ދިވެހި ލީގުގައި ބުރާސްފަތި ދުވަހުގެ ރޭ ކުޅުނު މެޗުން ޔޫވީ ބަލިވީ ތިން ލަނޑު ދެ ލަނޑުންނެވެ. މި ދެ ޓީމު ފުރަތަމަ ބުރުގައި ކުޅުނު މެޗުންވެސް ޔޫވީ ބަލިވީ ހަމަ މި ނަތީޖާއިންނެވެ. ފުރަތަމަ ބުރުގައި ހަތް މެޗު، އަދި މިހާރު ކުރިއަށްދާ ދެވަނަ ބުރުގައި އެއް މެޗު ކުޅެފައިވާއިރު މިއިން އެންމެ މެޗަކުންވެސް ޔޫވީ އަދި މޮޅެއް ނުވެއެވެ. ލީގު ހޯދުމަށް ޓާާގެޓްކޮށް ސީޒަން ފެށި ޔޫވީއަށް ކުރެވުނުހާވެސް ކަމަކީ ތިން މެޗެއް އެއްވަރުކޮށްލުމެވެ.
ލީގުގެ ފުލުގައި އޮތް ޔޫވީއަށް މިއަހަރުގެ ދިވެހި ލީގުން ފުރުސަތު ދިނީވެސް ޔޫވީއަށްވުރެ ރަނގަޅު ނަތީޖާ މިދިޔަ އަހަރުގެ ލީގުގައި ހޯދި ފޯކައިދޫ ސްޕޯޓްސް ބޭރުކޮށްފައެވެ. މިދިޔަ ސީޒަންގައި ލީގުގައި ކުޅުނު ފޯކައިދޫއާ ނިލަންދޫއަށް މިއަހަރުގެ ލީގުން ފުރުސަތު ނުދޭން އެފްއޭއެމުގެ އާ އެކްސްކޯއިން ނިންމީ އަތޮޅުތެރޭގެ އެއްވެސް ޓީމަކަށް ދިވެހި ލީގުން ފުރުސަތު ނުދޭން ނިންމި ނިންމުމުގެ ތެރެއިންނެވެ. މި ނިންމުމުގެ ތެރެއިން ފޯކައިދޫއާ ނިލަންދޫ ލީގުން ބާކީކޮށް ފޯކައިދޫއަށް ވުރެ ފަހަތުން މިދިޔަ ލީގުގައި ނިންމި ޔުނައިޓޭޑް ވިކްޓްރީއަށް ފުރުސަތު ދިނީއެވެ.
މި ދިޔަ ލީގުގައިވެސް ދަށް ނަތީޖާތަކެއް ނެރުނު ޔޫވީއަށް މި ސީޒަންގައި އަދި އެންމެ މެޗަކުންވެސް މޮޅެއް ނުވެއެވެ. ޔޫވީގެ ނަތީޖާތައް ދަށް ވުމުގެ ސަބަބުން އެ ޓީމުގެ ހެޑް ކޯޗުކަމުގެ މަގާމުގައި ސީޒަން ފެށުނު އިރު ހުރި މުހައްމަދު އާދަމްވަނީ މަގާމުން އިސްތިއުފާ ދީފައެވެ. މުހައްމަދު އާދަމް އިސްތިއުފާ ދިނުމުން މިހާރު ޔޫވީގެ ހެޑް ކޯޗަކަށް މަސައްކަތް ކުރަނީ ގައުމީ ޓީމުގެ އެސިސްޓެންޓް ކޯޗުގެ މަގާމު ކުރިން އަދާކުރި އިހްސާން އަބްދުލްޣަނީއެވެ. އިހުސާނު ހަވާލުވެގެންވެސް އަދި ޔޫވީއަކަށް މޮޅެއް ނުވެވެއެވެ.