ސުޕްރީމް ކޯޓުން މިއަދު ބޭއްވި ޝަރީއަތުގައި މިފަދައިން ނިންމާފައިވަނީ މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުންނެވެ.
ކުރީގެ ނައިބު ރައީސް ޖިހާދު ބޭސްފަރުވާއަށް ދުބާއީއަށް ފުރުމުގެ ހުއްދައަކަށް އެދުމުން، އެ ހުއްދަ ދެވެން ނެތް ކަމަށް ކްރިމިނަލް ކޯޓުން އަމުރު ނެރެފައިވަނީ ޑިސެމްބަރު މަހުގެ 24 ވަނަ ދުވަހު ބޭއްވި އަޑުއެހުމުގައެވެ. ޖިހާދުގެ ފަރާތުން މި މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރުމުން ހައިކޯޓުން ވަނީ މިދިޔަ ޖެނުއަރީ މަހު، ކްރިމިނަލް ކޯޓުގެ އަމުރު ބާތިލް ކޮށްފައެވެ. އެއާއެކު މި މައްސަލަ ދައުލަތުން ވަނީ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކޮށްފައެވެ.
ހޯމަ ދުވަހު ސުޕްރީމް ކޯޓުން ވަނީ ޖިހާދަށް ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ފުރައިގެން ދިއުމުގެ ހުއްދަ ދެވެން ނެތް ކަމަށް ކްރިމިނަލް ކޯޓުން ނެރުނު އަމުރުގެ މައްސަލަ އެކޯޓުން ބަލާ ނިމެންދެން، ޖިހާދުގެ ޕާސްޕޯޓު ހިފަހެއްޓުމަށް ވަގުތީ އަމުރެއް ނެރެފައެވެ.
ޖިހާދަށް ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ފުރައިގެން ދިއުމުގެ ހުއްދަ ދެވެން ނެތް ކަމަށް ކްރިމިނަލް ކޯޓުން ޑިސެމްބަރު މަހުގެ 24 ވަނަ ދުވަހު ނެރުނު އަމުރު ހައިކޯޓުން ބާތިލުކުރީ މިމަހުގެ 13 ވަނަ ދުވަހުއެވެ. އަދި އޭރު ކްރިމިނަލް ކޯޓުން އެގޮތަށް ނިންމާފައިވަނީ ޖިހާދު ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ގޮސް ފިލާފާނެ ކަމަށް ބުނެއެވެ.
މައްސަލަ ޖިހާދުގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފު ކުރުމުން އެ ދުވަހު ހައިކޯޓުގައި ހުކުމް ކުރުމަށް ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ކުރި ހުކުމްގައި ބުނެފައިވަނީ ކްރިމިނަލް ކޯޓުގެ އަމުރު އިސްތިއުނާފު ކުރުމަށް ޖިހާދުގެ ފަރާތުން ހުށަހަޅާފައިވާ ނުކުތާތަކަށާއި، އެ ނުކުތާތަކާއި ގުޅިގެން ހުށަހެޅުނު އެންމެހައި ލިޔެކިޔުންތަކުގެ މައްޗަށާއި، ޝަރީއަތުގެ މަޖިލީހުގައި ޖިހާދުގެ ފަރާތުންނާއި، ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުގެ ފަރާތުން ދައްކާފައިވާ ވާހަކަތަކުގެ މައްޗަށް ބިނާކޮށް އެ އަމުރަކީ ޝަރުއީ އަދި ގާނޫނީ އުސޫލުތަކާއި ހިލާފަށް ނެރެފައިވާ އަމުރެއް ކަމުގައި މައްސަލަ ބެލި ފަނޑިޔާރުންގެ އިއްތިފާގުން ކަނޑައަޅާ އެ އަމުރު ބާތިލު ކުރާ ކަމަށެވެ.
ޖިހާދުގެ މައްޗަށް ދައުލަތުން ކޮށްފައިވަނީ، ދައުލަތަށް ފައިދާއެއް ލިބެން އޮތް ކަމެއްގައި އެހެން ގޮތަކަށް އަމަލު ކުރުމުގެ ދައުވާއެވެ.
އެއީ ރައީސް މުހައްމަދު ވަހީދުގެ ސަރުކާރުގެ ފިނޭންސް މިސްޓަރަކަށް ޖިހާދު ހުންނެވިއިރު، ފުށިދިއްގަރުފަޅު ސްޕެޝަލް ޓޫރިސްޓް ޒޯނެއްގެ ގޮތުގައި ތަރައްގީ ކުރުމަށް ސަރުކާރުގެ 50 ޕަސެންޓް ހިއްސާވާ ގޮތަށް ޖޮއިންޓް ވެންޗަ އެގްރިމެންޓެއް ހެދުމަށް ވަޒީރުންގެ މަޖިލީހުން ނިންމާފައި ވަނިކޮށް، 50 ޕަސެންޓުގެ ބަދަލުގައި ދައުލަތުގެ 25 ޕަސެންޓް ހިއްސާ އޮންނަ ގޮތަށް ޖޮއިންޓް ވެންޗާ ކުންފުންޏެއް ހެދުމަށް ޕްރައިމް ކެޕިޓަލް މޯލްޑިވްސް ލިމިޓެޑާއެކު އެއްބަސްވުމުގައި ސޮއިކުރި މައްސަލައެވެ.