ads
ޕީޖީ ހުސައިން ޝަމީމް ---
ޖިހާދު ޕާސްޕޯޓު މައްސަލައިގެ ސުޕްރީމް ކޯޓުގެ ނިންމުމަށް އިހުތިރާމު ކުރަން: ޝަމީމް
ކުރީގެ ނާއިބު ރައީސް އަބްދުﷲ ޖިހާދު ފުރުން މަނާކުރުމުގެ އަމުރާ ގުޅޭގޮތުން ސުޕްރީމް ކޯޓުން ނިންމި ނިންމުމަށް އިހުތިރާމް ކުރާ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމް ވިދާޅުވެއްޖެ އެވެ.

މި މައްސަލައާއި ގުޅިގެން ޝަމީމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ސުޕްރީމް ކޯޓުގެ ނިންމުމަށާއި މާނަ ކުރެއްވުމަށް އިހުތިރާމް ކުރައްވާ ކަމަށެވެ.

ޝަމީމް ވިދާޅުވީ، އަމަލީ ގޮތުން ދިމާވާ މައްސަލަތައް ހައްލު ކުރުމަށް ގާނޫނަށް ގެނެވޭނެ އިސްލާހެއް އޮތްތޯ ބެލުމަށް ބަންޑަރަ ނައިބާއި މަޝްވަރާ ކުރައްވާނެ ކަމަށެވެ. 

ސުޕްރީމް ކޯޓުން މިއަދު ބޭއްވި ޝަރީއަތުގައި ޖިހާދު ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ފުރައިގެން ދިއުމުގެ ހުއްދަ ދެވެން ނެތް ކަމަށް ކްރިމިނަލް ކޯޓުން ނިންމާފައިވަނީ ގާނޫނާ ހިލާފަށް ކަމަށް ބުނެ، ސުޕްރީމް ކޯޓުން ވަނީ ކްރިމިނަލް ކޯޓުގެ އަމުރު ބާތިލް ކުރުމަށް ހައިކޯޓުން ކުރި ހުކުމް ރަނގަޅު ކަމަށް ހުކުމް ކޮށްފައެވެ. 

މިފަދައިން ސުޕްރީމް ކޯޓުގެ ޝަރީއަތުގައި ނިންމާފައިވަނީ މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުންނެވެ. 

ޖިހާދުގެ މައްޗަށް ދައުލަތުން ކޮށްފައިވަނީ، ދައުލަތަށް ފައިދާއެއް ލިބެން އޮތް ކަމެއްގައި އެހެން ގޮތަކަށް އަމަލު ކުރުމުގެ ދައުވާއެވެ. 

އެއީ ރައީސް މުހައްމަދު ވަހީދުގެ ސަރުކާރުގެ ފިނޭންސް މިސްޓަރަކަށް ޖިހާދު ހުންނެވިއިރު، ފުށިދިއްގަރުފަޅު ސްޕެޝަލް ޓޫރިސްޓް ޒޯނެއްގެ ގޮތުގައި ތަރައްގީ ކުރުމަށް ސަރުކާރުގެ 50 ޕަސެންޓް ހިއްސާވާ ގޮތަށް ޖޮއިންޓް ވެންޗަ އެގްރިމެންޓެއް ހެދުމަށް ވަޒީރުންގެ މަޖިލީހުން ނިންމާފައި ވަނިކޮށް، 50 ޕަސެންޓުގެ ބަދަލުގައި ދައުލަތުގެ 25 ޕަސެންޓް ހިއްސާ އޮންނަ ގޮތަށް ޖޮއިންޓް ވެންޗާ ކުންފުންޏެއް ހެދުމަށް ޕްރައިމް ކެޕިޓަލް މޯލްޑިވްސް ލިމިޓެޑާއެކު އެއްބަސްވުމުގައި ސޮއިކުރި މައްސަލައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް