ads
ލަންކާގައި ކޮވިޑް ވެކްސިން ޖަހަން ފެށުން--
ލަންކާގައި އިންޑިއާއިން ދިން ކޮވިޝީލްޑް ވެކްސިން ޖަހަން ފަށައިފި
ކޮވިޑް-19 އާ ދެކޮޅަށް އިންޑިއާގައި އުފައްދާފައިވާ ކޮވިޝީލްޑް ވެކްސިން ސްރީލަންކާގައި ފްރޮންޓްލައިނުގައި މަސައްކަތްކުރާ މީހުންނަށް ޖަހަން ފަށައިފި އެވެ.

އޮކްސްފޯޑް ޔުނިވާސިޓީ އާއި އެސްޓްރަޒެނެކާ ކުންފުނީގެ ދިރާސާގެ މައްޗަށް އިންޑިއާގެ ސީރަމް އިންސްޓިޓިއުޓް އިން އުފައްދަމުން އަންނަ ކޮވިޝީލްޑް ވެކްސިންގެ 500،000 ޑޯޒް އަވައްޓެރި ސްރީލަންކާއަށް އިންޑިއާއިން ހަދިޔާކުރިއިރު ވެކްސިންގެ ފުރަތަމަ ޝިޕްމަންޓް އެގައުމަށް ގެންގޮސްފައި ވަނީ އިއްޔެ އެވެ.

މިއަދު ހެނދުނު 9:00 ގައި ލަންކާގައި ސިއްހީ ހިދުމަތްތެރިންނާއި ފްރޮންޓްލައިނުގައި މަސައްކަތްކުރާ އެހެން ފަރާތްތަކަށް ވެސް ވެކްސިން ދޭން ފަށާފައިވާ ކަމަށް ލަންކާގެ ނޫސްތަކުން ރިޕޯޓްކުރެ އެވެ. 

ކޮލަމްބޯގެ މައި ހަ ހޮސްޕިޓަލުގައި ވެކްސިން ދިނުމުގެ ކަންކަން މިހާރު ކުރެވެމުން އަންނައިރު އިތުރު ސަރަހައްދުތަކަށް ވެސް ވެކްސިން ފޮނުވުމުގެ މަސައްކަތްތައް މިހާރު އަންނަނީ ކުރަމުންނެވެ.

އެންމެ ފުރަތަމަ ވެކްސިންދޭން ހަމަޖެހިފައިވާ ހޮސްޕިޓަލްތަކަކީ ކޮލޮމްބޯ ނެޝަނަލް ހޮސްޕިޓަލް، ކޮލޮމްބޯ ސައުތު ޓީޗިން ހޮސްޕިޓަލް، ކޮލޮމްބޯ ނޯތު ޓީޗިން ހޮސްޕިޓަލް، ހޮމަގަމަ ބޭސް ހޮސްޕިޓަލް، ކޮލޮމްބޯ އީސްޓް ބޭސް ހޮސްޕިޓަލް އަދި ނެޝަނަލް އިންސްޓިޓިއުޓް އޮފް އިންފެކްޝަން ޑިޒީޒަސް އެވެ. 

ވެކްސިން ޕްރޮގްރާމު ފެށުމުން އެ ތަންތަނުގެ މުވައްޒަފުންގެ 25 ޕަސަންޓަށް ވެކްސިން ދޭނެ އެވެ. 

އިންޑިއާއިން އަންނަނީ ގިނަ ގައުމުތަކަކަށް ހިލޭ އެހީގެ ގޮތުގައި މި ވެކްސިން ހަދިޔާ ކުރަމުންނެވެ. އެގޮތުން ރާއްޖެއަށް ވެސް ވަނީ އެެއް ލައްކަ ޑޯޒް ހަދިޔާކޮށްފަ އެވެ. ރާއްޖޭގައި މިހާތަނަށް މި ވެކްސިން ދޭން ފަށާފައި ނުވި ނަމަވެސް އިއްޔެ ރާއްޖޭގެ ފުޑް އެންޑް ޑްރަގް އޮތޯރިޓީން ވަނީ ކޮވިޝީލްޑް ވެކްސިން ޖެހުމުގެ ހުއްދަދީފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް