ފިނޭންސް މިނިސްޓްރީން މާލިއްޔަތާއި ބެހޭގޮތުން އާންމުކުރި ސާކިއުލާއެއްގައި ބުނެފައިވަނީ ދައުލަތުގެ ހުރިހާ އޮފީސްތަކުން ބަލައިގަންނަ ފައިސާ މޯބައިލް ޕޮއިންޓް އޮފް ސޭލް މެދުވެރިކޮށް ބަލައިގަތުމުގެ އިންތިޒާމް ތައާރަފް ކުރެވިފައިވާނެކަމަށެވެ. އަދި މި އިންތިޒާމު ހަމަޖެއްސުމަށްޓަކައި މިމަހުގެ 25 ވަނަ ދުވަހުގެ ކުރިން އެ މިނިސްޓްރީގެ އީމެއިލް އެޑްރެހަށް ސާކިއުލާއާއި އެކު ނެރެފައިވާ އެނެކްސްގައިވާ މައުލޫމާތުތައް ފޮނުވުމަށް އަންގަވާފައެވެ.
އަދި މޯބައިލް ޕޮއިންޓް އޮފް ސޭލް މެދުވެރިކޮށް ބަލައިގަންނަ ފައިސާގެ ހިސާބުތައް ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގެ 5.8 މާއްދާގައި ވާގޮތުގެ މަތިން ޕަބްލިކް އެކައުންޓިންގް ސިސްޓަމްގައި ރިކޯޑްކުރަމުން ގެންދިއުމަށްވެސް ވަނީ އަންގަވާފައެވެ.
އަންނަ މާޗް މަހުގެ 25 ވަނަ ދުވަހުން ފެށިގެން ދައުލަތުގެ ހުރިހައި އޮފީސްތަކުން ޑިޖިޓަލް ވަސީލަތްތައް މެދުވެރިކޮށް ފައިސާ ބަލައިގަތުމަށް ފިނޭންސް މިނިސްޓްރީން އަންގަވާފައިވާއިރު އެކަމުން 3 އޮފީހެއް އިސްތިސްނާ ވާނެކަމުގައި ފިނޭންސް މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ. އެއީ މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީއާއި، ރާއްޖެއިން ބޭރުގައި ގާއިމްވެފައިވާ ދައުލަތުގެ އޮފީސްތަކާއި ލޯކަލް ކައުންސިލްތަކެވެ.
ޑިޖިޓަލް ވަސީލަތްތައް މެދުވެރިކޮށް ދެވޭ މާލީ ހިދުމަތްތައް ކުރިއަރުވައި ރާއްޖޭގެ އިގްތިސާދުގައި ޗެކާއި ނަގުދުު ފައިސާއަށް ބަރޯސާވާ މިންވަރު ކުޑަކުރުމުގެ ގޮތުން ދައުލަތުގެ އޮފީސްތަކުން ބަލައިގަންނަ ފައިސާ ބޭންކް އޮފް މޯލްޑިވްސްގެ ޕޮއިންޓް އޮފް ސޭލް މެދުވެރިކޮށް ބަލައިގަނެވޭނެ އިންތިޒާމް ފިނޭންސް މިނިސްޓްރީން ވަނީ ތައާރަފްކޮށްފައެވެ.