ads
އައްޑޫ ސިޓީ ލިންކް ރޯޑް---
އައްޑޫގެ މަގުހެދުމުގެ މަސައްކަތް އިންޑިއާގެ ކުންފުޏަކާއި ހަވާލުކޮށްފި
އިންޑިއަން އެގްޒިމް ބޭންކުގެ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓްގެ (އެލްއޯސީ) ދަށުން ކުރިއަށްގެންދާ އައްޑު ސީޓީ ތަރައްގީ ކުރުމުގެ މަޝްރޫއުގެ ތެރެއިން މަގުހެދުމުގެ މަސައްކަތް އިންޑިއާގެ ކުންފުންޏަކާއި ހަވާލުކޮށްފި އެވެ.

އެ މަޝްރޫއުގެ ތެރެއިން މަގުހެދުމުގެ އަމަލީ މަސައްކަތް ހަވާލުކޮށްފައިވަނީ އިންޑިއާގެ "އެފްކޮންސް އިންފްރާސްޓްރަކްޗާ ލިމިޓެޑް" އާއެކުއެވެ. އެ މަސައްކަތް ކުރުމަށްޓަކައި ކޮންޓްރެކްޓަރުން ޕްރީކޮލިފައި ކުރުމުގެ މަސައްކަތް އިންޑިއާގައި ހުޅުވާލާފައިވަނީ މިދިޔައަހަރުގެ އޮގަސްޓް 11 އިން ސެޕްޓެމްބަރު މަހުގެ 24ވަނަ ދުވަހަހުގެ ނިޔަލަށެވެ.

ޕްރީކޮލިފައިވި ފަރާތްތައް އިވެލުއޭޝަން މަރުހަލާނިމި ދިވެހި ސަރުކާރާ ހިއްސާ ކުރައްވާފައިވަނީ އެއަހަރުގެ ނޮވެމްބަރު މަހުގެ 10 ވަނަ ދުވަހުއެވެ. އެގޮތުން ޝޯޓްލިސްޓް ކުރެވުނު ފަރާތްތަކަށް 2020ވަނަ އަހަރުގެ ނޮވެމްބަރު 26ވަނަ ދުވަހު ޓެންޑާ ޑޮކިއުމަންޓް ވަނީ ފޯރުކޮށްދީފައިވާ ކަމަށް ހައުސިން މިނިސްޓްރީން ވަނީ ބުނެފައެވެ. އަދި މިއަަހަރުގެ ޖެނުއަރީމަހުގެ 19ވަނަ ދުވަހު ހުޅުވުނު ބިޑް ތަކުގެ އިވެލުއޭޝަން މަރުހަލާ ނިންމާ ސޮއިކުރުމުގެ ހުއްދަ އެގްޒިމް ބޭންކުގެ ފަރާތުން 19 ފެބްރުއަރީ 2021 ގައި ދީފައިވާތީ އެ މަޝްރޫއު ކާމިޔާބުކޮށްފައިވާ "އެފްކޮންސް އިންފްރާސްޓްރަކްޗާ ލިމިޓެޑް"އާއެކު މަޝްރޫއުގެ އަމަލީ މަސައްކަތް ކުރުމަށް މިނިސްޓްރީގެ ފަރާތުން ސޮއިކުރައްވާފައިވަނީ މިއަދުއެވެ. 

އައްޑޫސިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓަކީ އިންޑިއަން އެގްޒިމް ބޭންކުގެ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓްގެ (އެލްއޯސީ) ދަށުން ކުރިއަށްގެންދިޔުމަށް ހަމަޖެހުނު ދެވަނަ އަށް އެންމެ ބޮޑު މަޝްރޫއުއެވެ. އެމަޝްރޫއުގެ ތެރޭގައި ހިމެނެނީ އައްޑޫގެ ތަރައްގީއަށް ބޭނުންވާ ބިންހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ އިތުރުން މަގުތައް ހެދުމާއެކު އައްޑޫއަށް ދިމާވާ ފެންބޮޑުވުމުގެ މައްސަލައަށް ހައްލެއް ގެނައުމަށް ފެންހިންދާ ނިޒާމެއް ގާއިމްކުރުމެވެ. 

މި މަޝްރޫޢުގެ މަސައްކަތް ކުރިއަށް ގެންދިޔުމަށްޓަކައި އެންމެ ފުރަތަމަ ކުރިއަށްގެންދެވުނީ ސަރުކާރުން ބޭނުންވާ ސްކޯޕަށް ޑީޓެއިލްޑް ޕްރޮޖެކްޓް ރިޕޯޓެއް(ޑީ.ޕީ.އާރ) ތައްޔާރުކުރުމަށާއި އެމަޝްރޫއުގެ އަމަލީ މަސައްކަތް ކުރިއަށްދާއިރު ޕްރޮޖެކްޓް މެނޭޖްމަންޓް ކޮންސަލްޓަންސީ މަސައްކަތް ކުރިއަށްގެންދިޔުމަށް ކޮންސަލްޓަންޓަކު އައްޔަންކުރުމަށްޓަކައި ކުރެވުނު މަސައްކަތެވެ.

އައްޑޫގެ މަގު ހެދުމުގެ މަޝްރޫއުގެ ދަށުން އައްޑޫ ސިޓީ ހިތަދޫ، މަރަދޫ، މަރަދޫފޭދު، ފޭދޫ، ހުޅުދޫ އަދި މީދޫ ހިމެނޭގޮތަށް ޖުމްލަ 40 ކިލޯމީޓަރުގެ މަގުގައި ތާރު އެޅިގެންދާނެއެވެ. އޭގެއިތުރުން، ތާރުއެޅުމަށް ކަނޑައެޅިފައިވާ މަގުތަކުގެ އިތުރުން ގާތްގަނޑަކަށް 60 ކިލޯމީޓަރުގެ މަގުގައި ސިމެންތި ސްޓެބިލައިޒްޑް ބޭސް (ސިއެސްބީ) ލެޔަރ އެޅުމަށް ވަނީ ހަމަޖެހިފައިވެއެވެ. މި ސީއެސްބީ ލޭޔަރުގެ މަގުސަދަކީ ގާއިމް ކުރެވޭ ފެންހިންދާ ނިޒާމުގެ ތެރެއަށް ވެލި އެޅި ދިމާވެދާނެ މައްސަލަތަކުން ރައްކާތެރިވުމެވެ.

މިހާރު ތާރުއަޅާފައިވާ މަގުތަކުގެ ތެރެއިން ޖުމްލަ 3.4 ކިލޯމީޓަރު މަގުގެ ރީސާފޭސިން މަސައްކަތް ކުރުމަށް ހަމަޖެހިފައިވާއިރު، ތަރައްގީކުރެވޭ މަގުތަކުގައި މަގުބައްތި، ސީސީޓީވީ ކެމެރާ އަދި އެހެނިހެން ޓްރެފިކް ރައްކާތެރިކަމުގެ ފިޔަވަޅުތައް ގާއިމްކުރެވޭނެކަމަށް ހައުސިން މިނިސްޓްރީން ބުނެއެވެ

އަދި އައްޑޫ ސިޓީ ހަންކެޑެ ހިމެނޭ ސަރަހައްދުގައި މިހާރު ބޭނުންކުރަމުންދާ ލިންކް ރޯޑުގެ ހުޅަނގުން ހަންކެނޑެއަށް ނާރާ ގޮތަށް ހިތަދޫ ގައުކެޑިއާއި މަރަދޫއާއި ގުޅާލުމަށްޓަކައި 1.463 ކިލޯމީޓަރުގެ އާ ހަތަރު ލޭންގެ ޑީޓުއާ ލިންކް ރޯޑެއް މިމަޝްރޫއުގެ ދަށުން ގާއިމްކުރާނެއެވެ.

ހައުސިން މިނިސްޓްރީން ބުނީ އައްޑޫ ސިޓީ ޑިވެލޮޕްމަންޓް މަޝްރޫއުގައި ހިމެނޭ ބިންހިއްކުމުގެ އަމަލީ މަސައްކަތް ކުރިއަށްގެންދިޔުމަށްވެސް އިންޑިޔާގައި އިއުލާންކޮށް ޕްރީކޮލިފިކޭޝަން މަރުހަލާ ވަނީނިންމާފަކަމަށާއި އެމަޝްރޫއުގެ ޓެންޑާ މަރުހަލާވެސް ކުރިއަށް އޮތް މަސްދުވަހުގެ ތެރޭގައި ފެށޭނެކަމަށެވެ.

88%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
13%
ވަރަށް ސަލާމް
ކޮމެންޓްސް