އެޑިއުކޭޝަނުން މިކަން އަންގާފައި ވަނީ މިއަދު ނެރުނު ބަޔާނެއްގައެވެ.
އެގޮތުން މިއަހަރުގެ މެއި އަދި ޖޫންގައި ބޭއްވުމަށް ތާވަލު ކުރެވުނު އޭއެސް އަދި އޭލެވެލް އިމްތިހާނު ކުރިއަށް ނުގެންދާނެ ކަމަށް މި ބަޔާނުގައި ބުނެފައިވެއެވެ. އެޑިއުކޭޝަނުން ބުނީ އޭއެސް އަދި އޭލެވެލް އިމްތިހާނުގައި ބައިވެރިވާ ދަރިވަރުންގެ ފެންވަރު ވަޒަންކުރުމާއި، ސެޓްފިކެޓް ދިނުމުގެ ކަންކަން ކުރިއަށް ދާނެ ގޮތެއް މިމަހު 22ގައި އިނގިރޭސިވިލާތުގެ "އޮފްކޮލް" އިން އިއުލާނު ކުރާނެ ކަމަށެވެ.
މެއި އަދި ޖޫންގެ އިމްތިހާނުތައް ކެންސަލް ކުރިނަމަވެސް މިއަހަރު އޮކްޓޫބަރު އަދި ނުވެމްބަރު މަހަށް ތާވަލުކޮށްފައިވާ އޭއެސް އަދި އޭލެވެލް އިމްތިހާނު ތާވަލާއި އެއްގޮތަށް ކުރިއަށް ދާނެ ކަމަށް އެޑިއުކޭޝަނުން ބުނެއެވެ.
އެޑިއުކޭޝަނުން ބުނީ އެ މިނިސްޓްރީގެ މި ނިންމުމާއި ގުޅިގެން ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަނުން ކުރިއަށް ގެންދާ އޭއެސް އަދި އޭލެވެލް އިމްތިހާނުގެ އެޕްލިކޭޝަން މަރުހަލާއަށް ބަދަލެއް ނާންނާނެ ކަމަށެވެ. އަދި މިހާރުވެސް ތާވަލުކޮށްފައިވާ ގޮތަށް އެޕްލިކޭޝަންގެ ކަންކަން ކުރިއަށް ގެންދިއުމަށް އެދިފައިވެއެވެ.
މީގެ އިތުރުން ދަރިވަރުން އިމްތިހާނަށް ތައްޔާރުވަމުން ދިޔަގޮތަށް ބަދަލެއް ނުގެނެސް، ސްކޫލުތަކުންނާއި އަމިއްލަގޮތުން އިމްތިހާނަށް ތައްޔާރުވަމުން ދިއުމަށް އެޑިއުކޭޝަނުން ވަނީ އެދިފައެވެ.
އެޑިއުކޭޝަނުން ވަނީ އިމްތިހާނުގައި ބައިވެރިވާ ދަރިވަރުންގެ އެސެސްމަންޓް ކުރިއަށްގެންދެވޭނެ އިތުރު ގޮތެއް އޮތްތޯ ބެލުމަށް އެޑްއެކްސެލްއާއި މަޝްވަރާ ކުރަމުން އަންނަ ކަމަށް ބުނެފައެވެ. އަދި މިކަން ކުރިއަށް ގެންދަނީ ދަރިވަރުން އަދި ސްކޫލުތަކުގެ ހިޔާލު ހޯދައިގެން ކަމަށް މިނިސްޓްރީން ބުނެއެވެ.
މިއަހަރުގެ މެއި/ޖޫން ގައި ބާއްވަން ތާވަލުކޮށްފައިވާ ކެމްބްރިޖް އަދި އެޑެކްސެލް ގެ އިމްތިހާނުތައް ރާއްޖޭގައި ބާއްވާނެ ކަމަށް މިނިސްޓްރީން މިދިޔަ މަހު ބުނެފައިވެއެވެ. ނަމަވެސް މިއަދު މިވަނީ އެޑެކްސެލްގެ އިމްތިހާނުތައް ނުބޭއްވުމަށް މިނިސްޓްރީން ނިންމާފައެވެ.