ދުވަހަކުވެސް ދިވެހިން ނުކުރާ ވަރުގެ، ތަރުހީބަކާއި ލޯތްބެއް މިއަދު ދިވެހި ރައްޔިތުންނާއި ދައުލަތުގެ ފަރާތުން ދަގަނޑޭއަށް ޓަކައި ވަނީ ދައްކާފައެވެ. ދަގަނޑޭގެ މަގުން ހިނގި މީހަކަށް ވެސް މި ލޯބި އަންނަނީ އޮއްސާލަމުންނެވެ.
ނަމަވެސް ގައުމުން މި ފެނުނު މަންޒަރުން އަޅުގަނޑުގެ ސޮނި ވެއްޓިއްޖެއެވެ. ސަބަބަކީ މިއީ ދިވެހިރާއްޖޭގެ ތާރީހުގައިވެސް މުއައްސަސާއަކުން ނިކުމެ އާންމު ރައްޔިތަކު ފާޅު ކުރިކަމަށް ބުނާ ހިޔާލަކާމެދު މައްސަލަ ބަލައި ފިޔަވަޅު އަޅާނެކަމަށް ބުނި ފުރިތަމަ ފަހަރެވެ.
އެފްއޭއެމުން ވަނީ އަލީ އަޝްފާގުގެ ދިފާއުގައި ނިކުމެ ބަސް ބުނެފައެވެ. ނަމަވެސް ދިވެހިރާއްޖޭގެ ސޯޝަލްމީޑިއާގައި ކުރިއަށް ދިޔަ ބަހުސަކަށް ފީފާގެ އަދި އޭއެފްސީގެ ވެސް ފުލީ އެސޯސިއޭޓެޓް ނުވަތަ ފުރިހަމަ މެންބަރަކަށް ވާ އެސޯސިއޭޝަނަކުން ބަސް ބުނީތީ އަޅުގަނޑުގެ ސޮނި ވެއްޓިއްޖެއެވެ. އަނގަ ތަން މިނަށް ހުޅުވިއްޖެއެވެ. މިނިސްޓަރުންނާއި މަޖިލިސް މެންބަރުންވެސް ނުކުމެ އަލީ އަޝްފާގަށް އޮއްސާލި ލޯބިން އަޅުގަނޑު އާޝޯހު ވެއްޖެއެވެ. ކައުންސިލްތަކާ ޖަމިއްޔާތަކުން ނެރުނު ބަޔާނުން އަޖައިބުވިއެވެ.
ރާއްޖޭގައި އެންމެ ފުރަތަމަ ރަން މެޑަލެއް ލިބުނީ 1989 ވަނަ އަހަރު މެލޭޝިއާގައި އޮތް ރުކަށް އެރުމުގެ މުބާރާތަކުންނެވެ. ދިވެހި ފިރިހެނަކަށެވެ. އޭރުވެސް މެޑަލް ހޯދި މީހާއަށް ދިޔައީ މަލާމަތް ކުރަމުންނެވެ. ދިވެހިން ބަލައެއް ނުގަތެވެ. ރުކަށް އެރުން މޮޅުކަމަކަށް ނުވިއެވެ.
ދިވެހިރާއްޖޭގައި ފާހަގަކޮށްލެވޭ ގޮތަކަށް އާންމު ފަރުދުން ދުނިޔޭގެ ފެންވަރުގައި ވެސް އެކި ރޮނގު ރޮނގުން ރަން މެޑަލް ހޯދައެވެ. އަދި އަނެއް ބަޔަކީ ގައުމު ފަހުރުވެރިވާ ފަދަ މަސައްކަތްތަކެއް ކުރުމުގެ ސަބަބުން ރަން މެޑަލެއް ނުލިބުނު ނަމަވެސް، ރަންމެޑަލުގެ ހައްގުވެރިންނެވެ.
މިސާލަކަށް ޕްރޮފެސާ ހަސަން އުގައިލްއެވެ. އިނގިރޭސި ވިލާތުގައި ހުންނަވައިގެން އޭނާ ކުރައްވާ އަގުހުރި މަސައްކަތްތަކަށް ރަންމެޑަލް ހައްގެވެ. ނަމަވެސް އުގެއިލް އަކީވެސް ސޯޝަލް މީޑިއާގައިވެސް އެކި ދުވަސްވަރު މަތިން އެތައް ފާޑުކިއުންތަކެއް އަމާޒުވި ބޭފުޅެކެވެ. ނަމަވެސް އުގެއިލްގެ ދިފާއުގައި ވެސް މުޅި ގައުމު ނުކުތް ތަނެއް ނުފެނުނެވެ. ފާޑުކިއުންތަކާއި ކުރިމަތިލެއްވީ ގިނިކަންޏާއެވެ.
މިގޮތަށް ތައުލީމީ ގޮތުން ވެސް ދިވެހިރާއްޖޭގައި ބައިނަލްއަގުވާމީ ރަން މެޑަލް ހޯދާފައިވާ އެތައް ދަރިވަރުންނާއި، ވިސްނުންތެރިންނަކީ ވެސް އެއްވެސް ބައެއް ނޫންކަން ދާދިފަހުން ސޯޝަލް މީޑިއާގައި ދިވެހިން މިވަނީ ޔަގީންކޮށް ދީފައެވެ.
ދިވެހި ރާއްޖޭގައި ވެރިކަން ކުރައްވާފައިވާ ބޭފުޅުންކީ ވެސް އެތައް ބައެއްގެ ލޯތްބާއި ގަދަރުލިބި ލައްވާފައިވާ ބޭފުޅުންނެވެ. ނަމަވެސް ދިވެހި ރާއްޖޭގެ ދެ ވަނަ ޖުމްހޫރިއްޔާ ފެށިގެން މިއަދާ ހަމައަށް ވެސް އެ ބޭފުޅުންނަށް އެކި ގޮތް ގޮތުން އަންނަނީ ފާޑުކިޔާ ފުރައްސާރަކޮށް ހަދަމުންނެވެ.
ސަރަހައްދީ ބޮޑެތި މުބާރާތްތަކުގައި ރާއްޖޭގެ އެތުލީޓުން އެކި އެކި ކުޅިވަރުތަކުގައި ވާދަކުރާތާ 40 ވަރަކަށް އަހަރު ވެއްޖެއެވެ. 2019 ވަނަ އަހަރު ދިވެހި އެތުލީޓުން ބައިނަލް އަގުވާމީ އެކި އެކި ކުޅިވަރުތަކުގައި ވާދަކޮށް، ޖުމްލަ 46 މެޑަލް ހޯދި އެވެ. މިކަން ހަނދާން ހުރި މީހުންގެ އަދަދުވެސް މިހާރު އެހާ މަދެވެ.
އޭގެ ތެރޭގައި ސަރަހައްދީ އެންމެ ބޮޑު ދެ މުބާރާތް ކަމަށްވާ ސައުތު އޭޝިއަން ގޭމްސްއާއި އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ރާއްޖޭގެ އެތުލީޓުން އެކި ވަނަތައް ހޯދިއެވެ. ރަން ވަނަތައް ވެސް ހޯދިއެވެ. އެ ދެ މުބާރަތުން އެކަނި ވެސް، 20 މެޑަލް ރާއްޖެ އުފުލައިލި އެވެ. އޭގެ ތެރޭގައި ފަސް ރަން މެޑަލް އޮތެވެ.
ދީމާއާއި، ރަފާއާ ހަސަން ސާއިދު ފަދަ އެތްލީޓުން ހޯދި ރަންމެޑަލްތަކަށް ވުރެ ވެސް އަލީ އަޝްފާގު (ދަގަނޑޭ) ފޯވާޑަކަށް ހުރެގެން 2008 ވަނަ އަހަރު ގައުމީ ޓީމުން ހޯދި ރަންމެޑަލާއި، 2018 ވަނަ އަހަރު އަސްއަދުއަބްދުލް ގަނީ (އަކޫ) ގެ ކެޕްޓަންކަމުގެ ދަށުން ހޯދި ރަން މެޑަލުގެ އަގު މާ އަގުބޮޑުކަމުގެ އިހުސާސް ކުރެވޭ ވަރަށް ރައްޔިތުންގެ ޝުއޫރުތައް އޮއްސާލައިފިއެވެ.
ދާދި ފަހުން ސޯޝަލް މީޑިއާގައި ދަގަނޑޭއާއި އަކޫއާ ގުޅޭގޮތުން މީހަކު ދެއްކި ވާހަކައެއް ކަމަށް ބުނެ މިނިސްޓަރު އަހުމަދު މަހްލޫފް ކުރެއްވި ޓްވީޓަކާއި ގުޅިގެން ދަގަނޑޭއާއި އަކޫގެ ސަޕޯޓަރުން އެ ބުނާ މީހަކަށް ވަނީ ލައްކަ ހަސްކާ ދައްކާލާފައެވެ. ސަޕޯޓަރުން ނުކުމެ މީހަކު މަރަން ގޮވާއިރު އެކަމާ އެއިން ބޭފުޅަކު ކަންބޮޑުވެސް ނުވީތީ އަޅުގަނޑުގެ އަނގައިން ވެއްޓުނު ސޮނިކޮޅުވެސް ވައިގެ ތެރެއަށް އަރައިގެން ގޮސްފިއެވެ.
ދިވެހިރާއްޖޭގައި ކޮންމެ އަހަރަކު ވެސް ގާތްގަނޑަކަށް 100 މިލިއަނަށްވުރެ ގިނަ ރުފިޔާ ދަނީ ފުޓުބޯޅަ ކުރިއެރުވުމަށާއި، ފުޓުބޯޅައާއި ގުޅުން ހުރި ކަންކަން ކުރަން ހޭދަކުރަމުންނެވެ. މި ބޮޑު ހޭދައިގެ ފަހަތުގައި ވަނީ ވެސް ދަގަނޑޭއާއި އަކޫ ފަދަ ކުޅުންތެރިންނަށް ހެޔޮގޮތާއި ތަނަވަސް ގޮތް ހޯދުންކަން މިއަދު ދިވެހި ދައުލަތުގެ ބައެއް އިސްވެރިން މިވަނީ ސާބިތުކޮށްދީފައެވެ.
ކުޅިވަރުގެ ދާއިރާ އެކަންޏެއް ނޫނެވެ. ފަންނީ ދާއިރާތަކަށް ދައުލަތުން އެއްވެސް ހަރަދެއް ނުކުރެއެވެ. މިއީ ކިހާ ބޮޑު ނާއިންސާފެއް ހެއްޔެވެ.
ޒީރޯ ޑިގްރީ އަހުމަދު ނާޝިދު (ފުލޫ ނާޝިދު) ވަނީ 1990 ގެ ފަހުކޮޅުގައި އެމެރިކާގައި އޮތް ބްލޫސް ފެސްޓިވަލަކުން ރަން މެޑަލް ގެނެސް ދީފައެވެ. ނަމަވެސް މިއުޒިކަކީ ދައުލަތަށް ލިބިފައިވާ "ހަރާން" ދަރިއެކެވެ. އެއްވެސް ހަރަދެއް ނުކުރެއެވެ. އަޖައިބުވެ އަންތަރީސް ވެއްޖެއެވެ. މިވާހަކަ ދައްކާކަށް ވެސް ބޭނުމެއް ނެތެވެ.
ފިލްމީ ދާއިރާއަށް ބަލާލި ކަމުގައި ވިއަސް ކަން އޮތީ މިހެންނެވެ. ހަމަ ދަގަނޑޭ 2008 ވަނަ އަހަރު ހޯދި ފަދަ 2 ރަން މެޑަލް ދެ މީހަކު ނުކުމެ ވަނީ ދިވެހިރާއްޖެއަށް ސާކް ފެސްޓިވަލަކުން ގެނެސްދީފައެވެ.
އައިޝަތު ރިޝްމީއާއި ކޮޕީ އިސްމާއިލް ރަޝީދެވެ. ދެ ތަރިން ވެސް ވަނީ އެކްޓިންގެ ދާއިރާއިން ސާކް ފިލްމު ފެސްޓިވަލް އެވޯޑުން ރާއްޖެއަށް ރަން މެޑަލް ގެނެސް ދީފައެވެ.
ކުރެހުމުގެ ރޮނގުންނާއި، ކެއްކުމާއި، ކޭކުއެޅުން ފަދަ ދާއިރާތަކުން ވެސް ވަނީ މުޅި އޭޝިއާ ސަރަހައްދުން ވެސް ރަން މެޑަލް ހޯދާފައެވެ. ދައުލަތުން ބޮޑުބެރެއް ނުޖަހައެވެ.
ފުޓުބޯޅައަށް ދިވެހި ދައުލަތުން ކުރާ މިންވަރާ ގާތަށް ވެސް އެއްވެސް ކުޅިވަރަކަށް ވެސް ހަރަދެއް ނުކުރެއެވެ.
2008 ވަނަ އަހަރު ސާކް މުބާރާތް ކާމިޔާބު ކޮށްގެން ދިވެހި ދައުލަތުން އެކުރި ހަރަދު ދުވަހަކުވެސް އެހެން ރަން މެޑަލެއް ގެނެސްގެން ދިވެހިރާއްޖޭގެ ފަހުގެ ތާރީހުގައި ނުކުރާ ވަރުގެ ބޮޑު ހަރަދު ކުރިއެވެ.
2017 ވަނަ އަހަރު އޭޝިއަން ބޮޑީ ބިލްޑިން މުބާރާތުގައި ރާއްޖެއަށް ރަން މެޑެއްޔެއް ހޯދައި ދިން ޝާހީން އިބްރާހިމް ދީދީ (ޝާންޓޭ) ހޯދައި ދިން ރަން މެޑަލަށްވުރެ ވެސް ދަގަނޑޭއާއި އިކޫ ގެ އަގު މާބޮޑުކަން ސާބިތު ކޮށްދީފިއެވެ. އެވަރަކަށް ބެރުޖަހާ ނުހެދިއެވެ. ރައްޔިތުންނެއް ނުނިކުތެވެ.
ރާއްޖޭގައި ތިބި ރެޑް ބުލް އެތްލީޓުންނަށްވުރެ ވެސް އަކޫ އާއި ދަގަނޑޭގެ ޝަރަފު ރައްޔިތުންނަށް މާބޮޑެވެ.
އަމިއްލަ ހިތްވަރުން މުބާރާތްތައް ކާމިޔާބުކޮށް އޮލިމްޕިކުން ޖާގަހޯދުމަށް މަގު ކޮށަމުން އަންނަ އަދި އުންމީދީ ބެޑްމިންޓަން ޓްވިން ޕެއާ ނަބާހާ އާއި ނަބީހާ އަށްވުރެ ވެސް ދަނގަޑޭއާ އަކޫގެ ޕެއާގެ އަގު މިއަދު ދިވެހިންނަށް މާ ބޮޑުވެއްޖެއެވެ. އެކަމާ އުފަލުން ރައްޔިތުންގެ އަދި ދައުލަތުގެ ބަޔަކު ދަގަނޑޭއާ އަދި ފުޓުބޯޅައާއި އުޅޭ މިންވަރަށް އުޅޭތީ ނުދެކެވެ.
ދިވެހިރާއްޖޭގެ 99 ޕަސަންޓަކީ ފެނެވެ. ބިމަކީ ހަމަ އެންމެ ޕަސަންޓެކެވެ. ނަމަވެސް ގައުމީ ކުޅިވަރަކީ ފުޓުބޯޅައެވެ. ރާއްޖޭގައި ފެނުގައި ކުޅޭ ކުޅިވަރުތަކުގެ ތެރެއިން ވެސް ރަން މެޑަލް ހޯދާފައިވާ ގައުމީ ބޮޑީބޯޑިން ޓީމުގައި ވެސް ހިމެނޭ އަލީ ހުޝްރުވާން އަހްމަދު (ކުޑަ އައްޔަ) އެވެ. ނަމަވެސް މިއަދު ކުޑަ އައްޔަގެ ރަން މެޑަލަށްވުރެ ވެސް އަލީ އަޝްފާގަށް މީހުން ސަޕޯޓުކުރާ މިންވަރާ އެނާޚ ދަންނަ މިންވަރު އަދި ލޯބި ވާ މިންވަރުވެސް ބޮޑެވެ. ކުއްޑަ އައްޔަ ވެސް ރަން މެޑަލް ހިފައިގެން އައިއިރު ހަމަ ފުޓުބޯޅައިން ރަން މެޑަލް ހިފައިގެން އައުމުން ސެލެބްރޭޓް ކުރާ މިންވަރަށް ސެލެބްރޭޓް ނުކުރުމުން އަޅުގަނޑު ވަރަށް އަޖައިބު ވިއެވެ.
ބައެއް މީހުންގެ ނަޒަރުގައި ދަގަނޑޭ ފޯވާޑަށް ކުޅެނިކޮށް 2008 ވަނަ އަހަރު ހޯދި ސާފް ޗެމްޕިއަންޝިޕްގެ ރަން ތަށީގެ އަގު މުހައްމަދު ތަކުރުފާނު ޕޯޗުގީޒުންނާ ދެކޮޅަށް ކުރެއްވި ޖިހާދަށްވުރެ ވެސް އަގު ބޮޑެވެ.
މިފަދަ އެތައް ސަބަބުތަކަކަށްޓަކައި އަހަރެންގެ ނަޒަރުގައި އެންމެ މޮޅު ރަންމެޑަލް ލިބިފައިވަނީ ދިވެހިންގެ ބަތަލު އަލީ އަޝްފާގް (ދަގަނޑޭ) އަށެވެ.
މިހެންކަމުން ދިވެހިރާއްޖޭގެ ރައީސް ކަމަށް އަލީ އަޝްފާގު އަދި ނައިބު ކަމަށް އަކުރަމް އަބްދުލް ގަނީ ރައްޔިތުންނަށް ނުހަނު ކަމުދާނެކަމާ މެދު ޝައްކެއް ނެތެވެ.