މި މައްސަލަ އޭސީސީގައި ބަލަމުން ދާތާ އެތައް ދުވަހެއް ވެފައިވާ އިރުވެސް އޭސީސީއިން އަދި މި މައްސަލައިގައި ބަހެއް ބުނެފައެއް ނުވެއެވެ.
ސީއެންއެމްއެމް އިން ގުޅުމުން މައުލޫމާތު ދޭނެ ކަމަށް ބުނެ އަދި މައުލޫމާތެއް ނުދެއެވެ. މި މައްސަލައިގައި ޖަވާބުދާރީވާން ޓްރާންސްޕޯޓު މިނިސްޓްރީގެ މީޑިއާ އޮފިޝަލަށް ވެސް ގުޅީމެވެ. ނަމަވެސް ފޯނަށް ޖަވާބެއް ނުދެއްވައެވެ.
މަސްދަރުން މައުލޫމާތު ދިން ޖެމްސްގެ ލިޔެކިޔުންތައް ގެޔަށް ގެންދެވި މައްސަލައިގައި ޓްރާންސްޕޯޓް މިނިސްޓްރީގެ ބައެއް މުވައްޒަފުންގެ ބަޔާން ވެސް މިހާރު ވަނީ ނަގާފައެވެ.
ޖެމްސްއިން ލިޔެކިޔުންތަކެއް ނަގައިގެން މިނިސްޓަރު ނަހުލާ ގެއަށް ގެންދާ މަންޒަރު ފެންނަ ފޮޓޯތަކަކާއި ވީޑިއޯތަކެއް ވަނީ ސީއެންއެމްއަށް ލިބިފައެވެ.
އެ ފޮޓޯތަކާއި ވީޑިއޯތަކުން ފެންނަނީ ޖެމްސްގެ ލިޔެކިތުންތައް ގެންދާ މަންޒަރުކަން ވަނީ ޔަގީން ވެފައެވެ. އަދި އެ ލިޔެކިޔުންތައް ގެންދިޔުމަށް ބޭނުންކުރީ މިނިސްޓްރީގެ މުވައްޒަފުން ނޫން ކަމަށް ވެސް ސީއެންއެމްއަށް މައުލޫމާތު ދިން މަސްދަރުން ޔަގީންކޮށްދިނެެވެ.
މީގެ އިތުރުން ވެސް ޓްރާންސްޕޯޓު މިނިސްޓްރީ އާއި ގުޅުން އޮތް ވައުދެއް ކަމަށްވާ މިނީ ބަހުގެ ވައުދު ވެސް ނުފެދޭކަމީ ގިނަ ބައެއްގެ ފާޑުކިއުން އަމާޒުވެފައިވާ ކަމެކެވެ.
ބާވެ ދަބަރު ޖަހާފައިވާ ބަސްތަކެއް އާކޮށްގެން ރައްޔިތުންގެ ލޮލުގައި އަނދުން އެޅުވުމަށް ވެސް މަސައްކަތް ކުރި ކަމަކީ އާ ވާހަކަތަކެއް ނޫނެވެ.
ރައްޔިތުން މަޖިލީހަށް މިނިސްޓަރު ނަހުލާ ޖަވާބުދާރީ ކުރުވަން ހާޒިރު ކުރުމުން ވެސް އެކަމަނާ ވަނީ ސުވާލުތަކާ ނުގުޅޭ ޖަވާބުތަކެއް ދީފައިކަން ވެސް މަޖިލީހުގެ މެމްބަރުން ފާހަގަކުރިއެވެ. އަދި އެކަމާ ގިނަ ބޭފުޅުންގެ މެދުގައި ހިޔާލު ތަފާތުވުންތައް ވެސް އުފެދިގެން ދިޔައެވެ.
ރާއްޖޭގެ ހުރިހާ މުއައްސަސާތަކުގެ ތެރެއިން ޓްރާންސްޕޯޓް މިނިސްޓްރީއަކީ މީޑިއާތަކާ އެންމެ ދުރުގައި އުޅޭ އެއް މުއައްސަސާކަން ވެސް އެއީ ފާހަގަކޮށްލެވޭ މައްސަލައެކެވެ. މިނިސްޓަރު ނަހުލާގެ ޕީއޭއިން ފަށައިގެން ޑެޕިއުޓީ މިނިސްޓަރުގެ މަގާމަށް ވެސް އެކަމަނާ އައްޔަން ކުރައްވާފައިވާ ބޭފުޅުންގެ ތެރޭގައި ބައެއް ބޭފުޅުންނަކީ އާއިލީ ބޭފުޅުންނެވެ.