އެޗްޕީއޭއިން އާންމު ކުރި ބަޔާނެއްގައި ބުނެފައިވަނީ، އެ އޭޖެންސީން ވަކި ގޮތެއް އަންގަންދެން ނޭކުރެންދޫ މޮނީޓަރިންގެ ހާލަތަށް ގެނެސްފައި ވާ ކަމަށެވެ.
މީގެ އިތުރުން އެ ރަށް މޮނީޓަރިންގެ ހާލަތަށް ގެނައުމާއި ގުޅިގެން ވަނީ ރަށަށް އަރާ ފޭބުން މަނާ ކޮށްފައެވެ.
މިކަމާ ގުޅިގެން ސީއެންއެމް އަށް މައުލޫމާތު ދެއްވަމުން އެ ރަށު ކައުންސިލްގެ ރައީސް އަލީ އާދަމް ވިދާޅުވީ ރޭގެ ވަގުތެއްގައި ރަށް މޮނީޓަރިންގެ ހާލަތަށް ގެނައީ ރަށުން ރިސޯޓަކަށް ދިޔަ މީހަކު ކޮވިޑަށް ޕޮޒިޓިވް ވުމާއި ގުޅިގެން ކަމަށެވެ.
އެގޮތުން ޕޮޒިޓިވްވި މީހާއަކީ ރަށަށް އައިސް ކަރަންޓީނު ފުރިހަމަ ކުރުމަށް ފަހު އިތުރު 20 ވަރަކަށް ދުވަހު ރަށުގައި ހުރެފައި ރިސޯޓަށް ދިޔަ މީހެއް ކަމަށް އާދަމް ވިދާޅުވިއެވެ.
މިހާތަނަށް އޭނާގެ ޑައިރެކްޓް ކޮންޓެކްޓުންގެ ގޮތުގައި ފާހަގަވެފައިވަނީ އަށް މީހުން ކަމަށާއި، އެމީހުން ޓެސްޓު ކުރުމަށް ސާމްޕަލް ނަގަމުން އަންނަ ކަމަށް އާދަމް ވިދާޅުވިއެވެ.
މީގެ އިތުރުން ރަށުގައި ރެންޑަމް ސާމްޕަލް ނެގުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ވެސް އާދަމް ވިދާޅުވިއެވެ.