މިއަދު ކޮވިޑް 19 އަށް ޕޮޒިޓިވް ވެފައި ކަމަށެވެ.
އަދި އެ ސްކޫލުން ހަ ޓީޗަރަކު ވަނީ ޑައިރެކްޓް ކޮންޓެކްޓުންގެ ގޮތުގައި ކަރަންޓީން ކުރެވިފައި ކަމަށާއި އަދި ފަސް މުވައްޒަފަކު ވަނީ ސެކަންޑަރީ ކޮންޓެކްޓުންގެ ގޮތުގައި ކަރަންޓީންގައި ކަމަށެވެ.
މީގެ އިތުރުން 13 ދަރިވަރަކު ވެސް ވަނީ ޑައިރެކްޓް ކޮންޓެކްޓުންގެ ގޮތުގައި މި ވަގުތު ކަރަންޓީން ކުރެވިފައި ކަމަށް އަލީ މުސްތަފާ ވިދާޅުވިއެވެ.
ގިޔާސުއްދީން ސްކޫލުގެ ހާލަތު މިހެން ހުރުމާއެކު އެ ސްކޫލުގައި މިހާރު ވަނީ ގްރޭޑް 9 އަކުން ދަށް ކްލާސްތަކުގެ ކުދިންނަށް ސްކޫލަށް ގޮސްގެން ކިޔަވައިދިނުން މެދުކަނޑާލާ އޮންލައިންކޮށް ކިޔަވައިދޭން ފެށިފައި ކަމަށް ވެސް މުސްތަފާ ވިދާޅުވިއެވެ.
އެ ނިންމުން ނިންމީ ސްކޫލުގެ އިސްވެރިންގެ ތެރޭގައި މަޝްވަރާ ކުރެވި މި ދަނޑިވަޅުގައި އެންމެ ރަނގަޅު ގޮތަކީ އެއީ ކަމުގައި ދެކިލައްވާތީ ކަމަށް ވެސް މުސްތަފާ ވަނީ ވިދާޅުވެފައެވެ.
ގިޔާސުއްދީން ސްކޫލުން މިއަދު ކުއްޖަކު ޕޮޒިޓިވް ވެފައިވާއިރު އިއްޔެ ވަނީ ޖަމާލުއްދީން ސްކޫލުގެ ޕްރިންސިޕަލް ވެސް ކޮވިޑް 19 އަށް ޕޮޒިޓިވް ވެފައެވެ.