ads
މަރުކަޒީ ބޭންކް އެމްއެމްއޭ
އެކްސްޗޭންޖް ރޭޓުގެ ސިޔާސަތު: ނިމެނީ ކޮން ހިސާބަކުން؟
ރާއްޖޭގެ އިގްތިސާދުގައި ރުފިޔާގެ އެކްސްޗޭންޖް ރޭޓް މިވަނީ 2011 ވަނަ އަހަރުން ފެށިގެން، ކޮންމެ އެމެރިކާ ޑޮލަރަކަށް 10.28 އާއި 15.42 އާއި ދެމެދުގެ ބޭންޑެއްގައި 'ފިކްސް' ކުރެވިފައެވެ. އެހެންނަމަވެސް، ކޮވިޑްގެ ސަބަބުން އިގްތިސާދަށް ލިބުނު ހީނަރުކަމާއިއެކު، ރަސްމީ ރޭޓަށް ވުރެ އަގުބޮޑުކޮށް ބާޒާރުގައި ޑޮލަރުގެ މުއާމަލާތްދަނީ ކުރެވެމުންނެވެ. މިގޮތުން ޑޮލަރެއްގެ އަގު 19 ރުފިޔާއަށް ވުރެވެސް މަތިވެގެން ވަނީ ގޮސްފައެވެ. މިއާއިއެކު، ޑޮލަރުގެ އަގު އެއްހަމައެއްގައި ހިފެހެއްޓުމަށްޓަކައި ފިޔަވަޅުތަކެއް އެޅުމަށް މަސައްކަތް ކުރަމުންދާކަމަށް ރައީސުލްޖުމްހޫރިއްޔާގެ 2021 ވަނަ އަހަރުގެ ރިޔާސީ ބަޔާނުގައި ވަނީ ހާމަކުރައްވާފައެވެ. އަދި އޭގެ ފަހުން މިނިސްޓަރު އޮފް ފިނޭންސް ވެސް ވަނީ މިވާހަކަ ތަކުރާރު ކުރައްވާ، ޕީއެސްއެމް ޕްރޮގްރާމެއްގައި ވާހަކަ ދައްކަވާފައެވެ.

ސަރުކާރުގެ އަމާޒަކީ ޑޮލަރެއްގެ އަގު 15.42 ރުފިޔާގައި ހިފެހެއްޓުންކަމުގައި ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރުވަނީ ވިދާޅުވެފައެވެ. އަދި މިކަމަށްޓަކައި ސަރުކާރުން ބައެއް ބަދަލުތައް ގެނައުމަށް މަސައްކަތްތަކެއް ކުރަމުންދާ ވާހަކައާއި ކެބިނެޓަށް އެކަންތައްތައް ހުށަހަޅައި އެންޑޯސްމަންޓް ލިބިފައިވާކަމަށް ވެސް ވަނީ ވިދާޅުވެފައެވެ. މިހެންކަމުން، ޑޮލަރުގެ އަގު އެއްހަމައެއްގައި ހިފެހެއްޓުމަށް ކުރަންޖެހޭ ކަންތައްތަކަކީ ކޮބައިކަމާއި، އެކްސްޗޭންޖް ރޭޓާއި އިގްތިސާދާއި ގުޅޭގޮތުން އެއްޗެއް ދަންނަވާލެވޭތޯ ބަލާނަމެވެ.

އަޅުގަޑުމެން އިންސާނުން ބަލިވުމުން، ނުވަތަ ހަށިގަޑަށް ލިބޭ ވޭނެއްގެ ސަބަބުން ބަލި ދެނެގަތުމަށްޓަކައި، އަދި ފަރުވާކުރުމަށްޓަކައި ހަދާ ޓެސްޓްތަކެއް ހުރެއެވެ. މިގޮތުން އެންމެ އާދައިގެ އެއް ޓެސްޓަކީ ހަށިގަޑުގެ ޓެމްޕަރޭޗަރު، ލޭގެ ޕްރެޝަރު، އަދި ހިތުގެ ވިންދެވެ. މީގެ އިތުރުންވެސް ލޭ އަދި ކުޑަކަމުދާތަކެތި ނެގުމަށްފަހު ލެބޯޓަރީގައި އިތުރު ތަހުލީލުތައް ކޮށްގެން ހަށިގަޑުގެ ތެރޭގައިވާ ޖަރާސީމެއް ނުވަތަ އިންފެކްޝަންތައް ދެނެގަނެވެއެވެ. ބަލި ދެނެގަތުމަށްޓަކައި އެކްސްރޭ، ސީޓީ ސްކޭން، އަދި އެމްއާރްއައި ފަދަ އިތުރު ތަހުލީލުތައްވެސް ކުރުމާއިއެކު، ބައްޔަށް ބޭސްކުރުމަށް ޑޮކްޓަރަށް ފަސޭހަވެގެންދެއެވެ.

ގައުމުގެ އިގްތިސާދުގެ ހާލަތު ދެނެގަތުމަށްޓަކައި ވެސް މިފަދައިން ބަލާ މިންގަޑުތަކެއް ހުރެއެވެ. އިގްތިސާދުގެ ދުޅަހެޔޮކަން ވަޒަންކުރުމަށްޓަކައި ގައުމުގެ އުފެއްދުންތެރިކަމުގެ މިންގަޑާއި، ދައުލަތުގެ ޚަރަދާއި އާމްދަނީ، ޖުމްލަ ދަރަނި، އަދި ކަރަންޓް އެކައުންޓް ބެލެންސް، އަދި އެކްސްޗޭންޖް ރޭޓް ފަދަ މިންގަޑުތައް ބެލިދާނެއެވެ. މީގެ އިތުރުންވެސް ވަޒީފާ ނުލިބި ތިބި މީހުންގެ އަދަދާއި، އަގުތައް މައްޗަށް ދާ ނިސްބަތް (އިންފްލޭޝަން) ފަދަ މިންގަޑުތައްވެސް ބަލައެވެ.

ރާއްޖޭގެ އިގްތިސާދަށް ބަލާއިރު، އެކި ފަހަރުމަތިންވަނީ މާޒީގައި އިގްތިސާދީ ހީނަރުކަމާއި ކުރިމަތިލާންޖެހިފައެވެ. މިއީ ދުނިޔޭގެ އެހެނިހެން ގައުމުތަކަށްވެސް ދޭތެރެއަކުން ދިމާވާ ކަމެކެވެ. އިގްތިސާދީ ހީނަރުކަން ދިމާވާ އަހަރުތަކުގައި އިގްތިސާދުގެ ދިރުން ދެމެހެއްޓުމަށްޓަކައި ސަރުކާރުން އަދި މާލީ އިދާރާތަކުން ތަފާތު އެކި ފިޔަވަޅުތައް އަޅަންޖެހެއެވެ. ވަޒީފާ ގެއްލޭ މީހުންނާއި، ފަގީރު ނިކަމެތި ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދޭ ޕްރޮގްރާމް ހިންގަންޖެހެއެވެ. އަދި ދައުލަތުގެ ޚަރަދުތައް ހަމަޖެއްސުމަށްޓަކައި ލޯނާއި ހިލޭ އެހީތައްވެސް ހޯދަންޖެހެއެވެ.

މިހާރު މުޅި ދުނިޔެ ތަހައްމަލު ކުރަމުންދާ ކޮވިޑް ޕެންޑަމިކްގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށް ކުރިމަތިވެފައިވާ އިގްތިސާދީ ހީނަރުކަމުގެ ކުރިން އެންމެ ފަހުގެ ތާރީޚެއްގައި އަޅުގަޑުމެންގެ އިގްތިސާދު އަޑިއަޅާލީ ދުނިޔެއަށް ކުރިމަތިވި ފައިނޭންޝަލް ކްރައިސިސްގެ ތެރޭގައެވެ. މިގޮތުން ފަތުރުވެރިކަން ދަށްވެ 2009 ވަނަ އަހަރު ނިންމާލަން ޖެހުނީ 5.2 ބިލިއަން ރުފިޔާގެ ބަޖެޓް ޑެފިސިޓަކާއެކުގައެވެ. އެއީ އެއަހަރުގެ ޖީޑީޕީގެ 17% ގެ ޑެފިސިޓެކެވެ. ޖެހިގެން އައި 2010 ވަނަ އަހަރުވެސް ދައުލަތުގެ ބަޖެޓް ޑެފިސިޓް ހުރީ ޖީޑީޕީގެ %13 ގައެވެ. އެހެންނަމަވެސް 2011 ވަނަ އަހަރު ދިވެހި އިގްތިސާދަށް ގެނެވުނު އިންގިލާބީ ބަދަލުތަކާއިއެކު، އައު ޓެކްސްގެ ނިޒާމަކާއި، އަދި ދުނިޔޭގެ އިގްތިސާދުތައް މަޑުމަޑުން ރަގަޅުވަމުން ދިއުމާއިއެކު، ފަތުރުވެރިން ޒިޔާރަތްކުރާ މިންވަރުވެސް އިތުރުވުމާއިއެކު، ދައުލަތުގެ ޑެފިސިޓްވެސް ދިޔައީ ޖީޑީޕީގެ 10% އަށްވުރެ ދަށް މިންގަޑެއްގައި ހިފެހެއްޓެމުންނެވެ.

އަނެއްކާވެސް މިހާރު އަޅުގަޑުމެންނާ ކުރިމަތިވެފައި މިވަނީ އިގްތިސާދީ ދަތި ދުވަސްތަކެކެވެ. ކޮވިޑްގެ ސަބަބުން މުޅި ދުނިޔޭގެ ފަތުރުވެރިކަން ދަށްވެފައި ވުމުގެ ސަބަބުން، އަދި ރާއްޖޭގެ އިގްތިސާދުގެ ކުރިއެރުން ބިނާވެފައިވަނީ ފަތުރުވެރިކަމުން ލިބޭ އާމްދަނީއަށް ކަމަށްވުމުން، 2020 ވަނަ އަހަރު ވެފައިމިވަނީ އިގްތިސާދު ވަރަށް ބޮޑަށް އަޑިއަށް ދިޔަ އަހަރަކަށެވެ. މިއާއި އެކު ގައުމަށް ލިބޭ އާމްދަނީ ދަށްވެ، 2020 ވަނަ އަހަރުގެ ދައުލަތުގެ ބަޖެޓް ޑެފިސިޓް ހުރީ 15.9 ބިލިއަން ރުފިޔާގައެވެ. މިއަހަރަށް ފާސްކުރެވިފައިވާ ބަޖެޓަކީވެސް 12 ބިލިއަން ރުފިޔާގެ ޑެފިސިޓް ބަޖެޓެކެވެ.

އިގްތިސާދީ ދުޅަހެޔޮކަން ވަޒަންކުރުމުގައި ގެންގުޅޭ މުހިއްމު އަނެއް މިންގަޑަކީ ބޭރުދުނިޔެއާއި ދެމެދު ހިގާ މާލީ މުއާމާލާތްތަކެވެ. ގައުމަށް އެތެރެވާ ފައިސާއާއި ބޭރުވެގެންދާ ފައިސާގެ މިންގަޑެވެ. މިގޮތުން ރާއްޖޭގެ އިގްތިސާދަށްވެސް ފަތުރުވެރިކަމުން ގިނަ އަދަދެއްގެ ފައިސާ ދިޔައީ ވަންނަމުންނެވެ. ކޮވިޑްގެ ހާލަތުގެ ކުރިން، އަހަރެއްގެ މައްޗަށް 3 ބިލިއަން ޑޮލަރު ފަތުރުވެރިކަމުން ރާއްޖެއަށް ވަދެއެވެ. އެހެނަސް އިމްޕޯޓަށާއި، ދިވެހިންގެ ބޭރުދަތުރުތަކަށާއި، ރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީން އެމީހުންގެ ގައުމަށް ފޮނުވާ ފައިސާއާއި، ބޭރުން ނަގާފައިވާ ލޯނުތައް ދެއްކުމަށް ހޭދަވާ އަދަދުތައް އެއްކޮށްލުމުން، ގައުމަށް އެތެރެވާ ފައިސާއަށްވުރެ ބޭރުވާ މިންވަރު ބޮޑެވެ. އެހެންނަމަވެސް، އިގްތިސާދު ހިފެހެއްޓިފައި އޮންނަނީ ފޮރިން އިންވެސްޓްމަންޓްގެ ގޮތުގައި ވަންނަ ފައިސާއާއި، ބޭރުން ލިބޭ ހިލޭ އެހީތަކާއި، ލޯނުތަކުގެ ސަބަބުންނެވެ. ޑޮލަރުގެ އަގު، ނުވަތަ ރުފިޔާގެ އެކްސްޗޭންޖް ރޭޓް އެއް މިންވަރެއްގައި ހިފެހެއްޓިފައި އޮންނަނީވެސް މިހެންވެގެންނެވެ.

ކޮންމެއަކަސް، ގައުމަށް ވަންނަ ފައިސާގެ އަދަދު މަދުވުމުން، އެކްސްޗޭންޖް ރޭޓަށް އޭގެ ނޭދެވޭ އަސަރުކުރާނެއެވެ. ހަމަމިއާއިއެކު ރުފިޔާ ދައުރުވާ މިންވަރު އިތުރުވުމަކީވެސް ޑޮލަރުގެ އަގު ބޮޑުވެގެންދާކަމެކެވެ. މިއާއި އެކު ބާޒާރުގައި ތަކެތީގެ އަގުތައްވެސް މައްޗަށްދެއެވެ. މިހެންކަމުން، ދައުލަތުގެ ޚަރަދުތައް ހަމަޖެއްސުމަށްޓަކައި ރުފިޔާ ޗާޕްޖަހައިގެން ނެރުމަކީ ރާއްޖެފަދަ އިގްތިސާދެއްގައި ހެދޭނެ އެންމެ ބޮޑު އެއް ގޯހެވެ. ރުފިޔާގެ މިންވަރު އިތުރުވުމުން، އިގްތިސާދުތެރޭގައި މީހުން ޚަރަދުތައް ކުރާނެއެވެ. މިއާއިއެކު، އިމްޕޯޓަށް ބަރޯސާވެފައި އޮންނަ ގައުމަކުން، އިމްޕޯޓް ކުރާ މިންވަރު އިތުރުވެ، ޑޮލަރުގެ ޑިމާންޑް އިތުރުވެގެންދާނެއެވެ. މިހެންކަމުން، ޑޮލަރުގެ މައްސަލައަކީ ހެދޭ ގާނޫނަކުން ނުވަތަ ގަވައިދަކުން އެކަނި ހައްލުކުރެވޭނެކަމެއް ނޫނެވެ. ޑޮލަރުގެ މައްސަލައަށް އޮތް ހައްލަކީ މާކެޓުން އޮޓޮމެޓިކުން އަންނާނޭ ހައްލެކެވެ. ޑޮލަރުގެ ޑިމާންޑާއި، ޑޮލަރުގެ ސަޕްލައިގެ މައްޗަށް ބިނާވެފައިވާ ހައްލެކެވެ. ޑޮލަރުގެ ޑިމާންޑް ދަށްކުރެވޭނީ ޚަރަދުތައް ދަށްކުރެވި، ރުފިޔާގެ މިންވަރުވެސް ދަށްކުރެވިގެންނެވެ.

your imageރުފިޔާ ޗާޕު ޖަހާފައިވާ މިންވަރު އަންގައިދޭ ޗާޓު

ސަރުކާރުގެ ޚަރަދު ހަމަޖެއްސުމަށް އެމްއެމްއޭ އިން ލޯނު ނަގާ ކޮންމެ ފަހަރަކު، ރުފިޔާ ޗާޕްކޮށްގެން އިގްތިސާދު ތެރެއަށް އެބަ ނެރެވެއެވެ. މިގޮތުން 2014 ވަނަ އަހަރާ ހަމައަށް އައި އިރު އެކި ފަހަރުމަތިން 6 ބިލިއަން ރުފިޔާ މިވަނީ އިތުރަށް ޗާޕު ޖަހައިގެން ނެރެ، ސަރުކާރުން އެމްއެމްއޭ އިން ލޯނުގެ ގޮތުގައި ނަގާފައެވެ. މިއާއިއެކު، އެމްއެމްއޭ އާއި މިނިސްޓްރީ އޮފް ފިނޭންސްއާއި ދެމެދު ވެވުނު އެއްބަސްވުމެއްގެ ދަށުންވަނީ މި އަދަދު ދިގު މުއްދަތަކަށް ބަހާލައިގެން އަބުރާ ދައްކަން ފަށާފައެވެ. ޗާޓުން ފެންނަ ފަދައިން 2014 ވަނަ އަހަރުން ފެށިގެން 2020 ވަނަ އަހަރާއި ޖެހެންދެން މި އަދަދު ދިޔައީ އަހަރުން އަހަރަށް ދަށްވަމުންނެވެ. އެހެންނަމަވެސް 2020 ވަނަ އަހަރު އިތުރު 4 ބިލިއަން ރުފިޔާ ސަރުކާރުން މިވަނީ އެމްއެމްއޭ އިން ނަގާފައެވެ. މިއާއިއެކު، ޗާޓުން ފެންނަ ފަދައިން ސަރުކާރުން އެމްއެމްއޭއަށް އަދާކުރަންޖެހޭ ދަރަނި 10 ބިލިއަން ރުފިޔާއަށް އަރައި، 2020 ވަނަ އަހަރު ނިމުނުއިރު ހުރީ 9.3 ބިލިއަން ރުފިޔާގައެވެ.

އިގްތިސާދީ ހީނަރުކަން އަންނަ ކޮންމެ ފަހަރަކު ސަރުކާރުގެ ޚަރަދުތައް ހަމަޖެއްސުމަށްޓަކައި، ރުފިޔާ ޗާޕްކޮށްގެން މަރުކަޒީ ބޭންކުން ނެރުމަކީ އެންމެ ފަސޭހަ ގޮތެވެ. ބޭނުންވަރަކަށް ޚަރަދު ކުރުމަށް އޮތް ލައިސެންސެކެވެ. އެހެންނަމަވެސް، އެއީ ދުނިޔޭގެ އިގްތިސާދުތައް ހަލާކުވެ، އެގައުމުތަކުގެ ފައިސާގެ އަގު ވެއްޓިގެން ދިއުމަށްވެސް މެދުވެރިވީ ސަބަބެކެވެ. ރާއްޖޭގެ އިގްތިސާދު ތަހައްމަލު ކުރަމުން މިދަނީ އިގްތިސާދީ ހީނަރުކަމެކެވެ. މިއާއިއެކު، ރުފިޔާ ޗާޕްކޮށްގެން ބޮޑު އަދަދެއް ނެރެވިއްޖެއެވެ. އަދި މިކަމުގެ ސަބަބުން މިވަނީ ރުފިޔާގެ އަގު ދަށްވެފައެވެ. ކުރިން 15.85 ރުފިޔާއަށް އެމެރިކާ ޑޮލަރެއް ލިބެއެވެ. އެހެންނަމަވެސް މިހާރު ޑޮލަރެއް ލިބެނީ 18 ރުފިޔާއަށް ވުރެ އަގު ބޮޑުކޮށެވެ. މީގެ މާނައަކީ ރުފިޔާގެ އަގު ދަށަށް ގޮސްފިއެވެ. ބާޒާރުގައި ތަކެތީގެ އަގުތައް މައްޗަށް ގޮސްފިއެވެ. މީގެ ދެއަހަރު ކުރިން 1،000 ރުފިޔާއަށް ގަނެވުނު މުދަލަށްވުރެ މިހާރު 1،000 ރުފިޔާއަށް ގަނެވޭ މުދަލުގެ އަދަދު މަދުވެއްޖެއެވެ. ކޮންމެ ރުފިޔާއެއްގެ އަގު މިވަނީ ގާތްގަޑަކަށް 14% ދަށަށް ގޮސްފައެވެ.

އެކްސްޗޭންޖް ރޭޓާއިމެދު އިތުރަށް ދަންނަވަން އޮތް ވާހަކައަކީ، ވަކި މިންވަރެއްގައި އެކްސްޗޭންޖް ރޭޓް ރާއްޖޭގައި 'ފިކްސް' ކޮށްފައި މި އޮންނަ އޮތުމަކީ ނަމެއްގައި އޮތްކަމެކެވެ. ހަގީގަތުގައި ޑޮލަރުގެ މާކެޓް ރޭޓަކީ ޑިމާންޑާއި ސަޕްލައިއަށް ބިނާވެފައި އޮންނަ އަގެކެވެ. މާކެޓުގައި ޑޮލަރަށް ޑިމާންޑް އިތުރުވެ، ސަޕްލައި ދަށްވާ ވަރަކަށް ޑޮލަރުގެ އަގު ދާނީ އުފުލެމުންނެވެ. ހެދޭ ގަވައިދަކުން، ނުވަތަ ގާނޫނަކުން އަގު ހިފަހައްޓާ ނަމަ، އެމްއެމްއޭ އިން ކަނޑައަޅާ އަގުގައި އަބަދުވެސް ބޭންކުތަކުން ޑޮލަރު ގަންނަން ލިބެންޖެހޭނެއެވެ. މިހާރު ރަސްމީކޮށް ކަނޑައަޅާފައިވާ ބޭންޑު ކަމުގައިވާ 10.28 އާއި 15.42 ރުފިޔާއާއި ދެމެދުގެ އަގަކަށް ޑޮލަރެއް ގަންނަން ލިބޭނޭ ގޮތަށް ބޭންކުތަކަށާއި މަނީ ޗޭންޖަރުތަކަށް ޑޮލަރު ފޯރުކޮށްދިނުމަކީ އެމްއެމްއޭގެ ޒިންމާއެކެވެ. މިގޮތަށް ޑޮލަރު ފޯރު ކޮށްނުދެވޭނަމަ، އެކްސްޗޭންޖް ރޭޓް ވަކި ވަރެއްގައި ފިކްސް ކޮށްފައި ނުބޭއްވޭނެއެވެ. އަދި ކިތެންމެ ހަރުކަށި ގަވައިދުތަކެއް ނެރުނުކަމުގައިވިޔަސް އެއީކީ ހައްލު ކުރެވޭނޭ ކަމެއްނޫނެވެ. ކުރިންވެސް ދެންނެވިހެން، ޑޮލަރުގެ އަގާއި އެކްސްޗޭންޖް ރޭޓަކީ އިގްތިސާދުގެ ދުޅަހެޔޮކަމާއި ގުޅިފައިވާ ކަމެކެވެ. އިގްތިސާދު ހަރުދަނާވެ، ހަމަ މަގަށް އެޅެމުންދާވަރަކަށް، އެކަމުގެ ހެޔޮ ބަދަލު އެކްސްޗޭންޖް ރޭޓުންވެސް ފެންނާނެއެވެ. ޖީޑީޕީއާއި، ވަޒީފާތަކާއި، އަދި މުދަލުގެ އަގުންވެސް ފެނިގެންދާނެއެވެ.

ރުފިޔާގެ އަގު ދަށްވުމަކީ އެންމެހާ ދިވެހިން ކަންބޮޑުވާންޖެހޭ ވަރަށް ސީރިއަސް މައްސަލައެކެވެ. ޚާއްސަ ގޮތެއްގައި ޕެންޝަން ފަންޑުގައި ގިނަ އަދަދެއްގެ ފައިސާ ރުފިޔާއިން ހުންނަ އިރު، ތިމާ މުސްކުޅިވާ ދުވަހު ޕެންޝަނުން ލިބޭ ރުފިޔާކޮޅުގެ އަގެއް ނެތުމުން އެންމެ ބޮޑު ނިކަމެތިކަމެއް ލިބިގެން އެދަނީ އެންމެ ނިކަމެތި ވަގުތުގައެވެ. މީގެ އިތުރުން، ރުފިޔާއިން ލޯނު ދީގެން އުޅޭއިރު، ނުވަތަ ރުފިޔާއިން ކުލި ކަނޑައަޅައިގެން ތިބޭއިރު، ރުފިޔާގެ އަގު ދަށްވުމުން އެކަމުގެ އަސަރު މި ހުރިހާ ފަރާތަކަށް ކުރާނެއެވެ. ދެން ޖެހޭނީ ސަރުކާރުންނާއި އަމިއްލަ ފަރާތްތަކުން މުވައްޒިފުންގެ މުސާރަ ބޮޑު ކުރާށެވެ. މިފަދައިން ބުރުޖަހަން ޖެހިއްޖެނަމަ އެކަމަކަށް ނިމުމެއް ނާންނާނެއެވެ.

އެހެންކަމުން، ރުފިޔާގެ އަގު ހިފެހެއްޓުމަށްޓަކައި، އަދި އެކްސްޗޭންޖް ރޭޓް ހިފެހެއްޓުމަށްޓަކައި، އަދި ޑޮލަރުގެ އަގު ހިފެހެއްޓުމަށްޓަކައި ކުރަންޖެހޭ އެންމެ މުހިއްމު އަދި އެންމެ ބޮޑު މަސައްކަތަކީ، އިގްތިސާދީ ހަރަކާތްތައް އިތުރުވާ މިންވަރަކުން މެނުވީ ރުފިޔާ ޗާޕުކޮށްގެން ނުނެރުމެވެ. ސަރުކާރުގެ ޚަރަދުތައް، ލިބޭ އާމްދަނީއިން ފަރުޖެއްސުމެވެ. ދައުލަތުގެ ޚަރަދުތައް ކުރުމުގައި ޒިންމާދާރުކަމާއިއެކު، އިސްރާފު މަދުކޮށް، ސީދާ ރައްޔިތުމީހާއަށް މަންފާ ލިބޭ ކަންކަމުގައި ހޭދަކުރުމެވެ. މީގެ އިތުރުން، ގައުމުން ބޭރުވާ ފައިސާގެ މިންވަރު ދަށްކުރުމަށްޓަކައި އަޅަންޖެހޭ އެންމެހާ ފިޔަވަޅުތައް އެޅުމެވެ. މިގޮތުން ވަޒީފާ ދިނުމުގައި ދިވެހިންނަށް އިސްކަންދީ، އަދި ކުދި ވިޔަފާރިތަކުގައި ދިވެހިންގެ ދައުރު އިތުރުކޮށް، ސަރުކާރުގެ މަޝްރޫއުތައް ދިނުމުގައިވެސް ދިވެހި ކުންފުނިތައް ބައިވެރިވެގެން މެނުވީ ނުދެވޭ ގޮތަށް ސިޔާސަތުތައް އެކުލަވާލުމެވެ.

އިގްތިސާދީ ދުޅަހެޔޮކަން ގެނުވޭނީ، އިގްތިސާދުގައިވާ ބަލިތައް ދެނެގަނެ، އެކަން ގަބޫލްކޮށް، ކުރަން އޮންނަ ފަރުވާ ހެޔޮ ގޮތުގައި ކޮށްގެންނެވެ. ދާއިމަށް ދެމިގެންދާ ފަދަ ހަރުދަނާ ފަރުވާ ކުރެވިގެންނެވެ. ވަގުތީ ހައްލު ހޯދައިގެން ފަރުޖެއްސޭނީ ވަރަށް ކުޑަ ދުވަސްކޮޅެކެވެ.  

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް