ads
ވީޑިއޯ ރިޕޯޓް: -
އަދުރޭ ހައްޔަރު ކުރީ ގުނޫތަށް އަތް ނަގައިގެން ހުއްޓަތަ؟
އިދިކޮޅު ކޯލިޝަނުން މިދިޔަ ހޮނިހިރު ދުވަހު ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ކްރިމިނަލް ކޯޓުން އިއްވާފައިވާ ފަސް އަހަރުގެ ޖަލު ހުކުމް ދެމެހެއްޓުމަށް ތާއީދުކޮށް ހައިކޯޓުން ހުކުމް ކުރުމާއި ގުޅިގެން އެކަން ބަލައިނުގަނެ ސީދާ ހަރަކާތަށް ނިކުތުމަށް ނިންމާފައެވެ. އެއާއެކު މި ހަފްތާ އެއްކޮށް އިދިކޮޅު އެކި އެއްވުންތަކުގެ ވާހަކަ މެދުނުކެނޑި އިވެމުން ދިޔައެވެ. އަދި މި މުޒާހަރާތަކުގައި އިދިކޮޅު އެކި ލީޑަރުންނާއި ސަޕޯޓަރުން ވަނީ އެކި ފަހަރު މަތިން ހައްޔަރު ކޮށްފައެވެ.

އިދިކޮޅުން ބުދަ ދުވަހު ދަރުބާރުގޭ ދޮށުގައި ކުރި އިހުތިޖާޖުން ފުލުހުންގެ ބެލުމުގެ ދަށަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އާއި ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު ގެންގޮސްފައިވެއެވެ. އަދި މި ދެ ބޭފުޅުން ދޫނިދޫއަށް ގެންދިޔަ ކަމަށް އިދިކޮޅުން ބުނެފައި ވަނިކޮށް، މިއަދު ފުލުހުން ވަނީ މި ދެބޭފުޅުން ބަންދުން ދޫކޮށްލާފައެވެ.

މިއީ މި އިހުތިޖާޖުތަކުގައި އަދުރޭ ހައްޔަރު ކުރި ފުރަތަމަ ފަހަރެއްވެސް ނޫނެވެ. އިދިކޮޅުގެ އިހުތިޖާޖުތައް ކޮންޓްރޯލް ކުރުވުމުގެ ތެރެއިން ފުލުހުން ހައްޔަރު ކުރާ މީހުން ދޫކޮށްލުމަށް އިދިކޮޅުން ތަކުރާރުކޮށް ގޮވަމުން އަންނައިރު، ކުރީގެ ނައިބު ރައީސް އަދި އިދިކޮޅުގެ ލީގަލް ޓީމުގައި ހިމެނިވަޑައިގަންނަވާ ޑރ. މުހައްމަަދު ޖަމީލް އަހުމަދު މީގެ ކުރިން ވަނީ، ޕީޕީއެމްގެ ހިތްވަރު ގަދަ ފަހުލަވާނުން އަދި ލީޑާޝިޕްގެ ބޭފުޅުން ހައްޔަރު ކޮށްފައިވަނީ ގައިރު ގާނޫނީ ކޮށްކަމަށް ވިދާޅުވެފައެވެ.

އެގޮތުން ސުލްހަވެރިކަމާއެކު ސިޔާސީ ހަރަކާތް ހިންގުމަކީ ކުށެއް ނޫން ކަމަށާއި، ޕީޕީއެމްގެ ހިތްވަރުގަދަ ފަހުލަވާނުން އަދި ލީޑާޝިޕްގެ އެންމެ ބޭފުޅުންނާއެކު އަދުރޭ ހައްޔަރުކޮށްފައިވަނީ ގައިރު ގާނޫނީކޮށް ކަމަށް ޖަމީލް ވިދާޅުވިއެވެ. އަދި މި މައްސަލައިގައި އިދިކޮޅު ކޯލިޝަނުން ވަނީ އިދިކޮޅު އިހުތިޖާޖަށް ފުލުހުން ހުރަސް އަޅާ، ބަޔަކު ހައްޔަރު ކުރި މައްސަލަ ކަމާ ބެހޭ ފަރާތްތަކަށް ހުށަހަޅާނެ ކަމުގެ އިންޒާރުވެސް ދީފައެވެ.

މި "ކޯޅުންގަނޑު"ގެ ތެރެއިން މިއަދު ވަނީ ސޯޝަލް މީޑިއާއަށް ވީޑިއޯއެއް ތިލަވެފައެވެ. މި ވީޑިއޯއަކީ މިހާރުގެ ސަރުކާރު އިދިކޮޅުގެ ގޮތުގައި އަދި މިހާރު އިދިކޮޅުގައި ތިއްބެވި ފަރާތްތައް ސަރުކާރުގެ ހުންގާނާއި ހަވާލުވެ ހުރިއިރުގެ އިންޓަވިއުއެކެވެ. ވީޑިއޯއިން އިވިގެން ދިޔައީ އޭރުގެ އިދިކޮޅު ފަރާތްތަކުން ކުރި މުޒާހަރާއެއްގައި ބަޔަކު ހައްޔަރު ކުރުމާއި ގުޅިގެން އެމީހުންނަށް އަމާޒުކޮށް އަދުރޭ ދެއްކެވި ވާހަކަތަކެވެ. 

"އެބޭފުޅުންވެސް ގަބޫލުކުރަން ޖެހޭ ހަގީގަތަކީ، އެބޭފުޅުންގެ ޕާޓީއަށް ނިސްބަތްވެ ވަޑައިގަންނަވާ ރައްޔިތުންގެ މަޖިލިސް މެމްބަރުންވެސް، އެ ހައްޔަރު ކުރީ އެބޭފުޅުން ގޭގަ ނިދާފަ ތިއްބައެއް ނޫން. ނޫނީ ތަރާސްވީ ނަމާދު ނިމިގެން ގުރުއާން ކިޔަވަން ތިއްބައެއްވެސް ނޫން. ފަތިސް ނަމާދަށް ގުނޫތަށް އަތް ނަގައިގެން ތިއްބައެއްވެސް ނޫން. އާންމު އުނދަގުލަކަށްވާ ގޮތަށް، މުޒާހަރާ ކުރުމުގެ ތެރޭގަ އަނެއްކާ ސިފައިންގެ ވާޖިބަށް ހުރަސްއެޅި" އެ ވީޑިއޯގައި އަދުރޭ ވިދާޅުވިއެވެ. 

މިހާރު މަންޒަރު ވަނީ ބަދަލުވެފައެވެ. ސަރުކާރުގެ ސަޕޯޓަރުން މިއަދު އަދުރޭއަށް ކުރިމަތި ކުރުވަނީ މި ސުވާލެވެ. އަދުރޭ ދޫކޮށްލުމަށް ބަޔަކު އަޑު އުފުލާއިރު، ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ދަނީ އަދުރޭ ހައްޔަރު ކުރީ މިސްކިތުގައި، ނަމާދުކުރަން ސަޖިދައިގައި އޮއްވާތޯ ސުވާލު ކުރަމުންނެވެ. 

ގައިމުވެސް މިއަށް އިދިކޮޅުން ދޭނެ ޖަވާބެއް ނެތެވެ. ސުލްހަވެރިކަމާއެކު އިހުތިޖާޖު ކުރުމުގެ ފުރުސަތު އެންމެނަށްވެސް އެބައޮތެވެ. ނަމަވެސް އެއީ ވަކި ސަރަހައްދުތަކެއް ގައެވެ. 

އަދުރޭއަށް ބަޔަކު މިހާރު ފާޑުކީ ނަމަވެސް، އަދުރޭ ފަދައިން އެމީހުންވެސް މާދަމާ މަގުމައްޗަށް ނިކުންނަން ޖެހޭނެ ކަމެއް އަދި ނޫން ކަމެއްވެސް ނޭނގެއެވެ. އަދުރޭ ދެއްކީ އޭރުގެ ވާހަކައެވެ. ނަމަވެސް މިއަދުގެ ހަގީގަތަކީ އޭރު ދެއްކި ވާހަކަ މިހާރު ތިމާއަށް ރައްދު ކުރުމުގެ ފުރުސަތު އޮތް ކަމެވެ.

ފެންނަނީ ހައްތަހާވެސް އެއް މަންޒަރުތަކެވެ. ހަމައެކަނި ބަދަލަކީ ސަރުކާރުގެ މީހުން އަދި އިދިކޮޅުގައި ތިބި މީހުން ބަދަލުވިކަމެވެ.

67%
ކަމުގޮސްފި
17%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
17%
ވަރަށް ސަލާމް
ކޮމެންޓްސް