ads
ޔާމިން ރަޝީދު ---
ޔާމީންގެ ޝަރީއަތް: ވީޑިއޯ ކޮންފަރެންސިންކޮށް އަޑުއެހުން ކުރިއަށް ނުގެންދެވުން
ބްލޮގަރު ޔާމީން ރަޝީދުގެ މަރުގެ މައްސަލައިގައި މިއަދު ވީޑިއޯ ކޮންފަރެންސިންކޮށް ކުރިއަށް ގެންދަން އުޅުނު އަޑުއެހުން ކުރިއަށް ނުގެންދެވުނު ކަމަށް ކްރިމިނަލް ކޯޓުން ބުނެފިއެވެ.
Advertisement

ސީއެންއެމްއަށް މައުލޫމާތު ދެއްވަމުން ކްރިމިނަލް ކޯޓުގެ މީޑިއާ އޮފިޝަލް ވިދާޅުވީ، މިއަދުގެ އަޑުއެހުމަކީ މި މައްސަލައިގެ ދައުވާ އުފުލާފައިވާ މީހުންގެ ތެރެއިން އިސްމާއިލް ރަޝީދުގެ ބަލި ހާލަތާއި ގުޅިގެން ކަރެކްޝަންގެ މެޑިކަލް އޮފިސަރެއް ހާޒިރު ކުރުމަށް ބޭއްވި ޝަރީއަތެއް ކަމަށެވެ. 

ކަރެކްޝަންގެ މެޑިކަލް އޮފިސަރެއް ހާޒިރުކޮށް ބަޔާން ނެގުމަށް ކޯޓުން ނިންމާފައިވަނީ އެންމެ ފަހުން ބޭއްވި ޝަރީއަތުގައި އިސްމާއީލް ރަޝީދު ފާހަގަ ކުރެއްވި ކަންކަމާއި ގުޅިގެނެވެ. 

އެގޮތުން އެންމެ ފަހުން ބޭއްވި ޝަރީޢަތުގެ އަޑުއެހުމުގައި އިސްމާއީލް ރަޝީދު ވަނީ އޭނާގެ ބަލި ހާލަތާއި ގުޅިގެން ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި އޭނާގެ ލޮލުގެ އިންފެކްޝަނެއް އުފެދި، އެ މައްސަލަ ކޯޓުގައި ފާހަގަ ކުރުމުން މި މައްސަލައާއި ގުޅިގެން މައުލޫމާތު ސާފު ކުރުމަށް ދެން އަންނަ އަޑުއެހުމެއްގައި ކަރެކްޝަންގެ އޮފިޝަލުންނާއި ސުވާލު ކުރުމަށް އެ އަޑުއެހުމުގައި ގާޒީ ނިންމަވާފައިވެއެވެ.

ނަމަވެސް ކަރެކްޝަންގެ މެޑިކަލް އޮފިސަރެއްގެ ބަޔާން ނެގުމަށް ބޭއްވި މި އަޑުއެހުން މިއަދު ވަނީ ކުރިއަށް ގެންދެވޭ ގޮތް ނުވެފައެވެ. ކްރިމިނަލް ކޯޓުގެ މީޑިއާ އޮފިޝަލް ވިދާޅުވީ މިއަދު ޝަރީއަތް ކުރިއަށް ނުގެންދެވުނީ ވީޑިއޯ ކޮންފަރެންސިންގައި އަޑާއި ވީޑިއޯ ސާފުކޮށް ނުލިބުމާއި ގުޅިގެން ކަމަށެވެ.

އެންމެ ފަހުން މި މައްސަލައިގެ އަޑުއެހުމެއް ބާއްވާފައިވަނީ މިމަހު ހަތެއްގައެވެ. އެގޮތުން އެދުވަހުގެ ޝަރީއަތުގައި ޔާމީން ރަޝީދަށް ހަމަލާ ދިން ވީޑިއޯއެއް ދައްކާފައިވެއެވެ. 

މި މައްސަލައިގައި އިސްމާއީލް ރަޝީދުގެ އިތުރުން ދެން ދައުވާ ކޮށްފައިވަނީ، ހ. އަންނާރުމާގެ އިސްމާއިލް ހައިޝަމް ރަޝީދު، މ. އިރާސްމިކުގެ އަހުމަދު ޒިހާން އިސްމާއީލް، ގދ. ގައްދޫ ސިންދުބާދުގޭ މުހައްމަދު ދިފްރާން، މ. ކުދެހިގެ ހަސަން ޝިފާޒާއި އަދި މ. ކޮޅުފުށީ އީސްޓް ހުސައިން ޒިޔާދުގެ މައްޗަށެވެ. އިސްމާއީލް ރަޝީދު ހިމެނޭހެން މި ހަ މީހުންގެ މައްޗަށްވެސް ދައުލަތުން ކުރަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ދައުވާ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް