ads
ޔާމިން ރަޝީދު
ޔާމީންގެ ޝަރީއަތް: ހެކީގެ ގޮތުގައި ވީޑިއޯއެއް!
2017 ވަނަ އަހަރު އޭޕްރިލް 23 ގައި އަނިޔާވެރިކޮށް މަރާލާފައިވާ ބްލޮގަރު ޔާމީން ރަޝީދަށް ހަމަލާ ދިން ވީޑިއޯއެއް މިއަދުގެ ޝަރީއަތުގައި ދައްކައިފި އެވެ.
Advertisement

މިއަދުގެ ޝަރީއަތާއި ގުޅިގެން ސީއެންއެމް އަށް މައުލޫމާތު ދެއްވަމުން ކްރިމިނަލް ކޯޓުގެ މީޑިއާ އޮފިޝަލް ވިދާޅުވީ ޔާމިން ގޭގެ ލިފްޓް ބޭރުގެ ވީޑިއޯއެއް މިއަދުގެ ޝަރީއަތުގައި ދެއްކި ކަމަށެވެ. 

މި ވީޑިއޯއަކީ ޔާމީނަށް ހަމަލާދިން ތަން ކަމަށް ބުނެ ޝަރީއަތުގައި ދެއްކި ވީޑިއޯއެއް ކަމަށް ކްރިމިނަލް ކޯޓުގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ. މިއީ މިފަދަ ވީޑިއޯއެއް މި ޝަރީޢަތުގައި ދެއްކި ފުރަތަމަ ފަހަރެވެ.

ޔާމީން މަރާލި މައްސަލައިގައި ދައުލަތުން ދައުވާ ކޮށްފައިވަނީ ހ. އަންނާރުމާގެ އިސްމާއިލް ހައިޝަމް ރަޝީދު، މ. އިރާސްމިކުގެ އަހުމަދު ޒިހާން އިސްމާއީލް، ގދ. ގައްދޫ ސިންދުބާދުގޭ މުހައްމަދު ދިފްރާން، މ. ކުދެހިގެ ހަސަން ޝިފާޒާއި، މ. ތާއިފް އިސްމާއިލް ރަޝީދު އަދި މ. ކޮޅުފުށީ އީސްޓް ހުސައިން ޒިޔާދުގެ މައްޗަށެވެ. އެގޮތުން މި ހަ މީހުންގެ މައްޗަށްވެސް ދައުލަތުން ކުރަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ދައުވާ އެވެ.

މި ހަ މީހުންގެ ތެރެއިން މ. ތާއިފް، އިސްމާއީލް ރަޝީދު ވަނީ މިއަދުގެ އަޑުއެހުމުގައި އޭނާގެ ބަލި ހާލަތާއި ގުޅިގެން ކަންބޮޑުވުން ފާޅުކޮށްފައި ކަމަށް ކްރިމިނަލް ކޯޓުގެ މީޑިއާ އޮފިޝަލް މައުލޫމާތު ދެއްވިއެވެ. އެގޮތުން އިސްމާއީލް ރަޝީދުގެ ލޮލުގެ އިންފެކްޝަނެއް އުފެދި، އެ މައްސަލަ ކޯޓުގައި ފާހަގަ ކުރި ކަމަށާއި، މިކަމާއި ގުޅިގެން ދެން އަންނަ އަޑުއެހުމެއްގައި ކަރެކްޝަންގެ އޮފިޝަލުންނާއި ސުވާލު ކުރުމަށް ގާޒީ ނިންމެވި ކަމަށް ކްރިމިނަލް ކޯޓުގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

މީގެ ކުރިން ބޭއްވި ޝަރީޢަތުގެ އަޑުއެހުމެއްގައި ޔާމީން ބެލި ޑޮކްޓަރު ވަނީ ހެކިބަސް ދީފައެވެ. އެގޮތުން ޔާމީންގެ ހަށިގަނޑުގެ އެތަން މިތަނުގައި ބޮޑެތި ޒަހަމްތަކެއް ހުރި ކަމަށާއި އޭނާ ހޮސްޕިޓަލަށް ގެނައި އިރުވެސް އެއްވެސް ވިންދެއް ނެތް ކަމަށް ޑޮކްޓަރު ކްރިމިނަލް ކޯޓުގައި ހެކިބަސް ދީފައިވެއެވެ. އަދި ޔާމީން ދިރިއުޅުނު ގޭގެ ލިފްޓް ބޭރުގައި ހުރި ކެމެރާ އިން ފެނުނު ފިންގަޕްރިންޓާއި ދައުވާ ލިބޭ އިސްމާއިލް ހައިޝަމް ރަޝީދުގެ ފިންގަޕްރިންޓާއި ދިމާވާ ކަމަށް މީގެ ކުރީގެ އަޑުއެހުމެއްގައި ފުލުހަކު ކޯޓުގައި ހެކިބަސް ދީފައިވެއެވެ.

މި މައްސަލައިގެ އިތުރު އަޑުއެހުމެއް ދެން ބާއްވަން ތާވަލު ކޮށްފައިވަނީ މި މަހު 17 ގައި ކަމަށް ކްރިމިނަލް ކޯޓުގެ މީޑިއާ އޮފިޝަލް މައުލޫމާތު ދެއްވިއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް