ads
ފޮޓޯ:ވަން އޮންލައިން
ދިވެހިންނަށް ވިސްނޭނީ ކޮން ދުވަހަކުން؟
ކޮވިޑް-19ގެ ބަލިމަޑުކަމުގައި އަހަރެއް ވެގެން މިދަނީ މިބަލިމަޑުކަމުން އަރައިގަނެވޭނެ ގޮތެއް، އަދި ދުވަހެއް ވެސް ނޭނގިއެވެ. ސިއްހީ ހިދުމަތްތެރިން ދަނީ ވަރުބަލި ވަމުންނެވެ. ހިދުމަތްދޭން ހުރި ތަންތަން މިދަނީ ފުރި ބާރުވަމުންނެވެ. އެހެންނަމަވެސް މިކުޑަކުޑަ ގައުމުގައި މިކަން ވިސްނޭ ހަމަ އެކަކުވެސް ހުރި ބާވައޭ ބައެއް ފަހަރު ހިތަށް އަރައެވެ.

ފުރާނައަކަށްފަހު ފުރާނައެއް މިދަނީ ހީނުކުރާހާ އަވަހަށް އަހަރެމެންނާ ވަކިވަމުންނެވެ. ކޮންމެވެސް މީހެއްގެ ބައްޕައެކެވެ. ބޭބެއެކެވެ. ކާފައެކެވެ. ނޫނީ މާމައެއް، މަންމައެއް ނުވަތަ ކޮންމެވެސް މީހެއްގެ ދައްތައެކެވެ. ހަމަ އަހަރެމެންގެ މީހުންނެވެ. 

މުޅި ދުނިޔެއަށް ކުރިމަތިވެފައި މިވާ އާލަމީ ވަބާ ކޮވިޑް-19 އާ އެކި މީހުން ކުރިމަތިލަމުންދަނީ އެކި މިންވަރަށެވެ. އެއްބަޔަކަށް މިއީ އާދައިގެ ރޯގާއެއް ކަހަލަ ގޮތަކަށް ޖެހި ފަސޭހަވެގެން ދާއިރު އަނެއް ބަޔަކު މިބަލީގައި ބޮޑުވަރުވެ ފުރާނައަށް ނުރައްކާވާ ހިސާބަށްވެސް ދެ އެެވެ. އެފަދަ ބަލިމީހާ އާއި  އާއިލާތަކުން ތަހައްމަލު ކުރަމުންދާ ހިތްދަތިކަމާއި ވޭނާއި ކެކުޅުން  އަހަރެމެންނަށް ނޭނގުނަސް އެފަދަ ބަޔަކުވެސް މިމުޖުތަމައުގައި އުޅޭކަން ވެސް ދަންނަންޖެހެއެވެ. 

ކޮވިޑްގެ ބަލިމަޑުކަމުން ސަލާމަތްވުމަށް އޮތް ހަމައެކަނި ހައްލެއްގެ ގޮތުގައި ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ލާފާކޮށްފައިވާ ކަމަކީ ކޮވިޑުން ރައްކާތެެރިވުމަށް ވެކްސިންގެ ރައްކާތެރިކަން ހޯދުންކަމަށް ވިޔަސް ވެކްސިންގެ ފުރިހަމަ ރައްކާތެރިކަން އިންސާނާގެ ހަށިގަނޑަށް ވާސިލުވުމަށް ދެ ޑޯޒް ފުރިހަމަ ކުރަންޖެހެ އެވެ. އަދި ވެކްސިން ޖެހުމަށް ފަހުވެސް އެންމެ ފުރިހަމަ ރައްކާތެރިކަމެއް ލިބޭނެ ކަމުގެ ސީދާ ޔަގީންކަން ނެތުމުން މިބަލިމަޑުކަމުން ދުނިޔެ ސަލާމަތްވާނެ ދުވަހެއް އަދި ބުނާކަން ނޭނގެ އެވެ.

މިކަން މިހެންއޮތްއިރު އަހަަރެމެންނަށް މިވަގުތަށް ރައްކާތެެރިކަން ލިބެން އޮތީ އަމިއްލަ ފަރުދީ ޒިންމާ އެންމެ ފުރިހަމައަށް އަދާކޮށްގެން ކަމީ ޝައްކެތް އޮތްކަމެއް ނޫނެވެ. މިކަމަށްޓަކައި ސިއްހީ މާހިރުން އަޅަންޖެހޭ ފިޔަވަޅުތައް ދަނީ އަޅަމުންނެވެ. މިވަގުތަށް އަޅަންޖެހޭ ފިޔަވަޅުތައް ވަރުގަދަކޮށްފައިވާއިރު، އަނެއްކާވެސް ލޮކްޑައުންއަކާއި ދިމާލަށް ނުގޮސް މިހާލަތު ކޮންޓްރޯލް ކުރެވޭތޯވެސް ސިއްހީ މާހިރުން މިދަނީ ލައްކަ މަސައްކަތް ކުރަމުންނެވެ. 

މިބައްޔަކީ އެކަކުގެ ގައިން  އަނެކަކުގެ ގަޔަށް ފަސޭހަކަމާއެކު ވާސިލުވާ ބައްޔަކަށްވުމުން އަދި ހާއްސަކޮށް މިފަހަކަށް އައިސް ރާއްޖެއިން ފެންނަ ގިނަ ކޭސްތަކެއް ގުޅިފައިވަނީ އަލަށް ފެނުނު ޔޫކޭ ވޭރިއަންޓާއި ކަމަށް ވާތީ މިހާލަތު މިދަނީ އިތުރަށް ނުރައްކާވަމުން ވެ. މިވޭރިއަންޓަކީ އެކަކުގެ ކިބައިން  އަނެކަކުގެ ގަޔަށް  ކުޑަވަގުތުކޮޅެއްގެ ތެރޭގައި ވަރަށް   އަވަހަށް ވާސިލުވާ ވައިރަހަކަށް ވުމުންނާއި، މި ވޭރިއަންޓްއަކީ  ކުރިން ބަލިޖެހިފަތިބި ތިބި މީހުންނަށާއި، ވެކްސިންޖަހާފައިވާ މީހުންނަށްވެސް ޖެހުމުގެ ފުރުސަތު އޮތް ވޭރިއަންޓް އަކަށް ވާތީ މިއީ މި ބަލީގެ ނުރައްކާތެރިކަން އިތުރަށް ބޮޑުވަމުން ދާކަމެއް ކަމުގައި ޑޮކްޓަރުން ވިދާޅުވެއެވެ. 

އެހެންކަމުން އެކަކު އަނެކަކާއި ގައިދުރިމިން ބެހެއްޓުމާއި އެއްވެ އުޅުން މަދުކުރުމަކީ ކޮންމެހެން މުހިންމު ކަމެކެވެ. އަދި އެކަމަށްޓަކައި އެޗްޕީއޭއިން ވަނީ އެންމެ ގިނަވެގެން 10 މީހުންނަށްވުރެ ގިނަ ވާގޮތަށް ހަފްލާތަކާއި އެއްވުންތައް ނުބޭއްވުމަށް އިލްތިމާސްކޮށްފައެވެ. އެއީ ހަމަ އެންމެންގެ ސަލާމަތާއި  ރައްކާތެރިކަމަށްޓަކައެވެ. 

ނަމަވެސް ހަފްލާތަކާއި އެއްވުންތައް ބޭއްވުން ހުއްޓުމަކަަށް ނާދެއެވެ. ކައިވެނި ހަފްލާތަކުން ފެށިގެން އިހްތިޖާޖްތައްވެސް ދަނީ ބާއްވަމުންނެވެ. ގްރޭޑް އެކަކުން ފެށިގެން ގްރޭޑް ހައެއްގެ ދަރިވަރުންނަށް ސްކޫލްތައް ބަންދުކޮށް އޮންލައިންކޮށް ކިޔަވައިދޭން ފެށި ނަމަވެސް ބައެއް ސްކޫލްތަކުން މި ގްރޭޑްތަކުގެ ބައެއް ދަރިވަރުންނަށް އިތުރު އެހީ ފޯރުކޮށްދިނުމަށްޓަކައި ހަފުތާއަކު ހަތަރު ދުވަހު ސްކޫލަށް ހާޒިރުކޮށްގެން ކިޔަވައިދެމުން ގެންދާކަމަށް ވެ އެވެ. މިކަންކަން މި ގޮތަށް ހިނގާ އިރު އެޗްޕީއޭއަށް މިކަންކަން ބެލެނީ ކިހާވަރަކަށްތޯ އެވެ. ނުވަތަ މިއީ އެޗްޕީއޭއިން ހުއްދަ ލިބިގެން ހިންގާ ކަންކަންތޯ އެވެ. 

މިއީ ކިހާ ނުރައްކާތެރިކަމެއްކަން ހަމަ އެއްވެސް ވަރަކަށް ނޭނގެނީ ބާއެވެ. މިކަންކަން ސީދާ މަނާކޮށްފައި ވަނީ ވެސް މިފަދަ ހަފްލާތަކުގެ ސަބަބުން އެތައް ބަޔަކު ނުރައްކަލަށް ހުށަހެޅިގެންދާނެތީއެވެ. އެއީ އަހަރުމެން މާޒީގައި ތަޖުރިބާކޮށްފައިވާ ކަމެކެވެ. 

 ކޮވިޑްގެ ހާލަތުން ގާތްގަނޑަކަށް އަރައިގަނެވިފައިވަނިކޮށް މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 20 ވަނަ ދުވަހު ޝީ ބިލްޑިންގައި ބޭއްވި ކައިވެނި ހަފްލާއާ ގުޅިގެން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު 100އިން މައްޗަށް އަރައިގެންގޮސް ހާލަތު އަނެއްކާވެސް ގޯސްވެގެންދިޔަކަން މިހާރު ހަނދާން ނެތް ކަހަލަ އެވެ. 

ކައިވެނި ހަފްލާއާ ގުޅިގެން އުފެދުނު މި ކްލަސްޓާއިން މިއަހަރުގެ ޖެނުއަރީ މަހާ ހަމައަށް ވެެސް 100 އެތައް ކޭހެއް ރިޕޯޓުކުރެވުނުއިރު އޭގެތެރެއިން 60 މީހުންނަކީ ޝީގައި ބޭއްވުނު ކަައިވެނި ޕާޓީއަށް ގޮސްފައިވާ މީހުންނެވެ. އަނެއް ބަޔަކީ ޕާޓީއަށް ދިޔަ މީހުންގެ ގޭގޭގައި ދިރިއުޅޭ މީހުންނާއި ކޮންޓެކްޓުންގެ ތެރެއިން ޕޮޒިޓިވްވެފައިވާ ކޭސްތަކެވެ. އޭގެ އިތުރުން މަސައްކަތު މާހައުލުންވެސް ޕޮޒިޓިވް ކޭސްތައް ރިޕޯޓްކުރެވުނުއިރު، އެ ކްލަސްޓާއާއި ގުޅިގެން 300 ކޮންޓެކްޓުން ހޯދައި ކަރަންޓީން ކުރެވިފައިވެއެވެ. އަދި އެ ކޭސްތަކާއި ގުޅިގެން 400އަށްވުރެ ގިނަ ސާމްޕަލް ވެސް ނަގާފައިވެއެވެ. 

އެހެންނަމަވެސް އެކަންކަން ހަނދާން ނައްތާލިލެއް ހާދަ އަވަހެވެ. އަނެއްކާވެސް ފިޔަވަޅުތައް ވަރުގަދަކޮށްފައިވާއިރު ބަލީގެ ހާލަތު މިދަނީ ބޮޑުތަނުން ގޯސްވަމުންނެވެ. ނަމަވެސް އަނެއްކާވެސް ހަފްލާތައްވެސް ބާއްވަން ފަށައިފި އެވެ. އެއްބަޔަކު ހައްގު ނުލިބިގެން މަގުމަތީ އިހްތިޖާޖްތައްވެސް ބާއްވަނީއެވެ. 

ވިސްނާނީ ކޮން ބައެއް ހެއްޔެވެ؟ ހާލަތުން އަރައިގަންނަން އަހަރެމެން މަސައްކަތް މިކުރަނީ ކިހިނެތް ހެއްޔެވެ؟ މާޒީން ލިބުނު ފިލާވަޅުން އިބުރަތް ހާސިލުކުރާކަށް ނުވޭތޯއެވެ؟ އަހަރެމެންނަށް ވިސްނޭނީ ކޮންދުވަހަކުން ކިހާވަރެެއް ވީމަތޯއެވެ؟

33%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
33%
ސަތޭކައަކުން ސުމެއް
33%
ވަރަށް ސަލާމް
ކޮމެންޓްސް