ޖުމްލަ ދެ މިނެޓުގެ އެ ވީޑިއޯކޮޅުން ފެންނަނީ ކޮންކްރީޓް ގަނޑާއެކު މީހަކު ބިންމައްޗަށް ވެއްޓުމާއެކު އެހެން މީހަކު އައިސް އޭނާ އޭގެ ދަށުން ނަގަން އަވަސް އަވަހަށް މަސައްކަތް ކުރާ މަންޒަރެވެ.
އިރުކޮޅަކުން ތަންކޮޅެއް ދުރުން އެހެން މީހަކު އައިސް އެހީވާން ފަށާއިރު، ސައިކަލެއްގައި އަންނަ މީހަކު ވެސް އެކަމުގައި ބައިވެރިވެ އެވެ. ފަހުން އެހެން ބަޔަކު ވެސް އައިސް އެހީވެ، ކޮންކްރީޓުގެ ދަށުވި މީހާ ނަގާ، އަތްގާޑިޔަލަކަށް ލައިގެން ގެންދާތަން އެ ވީޑިއޯއިން ފެނެ އެވެ.
އެ ހާދިސާގެ މައުލޫމާތު ހިއްސާކުރަމުން ހިންމަފުށީ ކައުންސިލުގެ ނައިބު ރައީސް ހަސަން ފާއިޒު މިއަދު ސީއެންއެމްއަށް ވިދާޅުވީ އަނިޔާވީ ގެޔެއްގެ ދޮރާށި މަތީގައި ކޮންކްރީޓް ޝީޓެއް އަޅައިގެން މަސައްކަތް ކުރަން އުޅުނު ބިދޭސީ މީހަކަށް ކަމަށެވެ.
"ދޮރާށި މަތީގައި އަޅާފައި އޮތް ކޮންކްރީޓް ޝީޓުގަނޑުގެ ސަޕޯޓުތައް ނައްޓާލައިގެން އޭގެ މަތީގައި މަސައްކަތް ކުރަން އުޅުނު މީހަކު ޝީޓާއެކު ވެއްޓި ހިނގި ކަމެއް އެއީ،" މިދިޔަ ހަފްތާގައި ހިނގި އެ ހާދިސާއާ ގުޅޭ ގޮތުން ފާއިޒް ބުންޏެވެ.
އޭނާ ވިދާޅުވީ އަނިޔާވި ބިދޭސީ މީހާ ވަގުތުން މާލެ ގެންދިޔަ ކަމަށާއި އެމީހާގެ ހާލު ރަނގަޅު ނޫން ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.
އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) އިން ތަފްސީލް ލިބިފައެއް ނުވެ އެވެ.
އެ ވީޑިއޯ ފެނި ގިނަ ބަޔަކު ވަނީ އަނިޔާވި މީހާއަށް އަވަސް ޝިފާއަކަށް އެދި ހެޔޮދުއާކޮށްފަ އެވެ. އަދި އެމީހާއަށް އެހީތެރިވި މީހުންނަށް ވެސް ހެޔޮދުއާކޮށްފައި ވެއެވެ.
ގޯތި ގެދޮރު އިމާރާތް ކުރުމުގައި އުޅޭ ފަރާތްތަކަށް ތަފާތު މިފަދަ ނުރައްކާތެރި ހާދިސާތައް ދިމާވުމަކީ ރާއްޖޭގައި އާއްމު ކަމެކެވެ. އެހެން ދިމާވަނީ ރައްކާތެރިކަމުގެ ފިޔަވަޅު ނާޅާ މަސައްކަތް ކުރާތީ އެވެ.
ބައެއް ފަހަރު އުސް އިމާރާތްތަކުގައި މަސައްކަތް ކުރާ މީހުން ވެއްޓުމުގެ ހާދިސާތައް ހިނގާފައި ވާއިރު، ފަހުގެ ތާރީހުގައި ހިނގި އެންމެ ބޮޑު ހާދިސާއަކީ އިމާރާތަކަށް އަރުވަމުން ދިޔަ ސިމެންތި ބަސްތާއެއް ވެއްޓި ކުޑަ އަންހެން ކުއްޖަކު މަރުވި ހާދިސާ އެވެ.
އެ ހާދިސާއަށް ފަހު މިފަދަ މަސައްކަތް ކުރާއިރު، ރައްކާތެރިކަމުގެ ފިޔަވަޅު އަޅަން ގޮވާލަން ފެށި އެވެ. އަދި ކަމާ ބެހޭ އިދާރާތަކުން ވެސް އިންސްޕެކްޓުކޮށް، ފިޔަވަޅު އަޅަން ފެށި އެވެ.
ނަމަވެސް އޭގެ ފަހުން އަނެއްކާވެސް ފަރުވާ ކުޑަވެ، މިފަދަ މަސައްކަތުގެ މާހައުލުން ފެންނަމުން ދަނީ މީހުންގެ ފުރާނައަށް ގެއްލުންވެދާނެ ފަދަ މަންޒަރުތަކެވެ.