ads
ފޮޓޯ: އެސްޖޭ
މަޑަވެލީ ނަރުދަމާ އަޅަން ގެންދިޔަ ސާމާނަށް ބަޔަކު ގެއްލުންދީފި
ގދ. މަޑަވެލީގައި ނަރުދަމާ އަޅަން ގެންދިޔަ ބައެއް ސާމާނަށް އެރަށުގެ ބަޔަކު ގެއްލުންދީފި އެވެ.
Advertisement

މަޑަވެލީގައި ނަރުދަމާ އެޅުމުގެ މަސައްކަތްކުރަމުން އަންނަ، އެސްޖޭ ކޮންސްޓްރަކްޝަނުން އެ ރަށު ނަރުދަމާ އެޅުމުގެ މަސައްކަތަށް ގެންގޮސްފައިވާ އެސްކަވޭޓަރުގެ ހައިޑްރޯލިކް ހޮޅިތަކާއި ވަޔަރުހާނަސްތައް ބުރިކޮށްލާ، އިކްއިޕްމެންޓަކަށް ގެއްލުންދީފައިވާ ކަމަށް ވެ އެވެ.

އެސްޖޭގެ ޑިރެކްޓަރު ޝިހާދު އިބްރާހީމް ކުރެއްވި ޓްވީޓެއްގައި، އެކުންފުނީގެ ސާމާނަށް ގެއްލުންދީފައިވާކަން ކަށަވަރުކޮށްދީ ވިދާޅުވީ ރަށްރަށުގައި ކުރިޔަށްގެންދާ ތަރައްގީގެ މަޝްރޫއުތައް ހިންގާ ކުންފުނިތަކުގެ ސަލާމާއި ރައްކާތެރިކަން ސަރުކާރުން ކަށަވަރު ކޮށްދޭން ޖެހޭނެކަމަށް ދެކޭ ކަމަށެވެ. 

އެސްކަވޭޓަރުގެ ހައިޑްރޯލިކް ހޮޅިތަކާއި ވަޔަރުހާނަސްތައް ބުރިކޮށްލާފައިވާއިރު މިއީ ރާއްޖެއިން ލިބެން ހުންނަ ސާމާނެއް ނޫނެވެ. އެހެންކަމުން، ދެން އެ ސާމާނު ބޭނުން ކުރެވޭނީ ބޭރުން އެތަކެތި ގެނެސް، މަރާމާތުކުރުމަށް ފަހެވެ.

އެކަމާއި ގުޅިގެން މަޑަވެލީ ކައުންސިލްގެ ނައިބް ރައީސް އަޒަމް މުހައްމަދު ވިދާޅުވީ، އެސްޖޭ އިން ނަރުދަމާގެ މަސައްކަތްކުރުމަށް އެރަށުގައި ތިން އެސްކަވޭޓަރެއް ބޭނުންކުރަމުން އަންނައިރު އޭގެ ތެރެއިން ދެވަނައަށް އެންމެ ބޮޑު އެސްކަވޭޓަރަށް ގެއްލުން ދިންކަމުގެ މައުލޫމާތު ލިބުނީ އިއްޔެ ކަމަށެވެ. އަދި އެކަން ފުލުހަށް ހުށަހަޅާފައި ވަނިކޮށް މިއަދު ވަނީ އެންމެ ކުޑަ އެސްކަވޭޓަރަށް ގެއްލުންދީގެން ވެސް ރިޕޯޓްކޮށްފައި ކަމަށް ވިދާޅުވި އެވެ. 

އަޒަމް ވިދާޅުވީ ސިލްސިލާކޮށް އެކަން ހިނގަމުންދާކަން ފާހަގަކުރެވޭތީ އެ މައްސަލަ ބަލަން ލިޔުމުން ފުލުހުންގެ ކިބައިން އެދިފައިވާ ކަމަށެވެ. އެހެންނަމަވެސް އެއީ ކޮން ބަޔަކު ކުރި ކަމެއްކަމެއް އަދި ސާފު ނުވާ ކަމަށް ވެސް ވިދާޅުވި އެވެ.

އެސްޖޭގެ ބައެއް ސާމާނަށް ބަޔަކު ގެއްލުންދިންއިރު މީގެ ދެތިން ދުވަހެއް ކުރިން އެރަށުގެ މިސްކިތުގައި ހުރި ބޯފެން ތާންގީއަކަށް ބަޔަކު ކަޅު ތެޔޮ އެޅި މައްސަލައެއް ވެސް ފާހަގަކުރެވޭ ކަމަށް އަޒަމް ވިދާޅުވި އެވެ. އެހެންނަަމަވެސް އެ މައްސަލައިގައި ވެސް މިހާތަނަށް މީހަކަށް ފިޔަވަޅެއް ނާޅަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް