ads
ވީޑިއޯ ރިޕޯޓް: -
ޖެނެރަލް އެސެމްބްލީގެ ގޮނޑި ޝާހިދު ކާމިޔާބު ކުރާނެކަމުގެ އުންމީދު ބޮޑު!
2018 ވަނަ އަހަރުގައި އެމްޑީޕީގެ ވެރިކަން އަނެއްކާވެސް ރާއްޖޭގައި ފެށިގެން ދިޔައެވެ. ރިޔާސީ އިންތިހާބުގައި އޭރުގެ ރައީސް ޔާމީން ބަލިކޮށް އިބްރާހިމް މުހައްމަދު ސޯލިހް ވެރިކަމަށް އައެވެ. އަދި ރާއްޖެ ހާރިޖީ ގޮތުން ގައުމުތަކާ ގުޅުވާލުމުގެ މަސައްކަތް ފެށިއެވެ.

އެގޮތުން ރާއްޖެ ބައިނަލްއަގުވާމީ ދުނިޔެއާ ގުޅުވާލުމަށް އދ. ގެ އާއްމު މަޖިލީހުގެ ރައީސް ކަމަށް ވާދަކުރާކަން އިއުލާނުކޮށް ކެނޑިޑޭޓއް ކަނޑައެޅިއެވެ. އެއީ ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދެވެ. މިނިސްޓަރު ޝާހިދު އެ މަގާމަށް ރާއްޖޭގެ ފަރާތުން ކުރިއަށް ނެރުއްވީ ފޮނި އުންމީދާ އެކުގައެެވެ. އެ އުންމީދުގައި ކުލަ ޖެއްސުމަށް މިނިސްޓަރުވެސް ދަނީ މަސައްކަތްތަކެއް ކުރައްވަމުންނެވެ.

އެގޮތުން އދ.ގެ އާންމު މަޖިލީހުގެ ރިޔާސަތަށް މިނިސްޓަރު ޝާހިދު ވަޑައިގަތުމަށް ގެންދަވަނީ ކެމްޕެއިން ކުރައްވަމުންނެވެ. މިގޮތުން ބައެއް ޤައުމުތަކުގެ ތާއީދު މިނިސްޓަރަށް މިހާރު ވަނީ ލިބިވަޑައިގެންފައެވެ. 

އެ ގޮތުން ސައުދީއަރަބިއްޔާއިން ވެސް ވަނީ މިނިސްޓަރު ޝާހިދު އދ.ގެ އާންމު މަޖިލީހުގެ ރިޔާސަތަށް އިންތިހާބުކުރުމަށް ތާއީދުކުރާކަން ހާމަކޮށްފައެވެ. އެކަން ހާމަ ކުރައްވާފައި ވަނީ އެގައުމުގެ ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އާދިލް ބިން އަހްމަދު އަލް ޖުބައިރު ރާއްޖޭގެ ފޮރިން މިނިސްޓްރީއަށް ފޮނުއްވެވި ސިޓީއެއްގައެވެ.

އަދި އާންމު މަޖިލީހުގެ ރިޔާސަތަށް ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އިންތިހާބުކުރުމަށް އިންޑިއާ އިން ވެސް ތާއީދުކުރާނެ ކަމަށް އެގައުމުން ހާމަކޮށްފައި ވެއެވެ. އެގޮތުން އިންޑިއާގެ ފޮރިން ސެކްރެޓަރީ ހަރްޝް ވަރްދަން ޝްރިންގްލާ ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިން ރާއްޖެއާއެކު ބޭއްވެވި މަޝްވަރާތަކުގައި ވަނީ އާންމު މަޖިލީހުގެ ރައީސްކަން ރާއްޖެއަށް ހޯދައިދިނުމަށް އެގައުމުން މަސައްކަތްކޮށްދޭނެ ކަމަށް ވިދާޅުވެފައެވެ.

އެހެންކަމުން މިނިސްޓަރު ޝާހިދު އާންމު މަޖިލީހުގެ އިންތިހާބު ކާމިޔާބު ކުރާނެކަމުގެ އުންމީދު ވަނީ ބޮޑުވެފައެވެ. މި ސަރަހައްދުގެ ބޮޑެތި ގައުމުތަކުގެ ތެރޭގައި ހިމެނޭ ސައުދީ އަދި އިންޑިއާގެ އިން ތާއީދު ކުރާކަން ހާމަކޮށްފައި ވާތީއެވެ.

ޖެނެރަލް އެސެމްބްލީގެ ގޮނޑިއަށް މިނިސްޓަރު ޝާހިދު ވާދަކުރުމާ  ގުޅިގެން ފޮރިން މިނިސްޓްރީއިން ބުނީ އިންތިހާބު ކާމިޔާބު ކުރުމަށް މިނިސްޓަރު ކުރައްވަމުންދާ ކަންކަން ފަހުން ހާމަކުރާނެ ކަމަށެވެ. ނަމަވެސް އިންތިހާބުގައި ކިތައް ގައުމުން ތާއީދު ލިބިފައިވާކަން ހާމަނުކުރެވޭނެ ކަމަށާއި އެއީ އެއްވެސް ގައުމަކުން ކުރާ ކަމެއް ނޫން ކަމަށް ވަނީ ބުނެފައެވެ.

ސީއެންއެމްއަށް މައުލޫމާތު ލިބިފައިވ ގޮތުން މިހާރު ރާއްޖެއިން ވާދަކުރާ ކެންޑިޑޭޓް މިނިސްޓަރު ޝާހިދަށް ވަނީ ޖެނެރަލް އެސެމްބްލީގެ ގޮނޑި ކާމިޔާބު ކުރެވޭ މިންވަރަށް ގައުމުތަކުގެ ސަޕޯޓް ލިބިފައެވެ. އަދި އެ ގޮނޑި ކާމިޔާބު ކުރެވޭނެ ކަމުގެ ވަރަށް ބޮޑު ޔަގީންކަމެއް ދިވެހި ހާރިޖިއްޔާއަށް ލިބިފައިވާ ކަމަށް ވެސް މައުލޫމާތު ލިބިފައި ވެއެވެ.  

އދ ގެ އާންމު މަޖިލިސް ނުވަތަ ޖެނެރަލް އެސެމްބްލީގެ ރިޔާސަތަކީ އެ ޖަމްއިއްޔާގެ އެންމެ މަތީ މަގާމެވެ. ރާއްޖެ ހިމެނޭ ސަރަހައްދަށް އެ ފުރުސަތު ލިބޭނީ ކުރިއަށް އޮތް ދައުރަށް ފަހުއެވެ.

އެގޮތުން ކޮންމެ އަހަރަކުވެސް އާންމު މަޖިލީހުގެ ރިޔާސަތަށް އިންތިހާބުކުރާނީ ޖިއޮގްރަފިކް ފަސް ސަރަހައްދުގެ ތެރެއިން ކޮންމެވެސް އެއް ސަރަހައްދަކުންނެވެެ. އެއީ އެފްރިކާ، އޭޝިއާ-ޕެސިފިކް، އީސްޓާން ޔޫރަޕިއަން، ލެޓިން އެމެރިކާ އެންޑް ކެރިބިއަންގެ އިތުރުން ވެސްޓާން ޔޫރަޕިއަން ސަރަހައްދެވެ. އަދި މިއީ އެއް އަހަރު ދުވަހުގެ ދައުރެކެވެ.

މިހާރު ހިނގަމުންދާ 75 ވަނަ އދ.ގެ އާންމު މަޖިލީހުގެ ރިޔާސަތު ބަލަހައްޓަމުންދަނީ ވެސްޓާން ޔޫރަޕިއަން ސަރަހައްދުގެ ގައުމުތަކުގެ ތެރެއިން ތުރުކީވިލާތުގެ ބޭފުޅެކެވެ. އަދި 76 ވަނަ ދައުރުގެ ރިޔާސަތު ބެލެހެއްޓުމުގެ ފުރުސަތު ލިބިގެންދާނީ އޭޝިއާ ޕެސިފިކް ސަރަހައްދުގެ ގައުމުތަކުގެ ތެރެއިން ގައުމަކަށެވެ. މިނިސްޓަރު ޝާހިދު ވާދަކުރައްވަނީ މިސަރަހައްދަށެވެ. އދ. ގެ 76 ވަނަ އާންމު މަޖިލިސް ފަށަން ތާވަލްކޮށްފައިވަނީ އަންނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 14 ވަނަ ދުވަހު ބޭއްވުމަށެވެ.

67%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
33%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް