މަސްތުވާތަކެއްޗާއި ވައްކަމާއި ގޭންގު ކުށްތަކަކީ ރާއްޖޭގެ ބައެއް ރަށްތަކުން ދޭތެރެއަކުން ފެންނަ ކަންކަމެވެ. ވަކިން ހާއްސަކޮށް ޒުވާނުން ގިނަ ރަށްތަކުން މިފަދަ ކަންކަން ފެނެ އެވެ. 2014 ވަނަ އަހަރުގެ ބޯހިމެނުމުން ދައްކާ ގޮތުގައި މާމެންދޫގެ އާބާދީއަކީ 1055 އެވެ. މާ ބޮޑު އާބާދީއެއް ނޫނެވެ. އެކަމަކު އެ ރަށުގެ ޒުވާނުންގެ ތެރޭގައި ވެސް އޮންނަނީ ގްރޫޕުތައް ހެދި، ބައިބައިވުން އުފެދިފަ އެވެ. އުމުރުން 17 އަހަރުގެ އަހްމަދު އުދައްޔު ދުނިޔެއާ ވަކިވެގެން ދިޔެއީ އެކަހަލަ ކަމެއްގެ ތެރެއިންނެވެ.
"ރޭގައި މާރާމާރީ ހިނގި ސަބަބު ސީދާ އަޅުގަނޑުމެންނަކަށް ވެސް ނޭނގޭ. އެކަމަކު ދެ ގްރޫޕެއް ދޭ ތެރޭގައި ހިނގި ކަމެއް އެއީ. ރޭގަނޑު 10:00 ގެ ފަހުން މިކަމެއް ހިނގީ. ދޭތެރެއަކުން ގްރޫޕު މާރާމާރީތައް މި ރަށުގައި ހިނގާ،" މާމެންދޫ ކައުންސިލުގެ ރައީސް މުހައްމަދު ޒައީމް ސީއެންއެމްއަށް ވިދާޅުވި އެވެ.
އުދައްޔު ނިސްބަތްވާ ގްރޫޕާއި އެހެން ގްރޫޕަކާ ދެމެދު ރޭ ހިނގި ހަމަނުޖެހުމުގައި ވަޅި ފަދަ ހަތިޔާރުން އޭނާއަށް ދިން ހަމަލާއަށް ފަރުވާ ދިނުމަށް އެ ރަށު ސިއްހީ މަރުކަޒަށް ގެންދިޔަ އިރު ވެސް އޭނާ އޮތީ މަރުވެފައި ކަމަށް އެ ތަނުން މައުލޫމާތު ދެ އެވެ. އުދައްޔުގެ އިތުރުން އޭނާގެ އެއްބަނޑު އެއްބަފާ ބޭބެ އުމުރުން 21 އަހަރުގެ ފިރުޝާން ޒާހިރަށް ވެސް ހަމަލާ ދިނެވެ. ރަށު ސިއްހީ މަރުކަޒުން ފަރުވާ ދިނުމަށް ފަހު އޭނާ މިހާރު ވަނީ ގދ. ތިނަދޫ އަބްދުއް ސަމަދު މެމޯރިއަލް ހޮސްޕިޓަލަށް ބަދަލުކޮށްފަ އެވެ.
އޭނާގެ ހާލަތު ސާފު ކުރުމަށް ތިނަދޫ ހޮސްޕިޓަލުގެ މީޑިއާ އޮފިޝަލް ސާލިމް އަލީގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފަ އެވެ.
އެ އާއިލާގެ މީހަކު ސީއެންއެމްއަށް މައުލޫމާތު ދެމުން ބުނީ އޭނާގެ ހާލު މިހާރު ރަނގަޅުވަމުންދާ ކަމަށެވެ. ނަމަވެސް ފުއްޕާމެއަށް ލޭ އެޅިފައި ހުރުމުގެ ސަބަބުން ނޭވާލާން އުނދަގޫވަމުންދާ ކަމަށް އޭނާ ބުންޏެވެ. އޭގެ އިތުރުން އުދައްޔު ވަޅު ނުލެވި ލަަސްވަނީ ތަހުގީގުގެ ބޭނުމަށް ހަށިގަނޑު ބާއްވަން ޖެހުމުން ކަމަށް އޭނާ ކިޔައިދިނެވެ. ފުލުހުންގެ ތަހުގީގަށް މިހާތަނަށް އަށް މީހަކު ބަޔާން ދީފައިވާ ކަމަށް ވެސް އޭނާ ބުންޏެވެ.
މިފަދަ މަރުގެ ހަމަލާތަކުގައި ދިވެހި ފުރާނައެއް ގެއްލިގެން ނުދާތާ ގިނަ ދުވަސްތަކެއް ފަހުން ހިނގި މި ހާދިސާއާ ގުޅިގެން ތަފާތު އެކި ވާހަކަތައް ދެކެވެމުން ދެއެވެ. މިކަން ހިނގި ސީދާ ސަބަބު ކައުންސިލަށް ނޭނގުނު ނަމަވެސް ރަށު ތެރޭގައި އަޑު ފެތުރޭ ގޮތުގައި މިއީ ލޯބީގެ މައްސަލައެއްގެ ސަބަބުން އުފެދުނު ހަމަނުޖެހުމެކެވެ. ނަމަވެސް އާއިލާގެ ފަރާތަކުން ބުނީ މިއީ ޒަމާންތަކެއް ވަންދެން ދެ ގްރޫޕުގެ މެދުގައި އޮތް ރުޅިވެރިކަމަކާ ގުޅިގެން ދިން ހަމަލާއެއް ކަމަށެވެ. ރޭ އެ ރަށުގައި ދެ ހަމަލާއެއް ދިން ކަމަށް ވެއެވެ. އުދައްޔު މަރުވެފައި ވަނީ ދެވަނަ ފަހަރަށް ދިން ހަމަލާގަ އެވެ. އަދި ބޭބެ ފިރުޝާނަށް ހަމަލާ ދިނީ އުދައްޔު ރޯ އަޑުފައްގަނޑު އިވި ގެއިން ނިކުމެ އޭނާ ސަލާމަތް ކުރަން އުޅުމުގެ ތެރޭގަ އެވެ.
ރޭގެ މާރާމާރީއާ ގުޅިގެން ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ވިދާޅުވީ ރަށުގެ ހާލަތު ކޮންޓްރޯލް ކުރަން ކައިރި ރަށްރަށުން ފުލުހުން ފޮނުވާފައިވާ ކަމަށެވެ. އަދި މިއަދު ހެނދުނުގެ ވަގުތެއްގައި އެކަން ތަހުގީގު ކުރުމަށް މާލެއިން ފުލުހުންގެ ޓީމެއް މާމެންދޫއަށް ދާނެ ކަމަށް ވެސް ހަމީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވި އެވެ. އެ މައްސަލަ ތަހުގީގު ކުރާނީ ފުލުހުންގެ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުންނެވެ. މިހާތަނަށް ތުހުމަތު ކުރެވޭ ތިން މީހަކު ވަނީ އެ ރަށުން ހައްޔަރުކޮށްފައި ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
އެ ރަށު ކައުންސިލުގެ ރައީސް ޒައީމް ވިދާޅުވީ މާލެއިން ދިޔަ ފުލުހުންގެ ޓީމު މިހާރު އެ ރަށުގައި ހަރަކާތްތެރިވަމުންދާ ކަމަށެވެ. އެހެންކަމުން ރަށް މިހާރު އާއްމު ހާލަތަށް ރުޖޫއަވެފައިވާ ކަމަށާއި ކުރިން އުފެދިފައި އޮތް ބިރުވެރިކަން ކުޑަވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. ކޮންމެއަކަސް އަމާންކަމާއި ހަމަޖެހުމުގެ ދިގު ދުވަސްތަކަކަށް ކުއްލި ނިމުމެއް މި ގެނުވީ ހިތާމަވެރި ގޮތަކަށެވެ. ހަމަނުޖެހުމާއި ނަފުރަތުގެ ހުޅު ފަޅައިގެން ގޮސް ނުހިފެހެއްޓޭ ވަރަށް ފެތުރި ޒުވާން ފުރާނައެއް ބީވެގެންނެވެ.