ads
ނިހާން--
ކޯޓުން ވަކި ގޮތެއް އަންގަންދެން ނިހާންގެ ޕާސްޕޯޓު ހިފެހެއްޓުމަށް ނިންމައިފި
އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލާގައި ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ ކުރީގެ މެމްބަރު އަހްމަދު ނިހާން ހުސައިން މަނިކުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާތަކާއި ގުޅިގެން މިއަދު ކްރިމިނަލް ކޯޓުގައި ބޭއްވި ޝަރީއަތުގައި އެ ކޯޓުން ވަކި ގޮތެއް އަންގަންދެން ނިހާންގެ ޕާސްޕޯޓު ހިފެހެއްޓުމަށް ހުކުމް ކޮށްފި އެވެ.
Advertisement

ސީއެންއެމްއަށް މައުލޫމާތު ދެމުން ކްރިމިނަލް ކޯޓުގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ނިހާންގެ ޕާސްޕޯޓު ހިފެހެއްޓުމުގެ އަމުރަކަށް އެދިފައިވަނީ ދައުލަތުގެ ފަރާތުން ކަމަށެވެ. އަދި ޕާސްޕޯޓު ހިފަހައްޓާފައިވަނީ ޝަރީޢަތުން ވަކި ގޮތެއް ކަނޑައަޅަން ދެން ކަމަށެވެ.

މިއަދުގެ އަޑުއެހުމުގައި ގާޒީ ވަނީ ވަކީލަކު ހަމަޖެއްސުމަށް ނިހާނަށް 10 ދުވަހުގެ މުއްދަތެއް ދެއްވާފައި ކަމަށް ކްރިމިނަލް ކޯޓުގެ މީޑިއާ އޮފިޝަލް މައުލޫމާތު ދެއްވިއެވެ. ނިހާނަށް ގާޒީ 10 ދުވަހުގެ މުއްދަތެއް ދެއްވީ، ވަކީލަކު ހަމަޖެއްސުމަށް 15 ދުވަހުގެ މުއްދަތަކަށް ނިހާން އެދުމުންނެވެ. 

ކްރިމިނަލް ކޯޓުގައި މިއަދު 13:30 ގައި ކުރިއަށް ދިޔަ މި އަޑުއެހުމަކީ ނިހާންގެ މައްޗަށް ކުރާ ހަ ދައުވާ އަކާއި ގުޅިގެން ކުރިއަށް ގެންދިޔަ ޝަރީއަތެކެވެ. އެގޮތުން ދައުލަތުން ވަނީ ނިހާންގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާ، ރިޝްވަތު ލިބިގަތުމަށް އެދުނު ކަމުގެ ދެ ދައުވާއެއް އަދި ރިޝްވަތުގައި ހިފުމުގެ ތިން ދައުވާއެއް ކޮށްފައެވެ. 

މި ދައުވާތައް ނިހާންގެ މައްޗަށް އުފުލާ، ކްރިމިނަލް ކޯޓަށް މައްސަލަ ހުށަހެޅުމަށް ފަހު ޕީޖީން ވަނީ ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެންބަރުކަމުގައި އަދި މާލިއްޔަތު ކޮމެޓީގެ މުގައްރިރުގެ މަގާމުގައި ނިހާން ހުރިއިރު، މަގާމުގެ ހައިސިއްޔަތުން އަދާ ކުރަންޖެހޭ މަސްއޫލިއްޔަތުތައް ވަކި ގޮތަކަށް ކުރުމަށް ނުވަތަ ނުކޮށް ދޫކޮށްލުމުގެ މުގާބިލުގައި، ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ގާތު ރިޝްވަތަށް އެދި، އަދި އަދީބު ދީފައިވާ ރިޝްވަތު ހިފައި، ކުށް ކޮށްގެން ހޯދާފައިވާ ފައިސާ އަތުގައި ބަހައްޓައި، އެ ފައިސާ ބޭނުންކޮށްފައިވާކަން ތަހުގީގަށް ހޯދިފައިވާ ކަމަށް މައުލޫމާތު ދީފައެވެ. 

އަދި ނިހާން އަށް ލިބިފައިވާ މިފަދަ އެއްވެސް ފައިސާއެއް ލިބުނުކަން އޭނާ 2014 އިން ފެށިގެން 2019 އާ ދެމެދު ހުށަހަޅާފައިވާ މާލީ ބަޔާންތަކުގައި ހިމަނާފައިނުވާ ކަމަށާއި މި މައްސަލާގައި އުފުލާފައިވާ ދައުވާތަކާ ގުޅިގެން އޭނާ ކުށްކޮށްގެން ހޯދާފައިވާ ފައިސާ އަދި އެއްކޮށްފައިވާ މުދާ އަދި ފައިސާ ދައުލަތަށް ނަގައިދިނުމަށް ކޯޓުގައި އެދިފައިވާނެ ކަމަށް ވެސް ޕީޖީ އޮފީހުން ވަނީ ބުނެފައެވެ.

ނިހާންއަށް ދައުވާ ކުރުމަށް މި މައްސަލަ ކްރިމިނަލް ކޯޓަށް ފޮނުވާފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް