އެހެންކަމުން އެއްގަމު އުޅަނދު އިތުރުވަމުންދާ މިންވަރަށާއި މަގު ބޭނުންކުރާ އެންމެހާ ފަރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމަށްޓަކައި އެއްގަމު ދަތުރު ފަތުރުގެ ގާނޫނާއި ގަވާއިދުތަކަށް ސަރުކާރުން ދަނީ ބޮޑެތި އިސްލާހުތަކެއް ގެންނަމުންނެވެ.
އެއްގަމު ދަތުރު ފަތުރުގައި ބޭނުންކުރާ އުޅަނދުތަކުގައި އުފުލޭ މީހުންގެ އަދަދުތައް ކަނޑައަޅާފައިވީ ނަމަވެސް، ހިތާމައަކީ އެ އަދަދަށް ވުރެ އިތުރަށް މީހުން އަރުވައިގެން ދުއްވާ މަންޒަރު ފެންނަމުން ދިޔުމެވެ. ވަކިން ހާއްސަކޮށް ސައިކަލްތަކުގައި ދެ މީހުންނަށް ވުރެ އިތުރަށް އަރުވައިގެން ދުއްވާ މަންޒަރު ފެނެއެވެ.
އެފަދަ އަމަލުތައް މާލެ އާއި ހުޅުމާލެއިން މަދު މަދުން ފެންނަމުން ދިޔަ ނަމަވެސް، އަތޮޅުތެރޭގައި ދެ މީހުންނަށް ވުރެ ގިނަ މީހުން ސައިކަލަށް އަރައިގެން ދުއްވުން ވަނީ އާންމު ކަމަކަށް ވެފައެވެ. ހިތާމައަކީ މިކަމަކީ ކިހާ ނުރައްކާތެރި ކަމެއްކަން ނޭނގި ނަމަވެސް ނުވަތަ މަޖަލަކަށް ނަމަވެސް ކުރާތަން ފެންނަމުން ދިއުމެވެ.
ދެ ކުދިން ނުވަތަ ތިން ކުދިން އެއް ސައިކަލަކަށް އަރުވައިގެން ދުއްވުމަކީ އޭގެ ސަބަބުން އެ އެންމެންގެ ފުރާނައަށް ނުރައްކާތެރިވެދާނޭ ކަމެކެވެ. ނުރައްކާތެރި ހާދިސާއެއް ހިނގާނީ ކޮންއިރަކު ކިހިނެއް ކަމެއް ނޭނގޭނެ އެވެ. އެހެންކަމުން ގަވާއިދާ ހިލާފަށް ކުރެވޭ މިފަދަ ކަންކަމުން ދުރުހެލިވެ ރައްކާތެރިވުމަކީ މުހިންމު ކަމެކެވެ. ތިމާ އާއި އަނެކުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައެވެ.
ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުން އެފަދަ މައްސަލަތަކަކީ ހުށަހެޅޭ މިންވަރު މަދު މައްސަލަތެކެކެވެ. ދެ މީހުންނަށް ވުރެ ގިނަ މީހުން އަރުވައިގެން ސައިކަލް ދުއްވައިގެން 2019 ވަނަ އަހަރު އެއް މައްސަލަ ރިޕޯޓު ކޮށްފައިވާއިރު 2020 ވަނަ އަހަރު ރިޕޯޓު ކޮށްފައިވަނީ ދެ މައްސަލައެވެ.
އެއްގަމު ދަތުރުފަތުރުގެ ގާނޫނުގެ 56 ވަނަ މާއްދާގެ ދަށުން، ދެ ފުރޮޅުލީ އަދި ދެ މީހުންނަށް އެރޭ ގޮތަށް އުފައްދާފައި ހުންނަ އުޅަނދުތަކަށް ދެ މީހުންނަށް ވުރެ ގިނަ މީހުން އަރައިގެން ދުއްވުމަކީ މަނާ ކަމެކެވެ.
އަދި މީހެއްގެ އެހީއަކާ ނުލައި އިށީނދެ ނުއިނދެވޭ ވަރުގެ ކުޑަކުދިން، ދެ މީހުންނަށް އެރޭ ގޮތަށް ހަދާފައި ހުންނަ ދެފުރޮޅުލީ އުޅަނދެއްގައި ގެންދަންވާނީ، ސޭފްޓީ ކަމަރު ބަނދެގެން، ދުއްވާ މީހާގެ ދެއަތާއި ދެފައި މިނިވަންކަމާއެކު ގެންގުޅެވޭ ގޮތަށެވެ. މިފަދަ އުޅަނދުތަކުގައި މި ނޫން ގޮތަކަށް ކުޑަކުދިން ގޮވައިގެން ދުއްވުމަކީ މަނާ ކަމެކެވެ. އަދި އެއްގަމު އުޅަނދެއްގައި މީހުން އުފުލުމަށް ކަނޑައަޅާފައިވާ އަދަދަ ށްވުރެ އިތުރަށް މީހުން އުފުލައިފި ނަމަ، އުޅަނދު ދުއްވި މީހާ 500 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެ ކަމަށް ގާނޫނުގައި ކަނޑައަޅާފައިވެއެވެ.
އެހެން ނަމަވެސް އެންމެންގެ ސަލާމަތާއި ރައްކާތެރިކަމަށް ހެދިފައިވާ ގާނޫނުތަކާއި ގަވާއިދުތަކަށް ބޯނުލަނބައި އަމިއްލަ އުފަލަށް ކޮށްލެވޭ ކުޑަކުޑަ ކަމަކުން ވެސް ބޮޑު ހިތާމައެއް ލިބިދާނެކަމީ ގަބޫލުކުރަން ޖެހޭ ހަގީގަތެކެވެ. ދެ މީހުންނަށް ވުރެ ގިނަ މީހުން ނުވަތަ އެއް ކުއްޖަކަށް ވުރެ ގިނަ ކުދިން އެއް ސައިކަލަކަށް އަރުވައިގެން ދުއްވުމަކީ އެކަމުގެ ސަބަބުން ހިތާމަވެރި ހާދިސާއެއް ހިނގާ އިއާދަ ނުކުރެވޭނެ ވަރުގެ ބޮޑު ގެއްލުމެއް ލިބިގެން ހިންގައިދާނެ ކަމެކެވެ.
ގޭގައި ދިރިއުޅޭ ހުރިހާ ކުދިން ހިތްހަމަޖައްސައި ދިނުމަށް ނުވަތަ ތިމާގެ އަމިއްލަ ހިތްހަމަޖެހުމަށް އެ ކުރެވެނީ ކިހާ ނުރައްކާތެރި ކަމެއްކަން ވިސްނާލުން މުހިންމެވެ. ތިމާގެ ދަރިފުޅުގެ އުފަލަށް ނުވަތަ ގޭގައި އުޅޭ އެހެން ކުދިންގެ އުފަލަށް ދެ ކުދިން ތިން ކުދިން އެކުގައި ސައިކަލަށް އަރުވައިގެން ދުއްވުން ހުއްޓާލަން އެބަ ޖެހެއެވެ. ކަނޑައަޅާފައިވާ އަދަދަށް ވުރެ ގިނަ މީހުން އަރުވައިގެން އުޅަނދު ދުއްވާ ތަން ފެންނަ ނަމަ ކަމާބެހޭ އިދާރާއަކަށް އެކަން ރިޕޯޓު ކުރާނެ ޒިންމާދާރު ފަރުދަކަށް ދިވެހި ރައްޔިތުން ވާން އެބަ ޖެހެއެވެ.