ads
ދިއްދޫ--
ދިއްދޫ ފްލެޓް ކަރަޕްޝަން: ކުރީގެ ހައުސިން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރަށް ދައުވާ
“ގެދޮރުވެރިކުރުވުން” ޕްރޮގްރާމްގެ ދަށުން ހއ. ދިއްދޫގައި އިމާރާތްކޮށްފައިވާ ފްލެޓް ދޫކުރުމުގައި ސިޔާސީ ގޮތުން ނުފޫޒު ފޯރުވައި، ހައްޤު ނޫން ފަރާތްތަކަށް ފްލެޓް ދީފައިވާކަމަށް ބުނާ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން(އޭސީސީ)އިން ތަހްގީގުކޮށް ނިންމައި، އެ މައްސަލައިގައި ކުރީގެ ހައުސިން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަދި އެ މިނިސްޓްރީގެ ހައުސިން ޑިޕާޓްމަންޓާއި ސިޔާސީގޮތުން ހަވާލުވެހުރި އިބްރާހީމް ނަޒީމްގެ މަށްޗައް ދައުވާކުރުމަށް ޕްރޮސިކިއުޓާޖެނެރަލްގެ އޮފީހަށް ފޮނުވައިފި އެވެ.

އެ މައްސަލައިގައި އިބްރާހީމް ނަޒީމްގެ މައްޗަށް ދަޢުވާކުރުމަށްޓަކައި ފޮނުވާފައިވަނީ، ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތުގެ 513 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ، ދައުލަތުގެ މުވައްޒަފެއްގެ ހައިސިއްޔަތުން ލިބިފައިވާ ރަސްމީ ހައިސިއްޔަތުގެ ނުފޫޒު ނަހަމަގޮތުގައި ބޭނުންކޮށް އޭގެ ފައިދާ ލިބެން ނުޖެހޭ މީހަކަށް މަންފާ ހޯދާދިންކަމުގެ ކުށުގެ ދައުވާއެވެ.

އެމައްސަލައިގެ ތަހްގީގަށް ފާހަގަކުރެވުނު ކަންތައްތަކުގެ ތެރެއިން އޭސީސީން ފާހަގަކޮށްފައިވާ ކަންތައްތަަކަށް ބަލާއިރު، ދިއްދޫގައި ޢިމާރާތްކޮށްފައިވާ 250 ހައުސިން ޔުނިޓްތަކުގެ ތެރެއިން 2017 ވަނަ އަހަރު ދޫކޮށްފައިވާ 140 ހައުސިން ޔުނިޓްތަކަށް އެދި ހުށަހެޅި ފަރާތްތަކަށް ފުރަތަމަ ޕޮއިންޓްދީފައިވަނީ ދިއްދޫ ކައުންސިލްގެ އިދާރާއިން ކަމަށްވީނަމަވެސް، ހައުސިން މިނިސްޓްރީގެ އެންގުމުގެމަތިން ދިއްދޫ ހައުސިން ޔުނިޓްތަކުގެ މަސައްކަތް އެ ރަށު ކައުންސިލްގެ އިދާރާއިން މަޑުޖައްސާލައި، ހައުސިން ޔުނިޓްތަކަށް އެދި ހުށަހަޅާފައިވާ ފޯމްތައް މިނިސްޓްރީއަށް ގެނެސްފައިވާކަން އެ މައްސަލައިގެ ތަހްގީގަށް އެނގެން އޮންނަކަމަށާއި، މިނިސްޓްރީގެ ފަރާތުންވެސް ހައުސިން ޔުނިޓްތަކަށް ޕޮއިންޓްދީފައިވާކަމާއި، އިވެލުއޭޝަން މަރުހަލާގެ ރިވިއު މަސައްކަތުގައި ނަޒީމް ބައިވެރިވެފައިވާކަން އެ މައްސަލައިގެ ތަހްގީގަށް އެނގިފައިވާކަމަށް އޭސީސީން ބުނެއެވެ. 

ހައުސިން ޔުނިޓްތައް ލިބޭ މީހުންގެ ދާއިމީ ލިސްޓް އިއުލާންކޮށްފައިވާއިރު، ޔުނިޓްތައް ދޫކޮށްފައިވަނީ ހަދާފައިވާ އިވެލުއޭޝަންއާ ހިލާފަށްކަމަށާއި، އަދި އިވެލުއޭޝަނުން އެންމެ މަތިން މާކްސް ލިބުނު ފަރާތްތަކުގެ ތަރުތީބުން ނޫންކަން އެ މައްސަލައިގެ ތަހްގީގަށް އެނގެން އޮންނަކަމަށް އޭސީސީން ބުނެއެވެ. އެގޮތުން، ހައުސިން ޔުނިޓްތަކުގެ ދާއިމީ ލިސްޓް އިއުލާންކުރުމުގެ މަސައްކަތްކުރި މުވައްޒަފާ އެ ލިސްޓް ހަވާލުކޮށްފައިވަނީ ނަޒީމް ކަން އެނގެން އޮންނައިރު، އާންމުކޮށް ހައުސިން ޔުނިޓްތަކާ ގުޅޭ ފައިނަލް ލިސްޓްތައް އެޕްރޫވްކުރަނީ ނަޒީމްކަން އެ މައްސަލައިގެ ތަހްގީގަށް ލިބިފައިވާ މައުލޫމާތުން ހާމަވާ ކަމަށް އޭސީސީން ބުނެއެވެ. އޭގެއިތުރުން، ދިއްދޫ އަށް ނިސްބަތްވާ ވަކި ފަރާތްތަކަކަށް ހައުސިން ޔުނިޓްތައް ހޯދައިދިނުމަށް އަމިއްލަ ފަރާތަކުން އެދުމުން އެކަމަށް ނަޒީމް އެއްބަސްވެފައިވާކަން އެމައްސަލައިގެ ތްހްގީގަށް އެނގިފައިވާ ކަމަށާއި އެފަރާތްތަކަކީ ލިބިފައިވާ ޕޮއިންޓްތަކަށް ބަލާއިރު ހައުސިން ޔުނިޓްތައް ލިބެންޖެހޭ ފަރާތްތަކެއް ނޫންނަމަވެސް، އެ ފަރާތްތައް ދާއިމީ ލިސްޓްގައި ހިމަނައި، ހައުސިން ޔުނިޓްތައް ހަވާލުކޮށްފައިވަނީ ނަޒީމްގެ މަގާމުގެ ނުފޫޒުގެ ބޭނުންކޮށްގެންކަން ތަހްގީގަށް އެނގެން އޮންނަކަމަށް ފާހަގަކޮށް ކޮށްފައިވެއެވެ.  

"އިބްރާހީމް ނަޒީމްއަކީ ދިއްދޫ ހައުސިން ޔުނިޓްތައް ދޫކުރި އިރު ހައުސިން ޑިޕާޓްމަންޓްގެ ސިޔާސީގޮތުން އިސްވެރިޔާކަމަށްވެފައި، ހައުސިން ޔުނިޓްތައް ދޫކުރުމުގައި ނިންމުން ނިންމޭފަދަ މަގާމެއްގައި ހުރި މީހެކެވެ. އެހެންކަމުން އެމައްސަލައިގައި ކަން ހިނގާފައިވާ ގޮތަށް ބަލާއިރު، ޕޮއިންޓް ދީފައިވާ ގޮތް ބަދަލުކޮށް ހައުސިން ޔުނިޓްތައް ލިބެން ނުޖެހޭ ފަރާތްތަކަކަށް ހައުސިން ޔުނިޓްތައް ދީފައިވަނީ އިބްރާހީމް ނަޒީމް އޭނާގެ މަގާމުގެ ހައިސިއްޔަތުގެ ނުފޫޒު ނަހަމަގޮތުގައި ބޭނުންކޮށް ވަކި ބަޔަކަށް ފައިދާ ހޯދައިދިނުމަށްކަން ޝައްކެއްނެތް މިންވަރަށް ތަހްގީގަށް ސާބިތުކުރެވޭތީ، އެންޓި-ކޮރަޕްޝަން ކޮމިޝަންގެ ޤާނޫނުގެ 25 ވަނަ މާއްދާގެ (ހ) ގެ 2 ވަނަ ނަންބަރުގެ ދަށުން އެމައްސަލައަކީ ކޮރަޕްޝަންގެ ކުށެއް އެކުލެވިގެންވާ މައްސަލައެއްކަމަށް ކަނޑައަޅައި، އިބްރާހީމް ނަޒީމްގެ މައްޗަށް ދައުވާ ކުރުމަށް، ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވީއެވެ." އޭސީސީއިން ބުނެއެވެ.

އޭގެއިތުރުން، “ގެދޮރުވެރިކުރުވުން” ޕްރޮގްރާމްގެ ދަށުން ދިއްދޫގައި އިމާރާތްކޮށްފައިވާ ހައުސިން ޔުނިޓް ދޫކުރުމާގުޅޭ ލިޔުންތައް މިނިސްޓްރީ އޮފް ހައުސިން އެންޑް އިންފްރާސްޓްރަކްޗާއިން ރަނގަޅަށް ބަލަހައްޓާފައި ނުވާތީ، މިކަމަކީ، ދިއްދޫގައި އިމާރާތްކޮށްފައިވާ ހައުސިން ޔުނިޓްތައް ދޫކުރުމާއި ގުޅުންހުރި މަސައްކަތް އޭރު ކުރި އެ މިނިސްޓްރީގެ މުވައްޒަފުންގެ އިހުމާލުގެ އަމަލެއްކަމަށް ފާހަގަކުރެވޭތީއާއި، އެކަމުގެ ސަބަބުން ބައެއްގެ ހައްގުތަކެއް ގެއްލިގެން ގޮސްފައިވާތީ، އެކަމުގައި އިހުމާލުވެފައިވާ ފަރާތްތަކާމެދު ޖިނާއީ ދައުވާއެއް ކުރެވޭ މިންވަރަށް ހެއްކާއި ގަރީނާ ލިބިފައިނުވިނަމަވެސް، އެ ފަރާތްތައް ފާހަގަކޮށް، އެ ފަރާތްތަކާމެދު އިދާރީ ފިޔަވަޅު އެޅުމަށް އެކޮމިޝަނަށް ފެންނަ ވާހަކަ ހައުސިން މިނިސްޓްރީގައި ދަންނަވާފައިވާނޭ ކަމަށް ވެސް އޭސީސީން ބުނެއެވެ.

67%
ކަމުގޮސްފި
33%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް