ads
އިމްތިޔާޒް ފަހުމީ
ރޮކް މިއުޒިކަކީ ހަރާމް އެއްޗެއް ކަމަށް ކަނޑައެއް ނޭޅޭނެ: އިމްތިޔާޒް ފަހުމީ
ރޮކް މިއުޒިކަކީ ހަރާމް އެއްޗެއް ކަމަށް ކަނޑައެއް ނޭޅޭނެ ކަމަށާއި، ދީން ހަތިޔާރަކަށް ހަދައިގެން އެންޓި މިއުޒިކް އޮއެވަރެއް އުފައްދަން ފުރުސަތު ދެވިގެން ނުވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ ވިދާޅުވެއްޖެއެވެ.
Advertisement

އިމްތިޔާޒް ފަހުމީ މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހަށް، ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު އަދި އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް، މާލޭގައި ޒުވާނުންނަށް ފަސޭހަކަމާއިއެކު މިއުޒިކް އަޑުއަހާލާ އެކުވެރިންނާއި ބައްދަލުކޮށްލައި، ހާސްކަމުން ބޭރުގައި އުފާވެރި މާހައުލެއްގައި ހީ ސަމާސާކޮށް މަޖާކޮށްލާ އެއްވެ ތިބެވޭނެ ފަދަ މަރުކަޒެއް ގާއިމްކޮށްދިނުމަށް ސަރުކާރަށް ގޮވާލައި ހުށަހަޅާފައިވާ ގަރާރުގެ ބަހުސްގައި ވާހަކަ ދައްކަވަމުންނެވެ. 

އިމްތިޔާޒް ވިދާޅުވީ އިސްލާމް ދީނުގެ ނަމުގައި ދީން ހަތިޔާރަކަށް ހަދައިގެން އެންޓި މިއުޒިކް އޮއެވަރެއް އުފެއްދުމަށްޓަކައި ބައެއް ފަރާތްތަކުން މިހާރު މަސައްކަތް ކުރަމުން އަންނަ ކަމަށާއި، އެކަމަށް ދައުލަތުން ފުރުސަތު ދީގެން ނުވާނެ ކަމަށެވެ.

އިމްތިޔާޒް ވިދާޅުވީ، ރޮކް މިއުޒިކަކީ ހަރާމް އެއްޗަކަށް ވާން ޖެހޭނެ ކަމަށާއި، މަނާ ކުރެވެން ޖެހޭނެ ކަމަށް ދީނީ އިލްމުވެރިއެއް ކަމަށް ބުނާ ބޭފުޅަކު ވިދާޅުވެފައިވާ ކަމަށާއި، މިއީ ދެއްކެވޭނެ ވާހަކައެއް ނޫން ކަމަށެވެ. މި މޭރުމުން ވާހަކަ ދައްކަވަމުން އިމްތިޔާޒް ވަނީ ރޮކް މިއުޒިކަކީ ހަރާމް އެއްޗެއް ކަމަށް އިލްމުވެރިއަކަށް ބުނެވެންވީ ކިހިނެއްތޯ ސުވާލު އުފައްދަވާފައެވެ. 

އިމްތިޔާޒް ވިދާޅުވީ ރޮކް މިއުޒިކް ނޫން ބައެއް ބާވަތުގެ މިއުޒިކު ވެސް ހަރާމް އެއްޗެއް ކަމަށް ބުނަމުންދާ ކަމަށާއި، އެންޓި މިއުޒިކް އޮއެވަރެއް އުފެއްދުމަށްޓަކައި ކުރެވޭ މަސައްކަތްތަކަކީ ކުރެވިގެންވާނެ ކަމެއް ނޫން ކަމަށެވެ. އަދި މިއުޒިކް ކުޅޭ ފަންނުވެރިންގެ ފަންނަށް ހުރަސްއެޅޭ ގޮތަކަށް މިގައުމުގައި ކަންކަން ކުރުމުގެ ފުރުސަތު ދައުލަތުން ދީގެން ނުވާނެ ކަމަށް ވެސް އިމްތިޔާޒް ވަނީ ވިދާޅުވެފައެވެ. 

މީގެ އިތުރުން އިމްތިޔާޒް ވިދާޅުވީ، އާޓިސްޓުންގެ އަގު ވަޒަން ކުރެވެން ޖެހޭނެ ކަމަށާއި، އެމީހުންނަށް އާމްދަނީ ލިބޭނެ ގޮތަކަށް މަސައްކަތް ކުރެވެން ޖެހޭނެ ކަމަށެވެ. އެގޮތުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އެންމެ ލަވައެއްގެ އަގު ރިޒޯޓެއް ވިއްކާލައިގެން ލިބޭ އާމްދަނީއަށް ވުރެ ބޮޑު ކަމަށާއި، ރާއްޖޭގެ އާޓިސްޓުންނަށް ވެސް މިހެން ނުވާންވީ ސަބަބެއް ނެތް ކަމަށެވެ. 

19%
ކަމުގޮސްފި
3%
އަޑުއެހިތާ މިހުރީ
68%
ސަތޭކައަކުން ސުމެއް
10%
ވަރަށް ސަލާމް
ކޮމެންޓްސް