މުއްތަލިބު މިހެން ވިދާޅުވީ، ރައީސް އޮފީހާއި ޕަބްލިކް ސާވިސް މީޑިއާ ޕީއެސްއެމްއިން ގުޅިގެން ކުރިއަށްގެންދިޔަ "އަހާ" ފޯރަމްގެ 10 ވަނަ ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މުއްތަލިބު ވިދާޅުވީ ރަސްމާލެ ހިއްކަން ފެށުނުއިރު އެކަމަށް ގާތްގަނޑަކަށް 500 މިލިއަން ޑޮލަރާއި 700 މިލިއަން ޑޮލަރު ހަރަދުވާނެ ކަމަށް ކުރިން ދަންނަވާފައިވާނެ ކަމަށާއި އެގޮތަށް އޭރު ހިސާބު ހެދީ ކުރީ ސަރުކާރުން ގުޅިފަޅާއި ގިރާވަރުފަޅު ހިއްކުމަށް ކޮށްފައިވާ ހަރަދަށް ބެލުމަށްފަހު ކަމަށެވެ.
ނަމަވެސް ސަރުކާރުގެ އެކި ކުންފުނިތަކާއި ހަވާލުކޮށްގެން ރަސްމާލޭގެ ބިން ހިއްކުމުގެ މަސައްކަތް ކުރިއިރު، ވީހާވެސް ހަރަދު ކުޑަކުރުމަށް ކުރެވުނު މަސައްކަތުގެ ތެރެއިން ގާތްގަނޑަކަށް ރަސްމާލެ ހިއްކުމަށް ހަރަދުވާނީ 330 މިލިއަން ޑޮލަރު ކަމަށް މުއްތަލިބު ވިދާޅުވި އެވެ.
މުއްތަލިބު ވިދާޅުވީ ރަސްމާލެ ހިއްކަން ބޮޑު އަގެއްދާ ކަމަށް އިދިކޮޅު ފަރާތްތަކުން ބުނަނީ ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފެއްދުމަށް ކަމަށެވެ. ބިންހިއްކުމުގެ އަގު އަދާކުރިއިރު ދިވެހި ރުފިޔާއިންވެސް ފައިސާ ދައްކާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ދިވެހި ރައްޔިތުންނަށް ބޯހިޔާވަހިކަން ދިނުމަށް ހިއްކާ ރަސްމާލޭގެ ދެބައިކުޅަ އެއްބައި ދުބާއީގެ އީގަލް ހިލްސް ކުންފުންޏަށް ހިލޭ ދާއިމަށް ދިނުމަށް ސަރުކާރުން ނިންމާފައިވާތީ ގިނަ ބަޔަކު އަންނަނީ ކަންބޮޑުވުންފާޅުކުރަމުންނެވެ.
ރަސްމާލެއަކީ، މާލެ ސަރަޙައްދުގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ޙައްލެއް ގެންނާނެ މަޝްރޫޢެއްކަމަށް ރައީސް ގެންދަވަނީ ވިދާޅުވަމުންނެވެ. ރަސްމާލެ މަޝްރޫޢު ވާނީ، ތިމާވެއްޓާ ރައްޓެހި "އިކޯ ސިޓީ"ގެ މޮޑެލްއަށް އިންޑިޔާ ކަނޑުގައި ތަރައްޤީ ކުރާ ފުރަތަމަ "ޒީރޯ ކާބަން ސިޓީ" އަށެވެ. އަދި މިއީ، ހަމައެކަނި ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ހޯދުމަށްވުރެ ބޮޑަށް ޓެކްނޮލޮޖީގެ ކުރިއެރުމާއި، ތިމާވެއްޓާ ރައްޓެހި އިތުރު އީޖާދީ ބަދަލުތައް ރާއްޖެއަށް ގެނެސްދޭނެ މަޝްރޫޢެއްކަމަށް ސަރުކާރުން ހާމަކުރައްވަ އެވެ.