އަސްކަރިއްޔާއިން ވެރިކަން ކުރުމާ ދެކޮޅަށް އަޑުއުފުލަމުންދާ އެމީހުން ގޮވަމުން ދަނީ ޑިމޮކްރަސީ އަލުން އިއާދަ ކުރުމަށެވެ. އަދި ހައްޔަރުކޮށްފައިވާ ލީޑަރު އަންގް ސަން ސޫ ކީ އާއި އެހެން ވެރިން މިނިވަން ކުރުމަށް ވެސް ދަނީ ގޮވާލަމުންނެވެ.
މީހުން އެއްވުން ހުއްޓުވުމުގެ ގޮތުން އަސްކަރިއްޔާއިން ވަނީ ސޯޝަލް މީޑިއާ ބޭނުން ނުކުރެވޭ ގޮތް ވެސް ހަދާފަ އެވެ. އެގޮތުން މިޔަންމާގެ އެންމެ ބޮޑު އިންޓަނެޓް ކުންފުނި ޓެލެނޯއިން އިއްޔެ ބުނީ ޓްވިޓާ އާއި އިންސްޓަގްރާމް ބްލޮކްކުރަން އަސްކަރިއްޔާއިން އަންގާފައިވާ ކަމަށެވެ.
އޭގެ ކުރިން މިދިޔަ ބުރާސްފަތި ދުވަހު ވަނީ ފޭސްބުކް ވެސް ބޭނުން ނުކުރެވޭ ގޮތް ހަދާފަ އެވެ. މުއްދަތެއް ނެތް ގޮތަށް އެޅި މި ފިޔަވަޅުގެ ބޭނުމަކީ ހަމަނުޖެހުމަށް ފުރުސަތު ނުދިނުން ކަމަށް އަސްކަރިއްޔާއިން ބުނެފައި ވެއެވެ.
ބައެއް ރިޕޯޓުތައް ބުނާ ގޮތުން މިއަދުން ފެށިގެން އިންޓަނެޓްގެ ހިދުމަތް އެއްކޮށް ކަނޑާލުމަށް ވެސް ވަނީ އަންގާފަ އެވެ. ނަމަވެސް މިކަން ކަށަވަރު ކުރެވިފައެއް ނުވެ އެވެ.
މިޔަންމާގެ އިންތިހާބީ ލީޑަރު ސޫ ކީ މި ވަގުތު ހުންނެވީ ގޭ ބަންދުގައި ކަމަށް އެކަމަނާގެ ގާނޫނީ ވަކީލު ވަނީ ވިދާޅުވެފަ އެވެ. އެކަމަނާއަށް ތުހުމަތު ކުރަނީ ގާނޫނާ ހިލާފަށް މުއާސަލާތު ކުރުމުގެ ވަސީލަތްތައް ގައުމަށް އެތެރެކޮށް ބޭނުން ކުރި ކަމަށެވެ. އެގޮތުން ފުލުހުންގެ ރިޕޯޓު ދައްކާ ގޮތުން ގާނޫނާ ހިލާފަށް ވޯކީޓޯކީ ގެނެސް ބޭނުންކޮށްފައި ވަނީ ނޭ ޕީ ޓޯ ގައި ހުންނަ ސޫ ކީގެ ގޭގައި ކަމަށް ތުހުމަތު ކުރެވެ އެވެ.