ads
އިލްމުވެރިންގެ ގުޅުން---ފޮޓޯ: ވަން އޮންލައިން
ހަސަން ލަތީފުގެ ގަރާރު، ދީނާ ހިލާފު: އިލްމުވެރިންގެ ގުޅުން
"ޒުވާނުންނަށް ހާސްކަމުން ބޭރުގައި އުފާވެރި މާހައުލެއްގައި ހީސަމާސާކޮށް މަޖާކޮށްލައި، އެއްވެ ތިބެވޭނެ ފަދަ މަރުކަޒެއް" ގާއިމު ކޮށްދިނުމަށް ގޮވާލާ ހެންވޭރު ހުޅަގު ދާއިރާގެ މެމްބަރު ހަސަން ލަތީފުހުށަހެޅުއްވި ގަރާރަކީ ދީނާ ހިލާފު ގަރާރެއް ކަމަށް އިލްމުވެރިންގެ ގުޅުމުން ބުނެފި އެވެ.

އިލްމުވެރިންގެ ގުޅުމުން މިހެން ބުނެފައި ވަނީ ފަސް އިލްމުވެރިން ސޮއި ކޮށް ރަށްޔިތުން މަޖިލީހުގެ ރައީސް، ރައީސް ނަޝީދަށް ފޮނުއްވި ސިޓީ އެއްގަ އެވެ.

މީޑިއާއަށް ވެސް އާންމުކުރި އެ ސޓީގައި ބުނެފައި ވަނީ މުސްލިމު އުންމަތެއްގެ ކަންކަން ހިންގާނެ ގޮތްތައް ކަނޑައެޅުމުގެ މަސްއޫލިއްޔަތާއި ޒިންމާއާ ހަވާލުވެ ހުންނަވާ ކޮންމެ ފަރާތަކީ، އެބައެއްގެ ތެރޭގައި ދީނީ އުސޫލުތައް ހިފަހައްޓައި އިސްލާމް ދީން ނެގެހެއްޓޭނެ ގޮތަށް ކަންކަން އިންތިޒާމުކޮށް ބައްޓަންކުރުމުގެ ޒިންމާއާ ހަވާލުވެފައިވާ ފަރާތެއް ކަމަށާއި އެކަމަށްޓަކައި މުސްލިމުންނަށް ނިސްބަތްވާ ކޮންމެ ތަނަކާއި ތަކެއްޗެއް ހިމާޔަތްކޮށް ރައްކާތެރިކޮށް މިނިވަންކަން ދެމިއޮންނާނެ ގޮތަށް ދެމެހެއްޓުމާއި، އެބައެއްގެ ތެރޭގައި އޭގެ އަދްލު ނުގެއްލި ރައްކާރެތިކަމާއެކު ދެމިއޮންނާނެގޮތަށް ކަންކަން ރާވަންޖެހޭ ކަމަށެވެ.

"އިސްލާމް ދީނުގައި ޝަރުއު ކުރައްވާފައިވާ އިމުން ބޭރުން، މުނިފޫހި ފިލުވުމުގެ ނަމުގައި، ރާއްޖޭގެ ފަސްގަނޑުގައި ފާޙިޝް ކަންކަން އިތުރަށް ފެތުރި، ބޮޑެތި މުންކަރާތްތަކާއި ފަސާދަތައް އެކަމުގެ ސަބަބުން އާންމުވެ ދެމިގެންދާނެ ފަދަ ގޮތަކަށް ހިލޭ އަންހުންނާއި ފިރިހެނުން މަސްހުނިވެ، މުރޫއަތްތެރިކަމުގެ ފޭރާން ވީދިގެންދާނޭ ފަދަ ކަންކަމަށް މަޖިލީހުގެ މެމްބަރުން މަޖްލީހުގައި ވަކާލާތު ކުރެވި، ތާއީދުކުރެވެން އެއްވެސް މިންވަރަކަށް ޖާގަދެވުމަކީ، މާތް ﷲގެ ދަރުބާރުގައި ކުށްވެރިވެ އެހުރިހާ ކަމެއްގެ ހިތި ނަތީޖާގެ ޒިންމާ ނަންގަވަން ޖެހިވަޑައިގަންނަވާނެ ކަންކަން ކަމުގައިވާތީ އެކަލާނގެއަށް ބިރުވެތިވެ ތަގްވާވެރިވުމަށް، ރައްޔިތުންގެ ހައްގުގައި ވަކާލާތު ކުރުމަށްޓަކައި ދިވެހި ރައްޔިތުން އައްޔަނުކޮށްފައިވާ އެންމެހާ މަންދޫބުންނަށް ވަސިއްޔަތް ކުރަން،" -އިލްމުވެރިންގެ ގުޅުން-

އަދި އެހުރިހައި ކަމަކަށް ބަސްބުނުމުގެ ބާރު މާތް ﷲ ގެ ހަސްރަތުން ދެއްވައި، އެ ޒިންމާތަކަކާ ހަވާލުކުރައްވައި އިމްތިހާނު ކުރިމަތި ކުރައްވާފައިވާ ފަރާތްތަކުގެ ގޮތުގައި މިއަދު ދިވެހި ފަސްގަނޑުގައި ތިއްބެވި އެންމެ އިސް ފަރާތްތަކުގެ ތެރޭގައި ދިވެހިރާއްޖޭގެ އިއްޒަތްތެރި ރައްޔިތުންގެ މަޖިލީހުގެ އެންމެހާ މެންބަރުން ހިމެނިވަޑައިގަންނަވާ ކަމަށެވެ.

"މަޖްލިސް ތެރޭގައި ކަންހިނގާ ގޮތާއި ދެކެވޭ ވާހަކަތަކުގައި އިސްލާމް ދީނާއި ރާއްޖޭގެ ގާނޫނު އަސާސީއާ ވެސް ހިލާފުވާ މަގުން ބައެއް ފަހަރު ކަންކަން ހިނގައިދާކަމީ ފާހަގަވާ ކަމެއް ކަމަށާއި އެގޮތުން، މިފަހުން ރައްޔިތުންގެ މަޖްލީހުގެ ތަޅުމަށް ހުށައެޅިގެން ދިޔަ "މާލޭގައި ޒުވާނުންނަށް ހާސްކަމުން ބޭރުގައި އުފާވެރި މާހައުލެއްގައި ހީނސަމާސާކޮށް މަޖާކޮށްލައި، އެއްވެ ތިބެވޭނެ ފަދަ މަރުކަޒެއް ޤާއިމު ކޮށްދިނުމަށް ސަރުކާރަށް ގޮވާލައި ހުށަހަޅާ ޤަރާރު އަކީ އެފަދައިން ފާހަގަވާ ކަންތައްތަކެއް އޭގައި ހިމެނިފައިވާ، އަދި އެފަދަ ރޫހެއް އެކުލެވިގެން އެއާ މެދުގައި ތަޅުމުގައި ވާހަކަ ދެކެވިގެން ދިޔަ ގަރާރެއް،" ސިޓީގައި ބުނެފައިވެއެވެ.

އިސްލާމީ އުސޫލުތަކާއި މުޖުތަމައުގެ އަހްލާގިއްޔަތު ފުނޑުފުނޑުވެ، ގައުމުގެ ޒުވާނުންނަކީ ހަރުދަނާ ވިސްނުމެއްނެތި މުނިފޫހި ފިލުވުމުގެ ނަމުގައި މަޖަލުގެ ތެރޭގައި ހިޔާލެއް ފިކުރެއް ނެތި ވިއްސިވިހާލި ވެގެންދާ ކުނިބުނިތަކެއް ފަދަ ބައެއް ކަމުގައި ވެގެންދިއުމަކީ ގައުމަށް ހެވެއް އެދޭ އެއްވެސް ފަރާތަކުން ބޭނުންވާނެ ގޮތެއްނޫން ކަމަށާއި ގައުމެއްގެ ކުރިމަގު ބިނާވެފައި އޮންނާނީ އެ ގައުމެއްގެ ޒުވާންޖީލުގެ ހަރުދަނާކަމާއި އެމީހުންގެ އަތްމައްޗަށް އުފަންވާ މުސްތަގްބަލުގެ ޖީލުތައް ތަރުބިއްޔަތު ވެގެންދާ ގޮތެއްގެ މައްޗަށް ކަމަށް ވެސް އިލްމުވެރިންގެ ގުޅުމުން ބުނެފައި ވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
50%
ވަރަށް ސަލާމް
ކޮމެންޓްސް