
އެންމެ ކުރިން އިއުލާންކުރި ލިސްޓުގައި އޭރު މެންބަރުކަމުގައި އަދި، ޕީޕީއެމްގެ ސެކެއްޓްރީ ޖެނެރަލްގެ މަގާމުގައި ހުންނެވި ޢަބްދުﷲ ޚަލީލުގެ އާއިލީ 12 މީހަކަށް ފްލެޓު ލިބޭނެ ކަމަށް ލިސްޓުގައި އޮތެވެ.
އޭރު އިއުލާން ކުރި ފްލެޓް ލިސްޓުގައި ހިމެނިފައިވާ ހަލީލްގެ އާއިލީ ބޭފުޅުންގެ ތެރޭގައި ހިމެނެނީ އަނބިކަނބަލުންނާއި އެއްބަނޑުއެއްބަފާ ކޮއްކޮއިންނާއި އެ މީހުންގެ އަނބިންނާއި ފިރިންނެވެ. އޭގެ ތެރެއިން ބައެއް ދެމަފިރިންނަށް ދެ ފްލެޓް ލިބޭ ގޮތަށްވެސް އޭރު އާއްމު ކުރި ލިސްޓުތަކުގައި އޮތެވެ.
އޭރު އިއުލާން ކުރި ފްލެޓު ލިސްޓުން ފްލެޓު ލިބޭނެ ކަމަށް ހިމެނިފައިވާ ހަލީލުގެ އާއިލީ މެންބަރުންގެ ތެރޭގައި އެ މީހުންގެ އުފަން ރަށް، ފ. ނިލަންދޫގައި އެންމެ ކުރިއްސުރެވެސް ދިރިއުޅެމުން އައި ބައެއް މީހުން ހިމެނެއެވެ.
އެ ރަށުން ވާހަކަ ދެއްކި މީހަކު ކިޔައިދިން ގޮތުގައި އޭރު އިއުލާން ކުރި ލިސްޓުގައި ހަލީލުގެ ކޮއްކޮއިންގެ ތެރެއިން ފުލުހުންގެ ތެރޭގައި ހިމެނޭ މީހެއްގެ އަންހެނުންނަށްވެސް ހިޔާ ފްލެޓުން ފްލެޓު ލިބޭނެ ކަމަށް އިއުލާންކޮށްފައިވެއެވެ. މިއިން އެއްވެސް މީހެއް ފަހުން އިއުލާންކުރި ދާއިމީ ލިސްޓުގައި ހިމެނިފައެއް ނުވެއެވެ.