ads
މިނިސްޓަރު އަސްލަމް-- ފޮޓޯ: ރައްޔިތުންގެ މަޖިލިސް
50 ޕަސެންޓުން ދަށުން މާކްސް ލިބުނު އެއްވެސް މީހަކަށް ފްލެޓް ނުލިބޭނެ: އަސްލަމް
ހިޔާ މަޝްރޫއުގެ ދަށުން އެއްވެސް ކެޓަގަރީއަކުން 50 އިންސައްތައިން ދަށުން މާސްކް ލިބުނު އެއްވެސް ފަރާތަކަށް ފްލެޓް ނުލިބޭނެ ކަމަށް ހައުސިން މިނިސްޓަރު، މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.

ހައުސިން ޔުނިޓްތަކާއި ގުޅިގެން މިއަދު މިނިސްޓަރު މަޖިލީހަށް ހާޒިރުކުރިއިރު މަޖިލީހުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ ހިޔާ މަޝްރޫއުގެ ފްލެޓްތައް ދިނުމުގައި އިވެލިއުއޭޓްކުރާ އެއްވެސް ކްރައިޓީރިއާއަކަށް ބަދަލެއް ނުގެންނާނެ ކަމަށް ކަނޑައެޅުނު ކަމަށެވެ. އެހެންނަމަވެސް މާކްސް ދެނީ 100 އަކުން ކަމަށްވެފައި ފްލެޓް ލިބޭނީ 50 އިން މަތިން މާސްކް ލިބިގެން ކަމަށް ވެސް ނިންމާފައިވާ ކަމަށެވެ. 

މިނިސްޓަރު ވިދާޅުވީ ސިވިލް ސާވިސް ކެޓަގަރީ ފިޔަވައި ހުރިހާ ކެޓަގަރީއަކަށް ވެސް ފްލެޓް ދިނުމުގައި އަމަލުކޮށްފައިވަނީ އެގޮތަށް ކަމަށާއި އެހެންނަމަވެސް ފްލެޓް ކޮމިޓީން ލިސްޓު ނެރުނުއިރު ސިވިލް ސާވިސް ކެޓަގަރީން 14 ނުވަތަ 12 މާކްސް ލިބުނު މީހުންނަށް ވެސް ފްލެޓް ލިބިފައިވާ ކަމަށެވެ. 

އެކަމާއި ގުޅިގެން ގިނަ ޝަކުވާތަކެއް ލިބުމާއި ގުޅިގެން މިނިސްޓަރު ވިދާޅުވީ އިއްޔެ އޮތް ވަޒީރުންގެ މަޖިލީހުގައި ނިންމާފައި ވަނީ 50 ޕަސެންޓުން ދަށުން މާސްކް ލިބުނު އެއްވެސް މީހަކަށް ހިޔާ މަޝްރޫއުގެ ދަށުން ފްލެޓް ނުދޭން ކަމަށެވެ.

"އެކަން ބައެއް ފަރާތްތަކުގެ ޝަކުވާއެއްގެ ގޮތުގައި ވެސް، ވަކި މީހެއްގެ މައްސަލައެއް ނޫން. އެހެންނަމަވެސް ޝަކުވާއެއްގެ ގޮތުގައި އަންނަން ފެށީމަ އިއްޔެ އަޅުގަނޑުމެން ވަޒީރުންގެ މަޖިލީހުން ނިންމާފަ ވާނެ 50 ޕަސެންޓުން ދަށުން މާކްސް ލިބޭ އެއްވެސް ފަރާތަކަށް، އެއީ ސިވިލް ސާވިސް ވެސް ހިމެނޭ ގޮތަށް، އެއްވެސް ފަރާތަކަށް އަޅުގަނޑުމެން މި މަޝްރޫއުގެ ދަށުން ފްލެޓެއް ނުދެވޭނެ ކަމަށް،" އަސްލަމް ވިދާޅުވި އެވެ.

މިނިސްޓަރު އަސްލަމް ވިދާޅުވީ ސިވިލް ސާވިސްއަށް 50 ޕަސެންޓުން ދަށުން މާސްކް ލިބިގެން ވެސް ފްލެޓް ލިބޭ ގޮތަށް ބާއްވަން ކޮމިޓީން ނިންމީ ސިވިލް ސާވިސް ކެޓަގަރީގެ މީހުންގެ ދިރިއުޅުމުގެ ހާލަތު ބެލުމަކީ ކްރައިޓީރިއާއެއްގެ ގޮތުގައި ހިމެނިފައިނުވާތީ ކަމަށެވެ. އެ ކެޓަގަރީއަށް 100 އިން މާކްސް ދިނީ ސަރުކާރުގައި އުޅުނު މުއްދަތަށާއި މީހާގެ ތައުލީމީ ފެންވަރާއި ދަރިންގެ އަދަދުގެ އިތުރުން ނުކުޅެދުންތެރިކަން ހުންނަ ކުއްޖަކު އާއިލާގައި ހުރޭތޯ ބެލުމަށް ކަމަށެވެ. 

އަދި ބާރަ ވަރަކަށް މާކްސް ލިބިގެން ފްލެޓް ލިބެން މެދުވެރީ އެކި އިދާރާތަކަށް ކުރިން ވެސް ވަކި އަދަދެއް އެލޮކޭޓްކޮށްފައި އޮތުމުން ކަމަށާއި އަދި މިނިސްޓްރީތަކުން ވެސް ގިންތިތަކެއް ކަނޑައަޅާފައި ކުރިން އޮތުމުން ކަމަށެވެ. އެއާއެކު 60 މާކްސް ލިބުނު މީހުންނަށް ފްލެޓް ނުލިބި 12 މާކްސް ލިބުނު މީހުންނަށް ފްލެޓް ލިބުމުން ނިންމުން ބަދަލުކުރީ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. 

ހިޔާ މަޝްރޫއުގެ ދަށުން ފްލެޓް ލިބުނު މީހުންގެ ދާއިމީ ލިސްޓު އާންމުކޮށްފައިވާއިރު ލިސްޓާ ގުޅިގެން ގިނަ ބަޔަކު އަންނަނީ ކަންބޮޑުވުން ވެސް ފާޅުކުރަމުންނެވެ.

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް