އިއްޔެ ހަވީރުގެ ވަގުތެއްގައި އިދިކޮޅު ފަރާތްތަކުން ކުރި މުޒާހަރާއެއް ކަވަރުކުރަމުގައި ހަރަކާތްތެރިވި ޗެނަލް- 13ގެ ނޫސްވެރިންނަށް އަނިޔާވާ ގޮތަށް ފުލުހުން އަމަލުކޮށްފައިވާ މައްސަލަ ސަމާލުކަމަށް އައިސްގެން އެ ޖަމިއްޔާއިން ނެރުނު ނޫސް ބަޔާނެއްގައި ބުނީ ނޫސްވެރިންގެ މަސައްކަތަށް ހުރަސް އަޅާ ގޮތަށް ފުލުހުން ހިންގާ ކަންކަމަށް އަވަހަށް ފިޔަވަޅު އެޅުމަށް ގޮވާލާ ކަމަށެވެ.
އަދި ނޫސްވެރިންނާއި މީޑިއާގެ ފަރާތްތަކުގެ މަސައްކަތަށް ހުރަސް އެޅޭ ގޮތަށް ހިންގާ މިފަދަ ކޮންމެ އަމަލެއް ވެސް އެ ޖަމްއިއްޔާއިން ދެކެނީ ވަރަށް ސީރިއަސް އަމަލުތަކެއްގެ ގޮތުގައިކަން ފާހަގަކޮށް ބުނީ ނޫސްވެރިންނާ ދެކޮޅަށް ހިންގާ މިފަދަ އަމަލުތައް ލަސްނުކޮށް ތަހުގީގުކޮށް އެކަށީގެންވާ ފިޔަވަޅުތައް ވީހާވެސް އަވަހަކަށް އެޅުމަކީ ނޫސްވެރިކަމަށް ފަހި މާހައުލެއް ގާއިމްކުރުމަށް ކޮންމެހެން ކުރަން ޖެހޭ ކަމެއް ކަމަށް ދެކޭ ކަމަށެވެ.
އިއްޔެގެ މުޒާހަރާ ކަވަރުކުރުމުގައި ހަރަކާތްތެރިވަމުން ދަނިކޮށް ޗެނަލް-13ގެ ކެމެރާމަން މުހައްމަދު ޝަހީމްއަށް މުޒާހަރާ ކަވަރުކުރުމުގެ ފުރުސަތު ނުދީ އޭނާ މަގުމައްޗަށް ވައްޓާލާފައިވާ ކަމަށް ޗެނަލް-13 އިން މައުލޫމާތުދޭ ކަމަށާއި އެކަމުގެ ސަބަބުން ޝަހީމްއަށް ހޮސްޕިޓަލްގައި ވެސް ފަރުވާދޭން ޖެހުން ކަމަށާއި އިއްޔެގެ މުޒާހަރާ ހިނގަމުން ދިޔަ ވަގުތު ފުލުހުންގެ ބަޔަކު ރެސްޓޯރަންޓަކަށް ވަދެ އެތަނުގެ ތެރޭގައި ތިބި ޗެނަލް-13ގެ ޗީފް އޮޕަރޭޓިން އޮފިސަރު މުހައްމަދު ސަލާހު އާއި ޑެޕިއުޓީ ސްޓޭޝަން އިންޗާޖް ހުސެއިން އިހުސާން ގަދަކަމުން އެތަނުން ނެރެ އަނިޔާވާ ގޮތަށް އަމަލުކޮށްފައިވާކަމަށް ވެސް ބަޔާނުގައި ބުނެ އެވެ.
އެ ޖަމްއިއްޔާއިން ބެލި ބެލުމުން މުޒާހަރާ ކަވަރު ކުރަމުން ދިޔަ ޗެނަލް-13 ގެ ނޫސްވެރިޔާ ޝަހީމް އާއި ރެސްޓޯރަންޓް ތެރޭގައި ތިބި އެ ސްޓޭޝަންގެ ދެ މުވައްޒަފުން ވެސް ތިބީ މިޑީއާގެ ފަރާތްތައްކަން އެނގޭނޭ ފަދަ ނޫސްވެރިކަމުގެ ކާޑުވެސް އަޅައިގެން ކަމަށާއި ރެސްޓޯރަންޓް ތެރޭގައި ހިނގި ހާދިސާގެ ވީޑިއޯއިންވެސް ފެންނަ ގޮތުގައި ފުލުހުން އެ ފަރާތްތައް ނެރުމަށް މަސައްކަތް ކުރުމުން އެއީ މީޑިއާގެ ފަރާތްތަކެއްކަން ތަކުރާރުކޮށް ފުލުހުންގެ ސަމާލުކަމަށް ގެނެސްފައިވާ ކަމަށެވެ.
ބަޔާނުގައި އިތުރަށް ބުނީ ވަކި މީޑިއާއަކަށް ނިސްބަތްވާ ނޫސްވެރިންނާއި މުވައްޒަފުންނަށް އަމާޒުކޮށް ފުލުހުން ބާރުގެ ބޭނުންކޮށް ހުރަސް އެޅުމަކީ އެ ޖަމިއްޔާއިން ނުހަނު ކަންބޮޑުވާ ކަމެއް ކަމަށެވެ. ވަކިވަކި ނޫސްވެރިންނާއި މީޑިއާތަކަށް އަމާޒުކޮށް ފުލުހުން ހިންގާ އެފަދަ އަމަލުތައް އެ ޖަމްއިއްޔާއިން ކުށްވެރިކުރާ ކަމަށް ވެސް ބުނެ އެވެ.
އެ ޖަމްއިއްޔާއިން ގަބޫލުކުރާ ގޮތުގައި މުޒާހަރާތަކާއި އެއްވުންތައް ކަވަރު ކުރުމުގެ ފުރުސަތު ހުރިހާ ނޫސްވެރިންނާއި މީޑިއާގެ ފަރާތްތަކަށް ހަމަހަމަ ގޮތެއްގައި އަދި މުޒާހަރާތަކާއި އެއްވުންތަކުގެ ހަބަރާއި މައުލޫމާތު އާންމުންނާ ހަމައަށް ފޯރުކޮށްދިނުމަށް ހަރަކާތްތެރިވާ ނޫސްވެރިންނަށް ރައްކާތެރިކަން ފޯރުކޮށްދީ، މުޒާހަރާ ކަވަރުކުރުމަށް މީޑިއާގެ ފަރާތްތަކަށް ފަހި މާހައުލެއް ތަނަވަސްކޮށްދޭން ޖެހޭ ކަމަށް ވެސް ބުނެ އެވެ.